ENGLISH
01 ޖުލައި 2025
ފްލަމެންގޯ އަތުން ޗެލްސީ ބަލިވިއިރު، ޖެކްސަން އަށް ރަތެއް
21 ޖޫން 2025
|
ޗެލްސީ ކޮޅަށް ލަނޑުޖެހުމަށްފަހު ފްލަމެންގޯގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: ރޮއިޓާސް
މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ ކުޅުނު މެޗުގައި ބްރެޒިލްގެ ފްލަމެންގޯ އަތުން 3-1 އިން ޗެލްސީ ބަލިވިއިރު، އެ ޓީމުގެ ފޯވާޑް، ނިކޮލަސް ޖެކްސަން އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފިއެވެ.
މި މޮޅާއެކު، ފްލަމެންގޯ އުޅެނީ ގްރޫޕް ޑީ ގެ އެއްވަނައިގައެވެ. އެ ޓީމަށް ދެ މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. މިއާއެކު، ފްލަމެންގޯ އަށް ވަނީ މުބާރާތުގެ ނޮކްއައުޓް ބުރުން ޖާގަ ލިބިފައެވެ.
ދެވަނައިގައި އޮތް ޗެލްސީ އާއި ތިންވަނައިގައި އުޅޭ އެސްޕަރެންސް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ޗެލްސީ އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. މި ގްރޫޕުން ދެވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ދަތުރުކުރާނެ ޓީމެއް ކަށަވަރުވާނީ ޗެލްސީއާ އެސްޕަރެންސްގެ މެޗަށްފަހު އެވެ. ފުލުގައި އޮތް ލޮސް އެންޖެލަސް އެފްސީ އަށް ޕޮއިންޓެއްނުލިބެއެވެ.
ފިލަޑެލްފިއާގައި ހުންނަ ލިންކަން ފައިނޭންޝަލް ފީލްޑްގައި ކުޅުނު މެޗުގެ ކުރީކޮޅު ޗެލްސީން ވަނީ ލީޑު ނަގައިފައެވެ. 13 ވަނަ މިނެޓުގައި ޗެލްސީ އަށް މި ލަނޑުޖަހައިދިނީ ޕޯޗުގީޒް ވިންގް، ޕެޑްރޯ ނެޓޯ އެވެ. މިއީ މުބާރާތުގައި އޭނާ ޖެހި ދެވަނަ ގޯލެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފްލަމެންގޯ އިން ވަނީ އެއްވަރުކޮށްފައެވެ. މެޗުގެ 62 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ ބްރޫނޯ ހެންރީކް އެވެ. އޭގެ ތިން މިނެޓުފަހުން، ބްރޫނޯ ހެންރީކް ތަނަވަސްކޮށްދިން ފުރުޞަތަކުން ޑަނީލޯ ވަނީ ފްލަމެންގޯ އަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ.
ޗެލްސީ އަށް މައްސަލަތައް ކުރިމަތިވީ، މެޗުގެ 68 ވަނަ މިނެޓުގައި އެ ޓީމުގެ ފޯވާޑް، ނިކޮލަސް ޖެކްސަން އަށް ސީދާ ރަތް ކާޑު ދެއްކުމުންނެވެ. ޖެކްސަން އަށް ރަތް ކާޑު ދެއްކީ ފްލަމެންގޯގެ އައިރްޓަން ލޫކަސް އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.
އޭގެފަހުން، މެޗު ނިމެންދަނިކޮށް ފްލަމެންގޯ އަށް މޮޅު ކަށަވަރުކޮށްދިން ލަނޑު، 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވަލޭސް ޔަން އެވެ.
މި މުބާރާތުގައި ކުޅުނު އަނެއް މެޗުގައި މި ގްރޫޕުގައި ހިމެނޭ އެސްޕަރެންސް ވަނީ 0-1 އިން ލޮސް އެންޖެލަސް އެފްސީ ބަލިކޮށްފައެވެ.