ENGLISH

01 ޖުލައި 2025

Advertisement

ބޯންމަތުގެ ކާކޭޒް ގަތުމަށް ލިވަޕޫލުން އެއްބަސްވުމަކަށް

20 ޖޫން 2025

|

މުޙައްމަދު އަދުހަމް

ބޯންމަތަށް ކުޅެމުންއައި ހަންގޭރީގެ ޑިފެންޑަރު، ކާކޭޒް. ފޮޓޯ: ގެޓީ އިމޭޖަސް

ބޯންމަތުގެ ހަންގޭރީ ވާތުބެކް، މިލޯސް ކާކޭޒް، ގަތުމަށް އެ ކްލަބާއެކު ލިވަޕޫލުން އެއްބަސްވުމަށް އައިސްފައިވާކަމަށް ފަހުގެ މީޑިއާ ހަބަރުތައް ބުނެފިއެވެ.

އުމުރުން 21 އަހަރުގެ ކާކޭޒް، ލިވަޕޫލާ ގުޅެނީ ގާތްގަނޑަކަށް 54 މިލިއަން އެމެރިކާ ޑޮލަރުގެ ޑީލެއްގައި ކަމަށް ވެސް ފަހުގެ ހަބަރުތައް ބުނެއެވެ.

އެގޮތުން، ލިވަޕޫލާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ތައްޔާރުވެފައިވާއިރު، އަންނަ ހަފްތާގައި ކާކޭޒް މެޑިކަލް ފުރިހަމަކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް މީޑިއާ ހަބަރުތައް ބުނެއެވެ.

ކާކޭޒް ޑީލުގެ މަޝްވަރާތައް ލިވަޕޫލުން ފެށުމާއެކު، އޭނާގެ ބަދަލުގައި ބޯންމަތުން ވަނީ ރެނޭސް އިން ވާތު ބެކް، އެޑްރިއެން ޓްރުފާޓް ގެނެސްފައެވެ. އަދި، މިދިޔަ ފިނި މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި އެ މަގާމަށް ކުޅެވޭ އެހެން ކުޅުންތެރިއެއް ކަމަށްވާ، އާޖެންޓީނާގެ 23 އަހަރުން ދަށުގެ ޓީމުގެ ޑިފެންޑަރު، ހޫލިއޯ ސޮލެއާގެ ސޮއި ވެސް ވަނީ ހޯދައިފައެވެ.

މިދިޔަ މާރިޗް މަހުގައި ދިން އިންޓަވިއުއެއްގައި ވެސް ކާކޭޒް ވަނީ، އެންމެ މަތީ ފެންވަރުގައި ބޮޑެތި މުބާރާތްތައް ކުޅެ، ކާމިޔާބުކުރުމަށް އޮތް ޝައުގުވެރިކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ.

މީގެ ދެ އަހަރެއްހާ ދުވަސްކުރީން، 2023 ވަނަ އަހަރުގެ ޖުލައި މަހުގައި ކާކޭޒް، ބޯންމަތުއާ ގުޅުނީ ނެދަލެންޑްސްގެ ކްލަބް އޭޒެޑް އަލްކްމާރް އިން ގާތްގަނޑަކަށް 20 މިލިއަން އެމެރިކާ ޑޮލަރުގެ ޑީލެއްގައެވެ.

ކާކޭޒް ވަނީ، ބޯންމަތުގައި ހޭދަކުރީ ދެ ސީޒަނުގައި މުޅިއެކު 67 މެޗު ކުޅެފައެވެ. އޭނާ ވަނީ، ނިމިދިޔަ ސީޒަނުގެ ޕްރިމިއަރ ލީގުގައި އެ ޓީމުން ކުޅުނު ހުރިހާ މެޗެއް ފުރިހަމަކޮށްފައެވެ. އެގޮތުން، އޭނާ ވަނީ ލީގުގައި 38 މެޗުގައި ހަ ލަނޑުޖަހައި، އިތުރު ދެ ގޯލްޖެހުމަށް އެހީތެރިވެދީފައެވެ.

ދެހާސް ބާވީސް ވަނަ އަހަރުން ފެށިގެން ހަންގޭރީގެ ސީނިއާ ޓީމަށް ކުޅެމުން އަންނަ ކާކޭޒް ވަނީ، މިހާތަނަށް ޤައުމީ ޓީމަށް 23 މެޗު ހަމަކޮށްފައެވެ.

ކާކޭޒްގެ ސޮޔާއެކު އޭނާ ވެގެންދާނީ އައު ސީޒަނަށް ލިވަޕޫލުން ގެންނަ ތިންވަނަ ކުޅުންތެރިޔާ އަށެވެ. މީގެކުރީން، އެ ޓީމުން ވަނީ، ޖަރުމަންގެ މިޑްފީލްޑަރު، ފްލޮރިއަން ވާޓްޒް އާއި ނެދަލެންޑްސްގެ ފުލްބެކް، ޖެރެމީ ފްރިމްޕޮންގުގެ ސޮއި ހޯދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު