ENGLISH

02 ޖުލައި 2025

Advertisement

ކުޑަ އައްޔަ ފަހަތަށް ޖައްސާލުމަށް ފަހު އާމިން ޗެމްޕިއަންކަން ހޯދައިފި

20 ޖޫން 2025

|

މުޙައްމަދު އަދުހަމް

މުބާރާތުގެ މެންސް އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދި އާމިން (ކ) އަށް މާލޭ ސިޓީގެ މޭޔަރ އާޒިމް (ވ) ޓްރޮފީ ހަވާލުކޮށްދެއްވަނީ. ފޮޓޯ: ވަން ސްޕޯޓްސް

ޤައުމީ ބޮޑީބޯޑިންގ ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ، "ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް 2025" ގެ މެންސް އޯޕަން ޗެމްޕިއަންކަން ޒުވާން ބޮޑީބޯޑަރު، އާމިން އުމަރު މޫސާ ހޯދައިފިއެވެ.

ވާދަވެރިކޮށް ފެނުނު މެންސް އޯޕަންގެ ފައިނަލް ހީޓުގައި އާމިން ވަނީ، މުބާރާތުގެ ތާރީޚުގައި އެންމެ ކާމިޔާބު ކުޅުންތެރިޔާ، އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ގެ މައްޗަށް ހަނި ނަތީޖާއަކުން ކުރިހޯދައިފައެވެ.

މުބާރާތުގެ ފައިނަލް ހީޓުން އާމިން ކާމިޔާބު ހޯދީ 13.76 ގެ ސްކޯއެއް ކޮށްގެންނެވެ. ކުޑަ އައްޔަ އަށް ސްކޯ ކުރެވުނީ 13.50 އެވެ.

ފައިނަލް ހީޓުގައި އާމިން ހަ ރާޅުގައި އެޅިއިރު، އޭގެތެރެއިން އެންމެ މަތިން ސްކޯކުރީ ހަތަރެއް އަދި ފަސްވަނަ ރާޅުގައެވެ. ހަތަރުވަނަ ރާޅުގައި 8.33 ސްކޯކުރިއިރު، ފަސްވަނަ ރާޅުގައި ވަނީ 5.43 ގެ ސްކޯއެއް ކޮށްފައެވެ.

މި ކެޓަގަރީގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ، ކުޑަ އައްޔަ ހަތަރު ރާޅުގައި އެޅިއިރު، އޭނާ އެންމެ މަތިން ސްކޯކުރީ ދޭއް އަދި ތިންވަނަ ރާޅުގައެވެ. ދެވަނަ ރާޅުގައި 5.67 ސްކޯކުރިއިރު، ތިންވަނަ ރާޅުގައި ވަނީ 7.83 ގެ ސްކޯއެއް ކޮށްފައެވެ.

ޖޫނިއާ މެންސް ބައިގެ ޗެމްޕިއަންކަން ހޯދީ އިޔާން އަހުމަދު ވަނީ ފައިނަލް ހީޓުގައި 13.00 ސްކޯ ކޮށްފައެވެ. ދެވަނަ އަށް ދިޔައީ މުޙައްމަދު އަޒާން އަހުމަދު އެވެ. އޭނާގެ ސްކޯ އަކީ 10.67 އެވެ.

މި މުބާރާތުގެ ޑްރޮޕްނީ ކެޓަގަރީގެ ފައިނަލްގައ ކުޑަ އައްޔަ ވަނީ، އާމިން ބަލިކޮށްފައެވެ.

މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދިޔަ މުބާރާތުގައި ހުރިހާ އިވެންޓަކުން މުޅިއެކު 23 އެތުލީޓުން ވަނީ ބައިވެރިވެފައެވެ.

މިއީ މި މުބާރާތް ބޭއްވި ހަތްވަނަ ފަހަރެވެ. އަދި، މިއީ ރާއްޖޭގައި ބާއްވާ އެންމެ ދުވަސްވީ ބޮޑީބޯޑިންގ މުބާރާތްވެސް މެއެވެ.

މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތައް:

ޑްރޮޕްނީ:

ޗެމްޕިއަން: އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ)

ދެވަނަ މަގާމް: އާމިން އުމަރު މޫސާ

ތިންވަނަ މަގާމް: މުޙައްމަދު އަޒާން އަހުމަދު / ދާއިން ޢަބްދުލްފައްތާހު

މެންސް އޯޕަން:

ޗެމްޕިއަން: އާމިން އުމަރު މޫސާ

ދެވަނަ މަގާމް: އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ)

ތިންވަނަ މަގާމް: އަލީ ޖާވިދު / އަހުމަދު ނަޒްމީން

ޖޫނިއާ މެންސް:

ޗެމްޕިއަން: އިޔާން އަހުމަދު

ދެވަނަ މަގާމް: މުޙައްމަދު އަޒާން އަހުމަދު

ތިންވަނަ މަގާމް: މުޙައްމަދު ލިބާން / ނޫހް މުޙައްމަދު ދުނައިމް އިރުޝާދު

ކިޔުންތެރިންގެ ހިޔާލު