ENGLISH

02 ޖުލައި 2025

Advertisement

މެސީގެ މޮޅު ކުޅުމާއެކު ޕޯޓޯ އަތުން އިންޓަރ މިއާމީ އަށް ތާރީޚީ ކާމިޔާބީއެއް

20 ޖޫން 2025

|

މުޙައްމަދު އަދުހަމް

އިންޓަރ މިއާމީގެ ކެޕްޓަން، މެސީ. ފޮޓޯ: ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ ކުޅުނު މެޗުގައި ހިލޭޖެހުމަކުން ލިއޮނަލް މެސީ ވައްދާލި ލަނޑާއެކު، ފަހަތުން އަރައި ޕޯޗުގަލްގެ ޕޯޓޯ 2-1 އިން ބަލިކޮށް، އިންޓަރ މިއާމީ އިން ތާރީޚީ ކާމިޔާބީއެއް ހާސިލްކޮށްފިއެވެ.

މިއީ ފީފާގެ ރަސްމީ މުބާރާތެއްގައި ކޮންކާކަފް ޓީމަކުން ޔޫރަޕްގެ ޓީމެއްގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ.

މުބާރާތުގައި މެސީގެ މިއާމީން ކުޅުނު ފުރަތަމަ މެޗުގައި މިސްރުގެ އަލް އަހްލީއާ ވަނީ 0-0 އިން އެއްވަރުވެފައެވެ.

އެޓްލާންޓާގައި ހުންނަ މާސެޑީޒް-ބެންޒް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ކުރީކޮޅު ލީޑު ނެގީ ޕޯޓޯ އިންނެވެ. މެޗު ފެށިތާ އަށް ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް މި ލަނޑުޖަހައިދިނީ ސްޕެއިނުގެ ފޯވާޑް، ސަމޫ އަގެހޯވާ އެވެ. އޭގެފަހުން، ޕޯޓޯގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅައެއް ގޯލްގެ ދަނޑިއަށް އަމާޒުވެފައިވެއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި މިއާމީން އެއްވަރުކުރީ ޓެލަސްކޯ ސެގޯވިއާގެ ލަނޑުންނެވެ.

މި މެޗުން މިއާމީ މޮޅުކޮށްދިން ލަނޑު، 54 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ މެސީ އެވެ.

މި މޮޅާއެކު މިއާމީ ވަނީ މުބާރާތުގައި ކުރިއަށްދިއުމުގެ އުއްމީދު ބޮޑުކޮށްފައެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ދެ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެއްވަނައިގައި އުޅޭ ޕަލްމެއިރާސް އަށް މި އަދަދަށް ޕޮއިންޓް ލިބިގެން، ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި އުޅޭ ޕޯޓޯ އާއި ފުލުގައި އޮތް އަލް އަހްލީ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

މި ގްރޫޕުގައި ހިމެނޭ އަލް އަހްލީއާ ދެކޮޅަށް ކުޅުނު މެޗުން ޕަލްމެއިރާސް މޮޅުވީ 0-2 އިންނެވެ.

މުބާރާތުގައި މިއާމީ ދެން ކުޅޭ މެޗުގައި މި މަހުގެ 24 ވާ އަންގާރަ ދުވަހު ބައްދަލުކުރާނީ ޕަލްމެއިރާސްއާ އެވެ.

ކިޔުންތެރިންގެ ހިޔާލު