ENGLISH
02 ޖުލައި 2025
މެޗުތައް ފެށުން ލަސްކޮށްގެން މެންޗެސްޓަރ ސިޓީއަށް އެއް މިލިއަން ޕައުންޑުގެ ޖޫރިމަނާއެއް
20 ޖޫން 2025
|
މެންޗެސްޓަރ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ-- ފޮޓޯ: ބީބީސީ
މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީން، އެކި ފަހަރު މަތިން މެޗު ފެށުމާއި ދެވަނަ ހާފުގެ ކުޅުން ފެށުން ލަސްކޮށްފައިވާތީ އިނގިރޭސި ފުޓްބޯލް އެސޯސިއޭޝަނުން އެ ޓީމު އެއް މިލިއަން ޕައުންޑުން ޖޫރިމަނާ ކޮށްފިއެވެ.
ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ ސީޒަނުގައި މެންޗެސްޓަރ ސިޓީން ވަނީ ޖުމްލަ ނުވަ ފަހަރެއްގެ މަތިން މެޗުގެ، ނުވަތަ ދެވަނަ ހާފުގެ ކުޅުން ފެށުން ލަސްކޮށްފައެވެ. އަދި އޭގެ ތެރެއިން ވެސް އެންމެ ގިނަ އިރު ވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުޅުނު މެންޗެސްޓަރ ޑަރބީގައި، ދެ މިނެޓާއި 24 ސިކުންތުން ދެވަނަ ހާފުގެ ކުޅުން ފެށުން ލަސްވި މެޗުގައެވެ.
މެންޗެސްޓަރ ސިޓީން، މެޗުތައް ފެށުން ލަސްވެފައިވާކަން ގަބޫލުކޮށް އެކަމަށް މާފަށް އެދިފައިވާކަމަށް ޕްރިމިއަރ ލީގުން ބުނެފައިވާކަމަށް ބީބީސީން ރިޕޯޓުކޮށްފައި ވެއެވެ. އަދި އެ ކުލަބުން 14 ދުވަސް ތެރޭގައި ޖުމްލަ 1.08 މިލިއަން ޕައުންޑުގެ ޖޫރިމަނާ ދައްކަން ޖެހޭނެ ކަމަށްވެސް ބީބީސީން ރިޕޯޓުކޮށްފައި ވެއެވެ.
މިދިޔަ ސީޒަނުގައި އެ ކުލަބުގެ ނުވަ މެޗެއް ފެށުން ލަސްކޮށްގެން ޖޫރިމަނާ ކޮށްފައިވާއިރު، އޭގެ ކުރީ ސީޒަނުގައި ވެސް 22 މެޗެއް ފެށުން ލަސްކޮށްގެން އެ ކުލަބު، ޖުމްލަ 2.09 މިލިއަން ޕައުންޑުން ޖޫރިމަނާ ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރަށް، އެ ކުލަބުން 2009 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ފައިނޭންޝަލް ފެއަރ ޕްލޭ (އެފްއެފްޕީ) ގެ އުސޫލުތަކާ ޚިލާފުވިކަމުގެ ތަފާތު 115 މައްސަލައެއް ބަލާ، ހުކުމްކުރަން ތައްޔާރުވެފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.