ENGLISH

01 ޖުލައި 2025

Advertisement

ރެއާލުން އާޖެންޓީނާގެ ޒުވާން ތަރި، މަސްޓަންޓުއޯނޯގެ ސޮއި ހޯދައިފި

14 ޖޫން 2025

|

މުޙައްމަދު އަދުހަމް

ރިވަރ ޕްލޭޓަށް ކުޅެމުންއައި މަސްޓަންޓުއޯނޯ. ފޮޓޯ: ރޮއިޓާސް

އާޖެންޓީނާގެ ޤައުމީ ފުޓްބޯޅަ ޓީމަށް މިހާތަނަށް ކުޅެފައިވާ އެންމެ ހަގު ކުޅުންތެރިޔާ ކަމަށްވާ، ފްރެންކޯ މަސްޓަންޓުއޯނޯގެ ސޮއި ހޯދުމުގައި ސްޕެއިނުގެ ރެއާލް މެޑްރިޑުން ކާމިޔާބު ހޯދައިފިއެވެ.

ރިވަރޕްލޭޓަށް ކުޅެމުންއައި އުމުރުން 17 އަހަރުގެ މި ކުޅުންތެރިޔާގެ ޓްރާންސްފަރ ފީގެ ގޮތުގައި ރެއާލުން ވަނީ ގާތްގަނޑަކަށް 45 މިލިއަން އެމެރިކާ ޑޮލަރު ދޭން އެއްބަސްވެފައެވެ.

މަސްޓަންޓުއޯނޯ އާއެކު ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ވެސް ރެއާލުން ވަނީ ކަށަވަރުކޮށްދީފައެވެ.

އެޓޭކިންގ މިޑްފީލްޑްގެ އިތުރުން ވިންގަށް ކުޅެވޭ މަސްޓަންޓުއޯނޯ ވަނީ މިދިޔަ ދެ ސީޒަނުގައި ގަވާއިދުން ރިވަރ ޕްލޭޓަށް ކުޅެފައެވެ. އެގޮތުން، މިދިޔަ ފެބުރުއަރީ މަހު ކުޅުނު މެޗެއްގައި ލަނޑުޖަހައި، އޭނާ ވަނީ އެ ކްލަބުގެ ތާރީޚުގައި މިހާތަނަށް ގޯލްޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ.

މިދިޔަ ހަފްތާގައި އާޖެންޓީނާ ކުޅުނު ފީފާ ވޯލްޑް ކަޕް ކޮލިފައިންގ މެޗުގައި ކުޅެން ނުކުމެ، މަސްޓަންޓުއޯނޯ ވަނީ ރަސްމީ މެޗެއްގައި އެ ޓީމަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ޤާއިމުކޮށްފައެވެ. ޗިލީއާ ދެކޮޅަށް އެ މެޗުގައި ކުޅުނުއިރު އޭނާގެ އުމުރަކީ 17 އަހަރެވެ.

ރެއާލާ ގުޅުމުގެ ކުރީން، ޔޫރަޕްގެ ގިނަ ކްލަބުތަކުން ވަނީ މަސްޓަންޓުއޯނޯ އަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އޭނާ އަށް ދުނިޔޭގެ ސަމާލުކަން ބޮޑުވީ، ލީގުގައި މިދިޔަ އޭޕްރިލް މަހު ވާދަވެރި ބޮކާ ޖޫނިއާސްއާ ދެކޮޅަށް ރިވަރ ޕްލޭޓް ކުޅުނު މެޗުގައި ހިލޭޖެހުމަކުން ވައްދާލި ލަނޑުންނެވެ. އެއަށްފަހު، ޕީއެސްޖީ އާއި މެންޗެސްޓަރ ޔުނައިޓެޑް ފަދަ ކްލަބުތަކުން ދިޔައީ އޭނާ އަށް ފާރަލަމުންނެވެ.

މަސްޓަންޓުއޯނޯ ރަސްމީކޮށް ރެއާލާ ގުޅޭނީ އަންނަ އޮގަސްޓް މަހުގެ 14 ގައެވެ. އެއީ، އޭނާ އަށް 18 އަހަރު ފުރުމަށްފަހު އެވެ.

މަސްޓަންޓުއޯނޯ އަކީ ރެއާލުން އަންނަ ސީޒަނަށް ގެނައި ތިންވަނަ ކުޅުންތެރިޔާ އެވެ. މީގެކުރީން، އެ ޓީމުން ވަނީ، ލިވަޕޫލަށް ކުޅެމުންއައި ޓްރެންޓް އެލެގްޒެންޑަރ-އާނޯލްޑްގެ އިތުރުން ބޯންމަތުގެ ސްޕެއިން ޑިފެންޑަރު، ޑީން ހައުސަން ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު