ENGLISH
01 ޖުލައި 2025
ލިވަޕޫލުން ރެކޯޑް އަގެއްގައި ވާޓްޒްގެ ސޮއި ހޯދައިފި
14 ޖޫން 2025
|
ޖަރުމަންގެ މިޑްފީލްޑަރު، ވާޓްޒް. ފޮޓޯ: އޭޕީ
އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން، ލިވަލޫން ރެކޯޑް އަގެއްގައި ބަޔާ ލެވަކޫސަން އަށް ކުޅެމުން އައި ޖަރުމަންގެ މިޑްފީލްޑަރު، ފްލޮރިއަން ވާޓްޒްގެ ސޮއި ހޯދައިފިއެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ވާޓްޒް، 22، ގަތުމަށް ލިވަޕޫލުން ވަނީ ބޯނަސް ހިމެނޭ ގޮތަށް ލެވަކޫސަން އަށް ގާތްގަނޑަކަށް 156.75 މިލިއަން އެމެރިކާ ޑޮލަރު ދޭން އެއްބަސްވެފައެވެ.
އެގޮތުން، ދި އެތުލެޓިކްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ލިވަޕޫލުން ވާޓްޒް އާއެކު ފަސް އަހަރުދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވެއެވެ.
ވާޓްޒްގެ ސޮޔާއެކު މިހާތަނަށް ލިވަޕޫލުން އެންމެ ބޮޑު އަގުގައި ގެނައި ކުޅުންތެރިޔާ އަށް އޭނާ ވެގެންދާނެ އެވެ. ކުރީން، ލިވަޕޫލުން އެންމެ ބޮޑު އަގުގައި ގެނައި ކުޅުންތެރިއަކީ ނެދަލެންޑްސްގެ ޑިފެންޑަރު، ވާޖިލް ވެން ޑައިކް އެވެ. މީގެ 8 އަހަރު ކުރިން، އޭނާ ގަތުމަށް ލިވަޕޫލުން ވަނީ ގާތްގަނޑަކަށް 75 މިލިއަން ޕައުންޑް ދީފައެވެ.
ލިވަޕޫލުން ވާޓްޒްގެ ސޮއިހޯދުމުގައި ކާމިޔާބު ހޯދާފައި މިވަނީ، ލެވަކޫސަން އާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވާ، ޔޫރަޕްގެ ބޮޑެތި ކްލަބުތައް ކަމަށްވާ، ޖަރުމަންގެ ބަޔާން މިއުނިކާއި އިންގްލެންޑްގެ މެންޗެސްޓަރ ސިޓީ ފަހަތަށް ޖައްސާލުމަށްފަހު އެވެ.
ޖަރުމަންގެ ޤައުމީ ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ވާޓްޒް ވަނީ ނިމިދިޔަ ސީޒަނުގައި ލެވަކޫސަން އަށް ކުޅެދިން 45 މެޗުގައި 16 ލަނޑުޖަހައި، އިތުރު 15 ގޯލްޖެހުމަށް އެހީތެރިވެދީފައެވެ.
ވާޓްޒް އަކީ މި ފަހަރުގެ ޓްރާންސްފަރ ބާޒާރުގައި ލިވަޕޫލުން ގެނައި ދެވަނަ ކުޅުންތެރިޔާ އެވެ. މީގެކުރީން، އެ ޓީމުން ވަނީ އޭނާ އާއެކު ލެވަކޫސަން އަށް ކުޅެމުންއައި ނެދަލެންޑްސްގެ ޑިފެންޑަރު، ޖެރެމީ ފްރިމްޕޮންގުގެ ސޮއި ވެސް ހޯދާފައެވެ.