ENGLISH
01 ޖުލައި 2025
ލަންކާ އަތުން ބަލިވިޔަސް ރާއްޖޭން ދެއްކީ ހިތްވަރުގަދަ ކުޅުމެއް
13 ޖޫން 2025
|
ރާއްޖެއާ ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ސޯޅަ އަހަރުން ދަށުގެ ފީބާ އޭޝިއާ ކަޕް ސާބާ ވިމެންސް ކޮލިފަޔާސްގައި ސްރީ ލަންކާ އަތުން ދިވެހިރާއްޖެ ބަލިވެއްޖެއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ރެކޯޑް މޮޅެއް ހޯދީނަމަވެސް، ލަންކާއާ ދެކޮޅަށް ރާއްޖެ އަށް އެއްވަރެއްގައި މޮޅު ކުޅުން ދެއްކޭގޮތެއްނުވިއެވެ.
ލަންކާ އިން މި މެޗު ކާމިޔާބުކުރީ 71-45 އިންނެވެ.
މާލޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗު ފެށިގެން ފުރަތަމަ ކުއާޓާގައި ދެ ޓީމު ވަރަށް އެއްވަރުކޮށް ފެނިގެންދިޔައިރު، މި ކުއާޓާ ނިންމާލީ 15-13 އިން ލަންކާ ކުރީގަ އޮވެގެންނެވެ.
ފުރަތަމަ ކުއާޓާއާ ހިލާފަށް ދެވަނަ ކުއާޓާގައި ލަންކާ އިން ވަނީ، ދެ ޓީމުގެ ފަރަގު ބޮޑުކޮށް، 14 ޕޮއިންޓްގެ ލީޑަކާއެކު، 30-16 އިން ކުރިހޯދާފައެވެ.
ރާއްޖެއާ ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
މެޗުގެ ފުރަތަމަ ހާފަށްފަހު، ތިންވަނަ ކުއާޓާ ފަށައިގެން ރާއްޖޭން ކުޅުން ރަނގަޅުކުރިއިރު، ލަންކާ އިން މި ކުއާޓާގައި 20-18 އިން ކުރިހޯދައި، ލީޑު ވަނީ އިތުރު ދެ ޕޮއިންޓަށް އިތުރުކޮށްފައެވެ. މިއާއެކު، ފުރަތަމަ ތިން ކުއާޓާ އަށް ފަހު، ލަންކާ ލީޑު ކުރަމުންދިޔައީ 50-34 އިންނެވެ.
ހަތަރުވަނަ ކުއާޓާގައި ލަންކާ އިން ވަނީ، ރާއްޖޭ ޓީމު ވަރުބަލިވުމުގެ ފައިދާނަގައި މި ކުއާޓާގައި ލީޑު އިތުރު 10 ޕޮއިންޓަށް ފުޅާކޮށް، ރަނގަޅު ލީޑެއްގައި އޮވެ ނިންމާލައިފައެވެ.
މި މެޗުގައި ލަންކާ މޮޅުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރީ އެ ޓީމުގެ ކެޕްޓަން ބިނޫތީ ޖަޔަސިންހޭ އާއި ތަހާރާ އަރްޒޫން އެވެ. މީގެތެރެއިން، ބިނޫތީ ވަނީ، 24 ޕޮއިންޓާއެކު ހަ ރީބައުންޑްނަގައިފައެވެ. ތަހާރާ 23 ޕޮއިންޓްއެއްކުރިއެވެ.
ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ މަރިޔަމް މަލަކް މުޙައްމަދު ސިފާން އާއި ކަލްސަމް ކައިނާ ނިމާލް އެވެ. މަލަކް ވަނީ 14 ޕޮއިންޓާއެކު، 8 ރީބައުންޑްނަގައިފައެވެ. ކައިނާ 12 ޕޮއިންޓާއެކު ހަތް ރީބައުންޑްނެގިއެވެ.
ކޮލިފައިންގައި ރާއްޖެ ކުޅޭ ތިންވަނަ މެޗުގައި ހޮނިހިރު ދުވަހު ހަވީރު ނިކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.