ENGLISH
28 ޖުލައި 2026
މެކްސިކޯގެ ލެޖެންޑް ޗިޗަރީޓޯ، އެމެރިކާގެ ޔޫއެސްއެލްގެ ޑަލަސްއަށް
28 ޖުލައި 2026
|
މެކްސިކޯގެ މަޝްހޫރު ފޯވާޑް ހަވިއޭ "ޗިޗަރީޓޯ" ހެނާންޑޭޒް --- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
މެކްސިކޯގެ މަޝްހޫރު ފޯވާޑް ހަވިއޭ "ޗިޗަރީޓޯ" ހެނާންޑޭޒް، އެމެރިކާގެ ޔޫއެސްއެލް ޗެމްޕިއަންޝިޕުގައި އަލަށް ވާދަކުރަން ފަށާ ކުލަބެއް ކަމަށްވާ އެތުލެޓިކޯ ޑަލަަސްއާ ގުޅި، އޭނާގެ ފުޓްބޯޅަ ކެރިއަރު ޓެކްސަސްގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.
އުމުރުން 38 އަހަރުގެ ހެނާންޑޭޒް އެތުލެޓިކޯ ޑަލަަސްއާއެކު ސޮއިކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. މި އެއްބަސްވުމުގައި ކުލަބުން ބޭނުންނަމަ އިތުރު އެއް އަހަރަށް މުއްދަތު އިތުރުކުރުގެ އިޚުތިޔާރު އޮވެއެވެ. އަންނަ އަހަރު ކޯޗު ޕީޓާ ލޫސިންގެ އިރުޝާދުގެ ދަށުން ކުޅެން ފަށާ އެ ކުލަބަށް ސޮއިކުރި ފުރަތަމަ ކުޅުންތެރިއަކީވެސް ހެނާންޑޭޒްއެވެ. ނަމަވެސް މި އެއްބަސްވުން ފުރިހަމަވާނީ ލީގާއި ފެޑެރޭޝަނުން މިކަން ތަސްދީގުކުރުމުންނެވެ.
މި ނިންމުމާ ގުޅޭގޮތުން ހެނާންޑޭޒް ބުނީ، "އަހަރެން މިތަނަށް އައީ ހަމައެކަނި ކެރިއަރު ނިންމާލާކަށް ނޫން. އަހަރެން މިއައީ ޑަލަަސްގެ ފުޓްބޯޅައިގެ މުސްތަގުބަލު ބިނާކުރުމަށް އެހީތެރިވެދޭން،" ކަމަށެވެ.
އެމެރިކާގެ ފުޓްބޯޅަ ހައިރާކީގެ ދެވަނަ ފަންތީގެ ލީގު ކަމަށްވާ ޔޫއެސްއެލް ޗެމްޕިއަންޝިޕުގައި ވާދަކުރާ އެތުލެޓިކޯ ޑަލަަސްގެ ހޯމް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ކޮޓަން ބޯލް ސްޓޭޑިއަމްގައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މެކްސިކޯގެ ޗިވާސްއަށް ކުޅުމަށްފަހު، ހެނާންޑޭޒް މިހާތަނަށް ރަސްމީ މެޗެއް ކުޅެފައެއް ނުވެއެވެ. ޗިވާސްގައި އޭނާ ހޭދަކުރި ފަހު ސީޒަނުގައި ތިން ލަނޑު ކާމިޔާބުކުރުމަށްފަހު އޭނާ ހުރީ ހިލޭ އެޖެންޓެއްގެ ގޮތުގައެވެ.
ކުރިން މެންޗެސްޓަރ ޔުނައިޓެޑް، ރެއާލް މެޑްރިޑް، ބަޔާ ލެވަކޫސެން، ވެސްޓް ހޭމް ޔުނައިޓެޑް، ސެވިއްޔާ އަދި ލޮސް އެންޖެލެސް ގެލެކްސީ ފަދަ ދުނިޔޭގެ ނަން މަޝްހޫރު ކުލަބުތަކަށް ކުޅެފައިވާ ހެނާންޑޭޒް ބުނި ގޮތުގައި ކޮންމެ ޒުވާން ކުޅުންތެރިއަކު ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ ނަސީބު އޭނާއަށް ވަނީ ލިބިފައެވެ. ދުނިޔޭގެ އެންމެ ބޮޑެތި ކުލަބުތަކުގެ ޖާޒީގައި، ފޯރިގަދަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެވުނު ނަމަވެސް، މި ފުރުސަތަކީ އޭނާގެ ކެރިއަރުގައި ތަފާތު ތަޖުރިބާއަކަށް ވާނެކަން އޭނާ ފާހަގަކުރިއެވެ.
މެކްސިކޯގެ ޤައުމީ ޓީމަށް ކުޅުނު 109 މެޗުގައި 52 ލަނޑު ޖަހައިގެން، އޭނާއަކީ އެ ޤައުމުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ޤައުމީ ޓީމަށް ކުޅުނު ހެނާންޑޭޒް ވަނީ މި އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ޓީވީ އެނަލިސްޓެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ.
އެތުލެޓިކޯ ޑަލަަސްގެ ފުރަތަމަ ސްކޮޑު އެކުލަވާލުމުގައި ހެނާންޑޭޒް ފަދަ ތަޖުރިބާކާރު ކުޅުންތެރިއެއްގެ ބައިވެރިވުން ލިބުމަކީ އެ ކުލަބަށް ލިބޭ ބޮޑު ކުރިއެރުމެކެވެ. އެ ކުލަބުގެ ކޯޗަކަށް މިދިޔަ ފެބުރުވަރީ މަހު އައްޔަންކުރި ޕީޓާ ލޫސިންއަކީ ކުރިން އެތުލެޓިކޯ މެޑްރިޑަށް ކުޅުނު ހުނަރުވެރި މިޑްފީލްޑަރެކެވެ.
މިއީ ހެނާންޑޭޒްގެ ފުޓްބޯޅަ ކެރިއަރުގައި އޭނާ ކުޅޭނެ އަށްވަނަ ކްލަބެވެ. އަދި މިއީ 2020 އިން 2023 އަށް އެލްއޭ ގެލެކްސީއަށް ކުޅުމަށްފަހު، އޭނާ އެމެރިކާގެ ފުޓްބޯޅައަށް އެނބުރި އައި ފަހަރެވެ.