ENGLISH
28 ޖުލައި 2026
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 ގައި ފަސިންޖަރުންނަށް އަރާމުކުރާނެ އާ ޖާގައެއް ހުޅުވައިފި
28 ޖުލައި 2026
|
ވީއައިއޭގެ ޓާމިނަލް އެކެއްގައި ހުޅުވި އާ ޖާގަ. ފޮޓޯ: އެމްއޭސީއެލް
އެންމެ މަޤްބޫލު
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 ގައި ދަތުރުވެރިންނަށް އަރާމުކުރެވޭނެ އަދި އެކި ޚިދުމަތްތައް ލިބޭނެ އާ ޖާގައެއް ބޭނުންކުރަން ފަށައިފިއެވެ.
މި މަހުގެ 25 ވަނަ ދުވަހު ހުޅުވި މި ޖާގައަކީ އެއާޕޯޓުން ފުރާ ފަރާތްތަކަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދަތުރުވެރިންނަށް ލުއިފަސޭހަ އަދި ހިތްގައިމު މާހައުލެއް ފޯރުކޮށްދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
އަލަށް ހުޅުވި މި ސަރަހައްދާއެކު، ޓާމިނަލްގެ ފުރަތަމަ ބުރީގައި ފަސިންޖަރުން މަޑުކޮށްލައިގެން ތިބުމަށް ގާތްގަނޑަކަށް 750 އަކަމީޓަރުގެ ޖާގައެއް ވަނީ އިތުރުވެފައެވެ. މިތަނުގައި ދަތުރުވެރިން ފުރުމުގެ ކުރިން އަރާމުކޮށްލުމަށްޓަކައި ތަފާތު ވައްތަރުގެ ގޮނޑިތައް އަތުރާފައިވަނީ ހިތްފަސޭހަ ގޮތަކަށެވެ. މީގެ އިތުރުން، އާއިލާތަކާއި ކުޑަކުދިންނަށް އަމާން އަދި އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭނެ ގޮތަށް ފަރުމާކޮށްގެން 136 އަކަމީޓަރުގެ ކުޅޭ ސަރަހައްދެއްވެސް ވަނީ ތަރައްގީކޮށްފައެވެ.
އަލަށް ހުޅުވި ޖާގައިގައި ކުޑަކުދިންނަށް ހާއްސަ ތަނެއް ހަދާފައި. އާ ޖާގައާއެކު ދަތުރުވެރިންނަށް އިތުރު ލުޔެއް ލިބޭނެ. ފޮޓޯ: އެމްއޭސީއެލް
މި ސަރަހައްދުގައި އެކި ލެވެލްތަކުގެ ޕްލޭ ފްލެޓްފޯމްތަކާއި، ރައްކާތެރި ހޮޅިތަކާއި، ވާ އަދި ރިންގު ބޭނުންކޮށްގެން އަރާ ފޭބޭނެ ވަސީލަތްތަކުގެ އިތުރުން ބޯޅަ ކުޅޭ ޖާގައެއް ހިމެނެއެވެ.
ދަތުރުވެރިންނަށް ބޭނުންވާ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން މި ޖާގައިގައި ބޭންކް އޮފް މޯލްޑިވްސްގެ ހާއްސަ ކައުންޓަރެއްވެސް ވަނީ ގާއިމުކޮށްފައެވެ. މި ކައުންޓަރު މެދުވެރިކޮށް ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތާއި، ދިވެހި ރައްޔިތުންނަށް ޑޮލަރު ދޫކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.
މި އާ ޖާގަ ހުޅުވުމަކީ ޓާމިނަލް 1 ގެ ހިދުމަތްތައް ތަރައްގީކުރުމަށް އެމް.އޭ.ސީ.އެލް އިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އަދި މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ޒަމާނީ، ހުރިހާ ފަރާތްތަކަށް ބޭނުންކުރެވޭނެ، އަދި ފަސިންޖަރުންގެ ބޭނުންތަކަށް އިސްކަންދޭ ތަނަކަށް ހެދުމަށް ކުންފުނިން ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.