ENGLISH
23 ޖުލައި 2026
އިހުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ހިންގުމުގެ މަސައްކަތް ފެށިއްޖެ، ބޭނުންވަނީ އެންމެންގެ އެއްބާރުލުން: ވަޒީރު ހީނާ
23 ޖުލައި 2026
|
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު - ފޮޓޯ: އެމްއެމްޓީވީ
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވާފައިވާ އިހުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު ހިންގުމަށްޓަކައި ކުރަންޖެހޭ ކަންކަން ފަށާފައިވާ ކަމަށާއި، ވަކި ކުލައަކަށް ބެލުމެއް ނެތި ހުރިހާ ފަރާތެއްގެ ބައިވެރިވުން ވެސް މިކަމުގައި ބޭނުންވާ ކަމަށް ފަންނާ ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ގައި ވާހަކަ ދައްކަވަމުން ވަޒީރު ހީނާ ވިދާޅުވީ ޤައުމިއްޔަތު އިޢާދަކުރުމުގެ މަޝްރޫޢާއި ޤައުމީ ގޮތެއްގައި އިހުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢަކީ ވެސް ޤައުމަށް މިއަދު ވަރަށް މުހިންމު ދެ ކަންތައް ކަމަށެވެ. ޤައުމާއި، ދިވެހިވަންތަކަމާއި، ދިވެހިންގެ މިނިވަންކަމާ، މި ކަންކަމަކީ އަންނަން އޮތް ޖީލުތަކާ ހަމައަށް ދިވެހީންގެ ގޮތުގައި މި ދެމި ތިބި އަންނާން އެއް ޖީލުތަކާ ހަމައަށް ފޯރުކޮށްދޭންޖެހޭ ކަންތައްތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ ހުރި މުހިންމު ބަހާތަކާއި، މުހިންމު ރުކުންތައް، މުހިންމު އަސާސްތަކުގެ މައްޗަށް އަޅުގަނޑުމެން އެބަޖެހޭ މިއަދުގެ ޒުވާން ޖީލަށް މިއަދުގެ ކުޑަކުދިންނަށް މި ވާހަކަތައް ކިޔައިދީ ފޯރުކޮށްދޭން. ހަމައެއާއެކީގައި މި މަޢުލޫމާތުތައް ނުވަތަ މި ކަންކަން އަޅުގަނޑުމެންގެ މުޖުތަމަޢަށް، އަޅުގަނޑުމެންގެ ހުރިހާ ފަރާތްތަކަށް ވެސް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމުގައި އަޅުގަނޑު ދެކެން. އެކަމަށްޓަކައި އަޅުގަނޑުމެން މިހާރު ޕްރޮގްރާމްތަކެއް ރާވާ ހިންގަމުން އެ ދަނީ. އޭގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ފެށިފައި އެބަހުރި. ސިގްނޭޗަރ ރިސާޗް ޕްރޮގްރާމާއި އަދި ހަމައެހެންމެ ރަށްރަށުގެ މީހުން ތަމްރީނުކޮށްގެން އަޅުގަނޑުމެން ކުރިއަށް ގެންދާ އިހުގެ މީހުންގެ ހަނދާނުގައި ހުރި ބައެއް ކަހަލަ ވާހަކަތައް ހޯދައި އެކޮށްގެން އެ ވާހަކަތައް ޑޮކިއުމެންޓްކުރުން ނުވަތަ ކިތާބުކުރުމުގެ މަސައްކަތްތަކާއި، މިކަހަލަ ކަންތައްތަކެއް އަޅުގަނޑުމެން އެރޭވިގެން ކުރިއަށް އެބަދޭ"، ވަޒީރު ހީނާ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އިހުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވުމާ ގުޅިގެން ކުރަމުންދާ ކަމަކީ، އެކަމާ ގުޅިގެން އިހުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް ހިންގުމަށްޓަކައި ކުރަންޖެހޭ ކަންކަން ބެލުން ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކާއި، ޖަމިއްޔާ ޖަމާޢަތްތަކާއި، ކްލަބްތަކާ، އެކިއެކި ފަރާތްތަކާ ބައްދަލުކޮށް، ވަރކްޝޮޕެއް ބާއްވާ ނިންމާފައިވާ ކަމަށެވެ.
"ވަރަށް ރަނގަޅު މައުލޫމާތުތަކެއް ނުވަތަ ވަރަށް ރަނގަޅު ޚިޔާލުތަކާ ވާހަކަތަކެއް އަޅުގަނޑުމެންނަށް އެބޭބޭފުޅުންގެ ފަރާތުން ލިބިގެންދިޔަ. މިއަދު އެ ހުރިހާ ފަރާތްތަކުން އެބަ އެއްބަސްވޭ މިއަދު އަޅުގަނޑުމެންގެ ޤައުމުގައި މިފަދަ ކަންކަމަށް އަޅުގަނޑުމެން ޚާއްޞަ އަހައްމިއްޔަތެއް ދީގެން ކުރަން އެބަޖެހޭކަން. އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި އިޙުތިރާމުކުރުން، ނުވަތަ ޤަދަރުކުރުން، މައިންބަފައިންނަށް އަޅާލުން، ދުވަސްވީ މީހުންނަށް އަޅާލުން، މަގުމަތީގައި ގަވާއިދުތައް އިޙުތިރާމުކުރުން. އަދި ހަމަ އެހެންމެ މިގޮތަށް އޭރު އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުގައި އަޅުގަނޑުމެންގެ ކިބައިގައި އަޅުގަނޑުމެންގެ މުޖުތަމަޢުން ފެނިގެންދިޔަ މުހިންމު ބައެއް ރީތި ސިފަތައް ނެތިގެން ގޮސްފައިވާތީ، އެކަންކަން މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރެއަށް ގެންނަންޖެހޭކަން އަޅުގަނޑުމެން ހުރިހާ އެންމެން ވެސް މިއަދު ގަބޫލުކުރާ ޙަޤީޤަތެއް"، ވަޒީރު ހީނާ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މުޅި މުޖުތަމަޢާއި މުޖުތަމަޢުގެ ތެރޭގައި އެންމެ އިސް ސަފުގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުން އެއީ، ވަކި ކުލައެއްގައި، ވަކި ފިކުރަކަށް ބެލުމެއްނެތި، އެ ހުރިހާ ބޭފުޅުންގެ ބައިވެރިވުމާ އެކީގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަކީ ކުރަން ބޭނުންވާ ކަންތައްތައް ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ އިރުޝާދުފުޅަކީ ވެސް ވީހާވެސް ގިނަ ބޭފުޅުންގެ ބައިވެރިވުމާއެކީގައި، ވީހާވެސް ގިނަ ބޭފުޅުންގެ ޚިޔާލާއި މަޝްވަރާއާ އެކީގައި، މިފަދަ މަޝްރޫޢެއް ކުރިއަށް ގެންދިޔުން ކަމަށެވެ. އެހެންކަމުން، މިހާރު ކުރަމުންދާ މަސައްކަތަކީ، އެފަދަ ފަރާތްތަކާ ބައްދަލުކޮށް، އެ ފަރާތްތަކުގެ ވާހަކަތައް އަޑުއަހައި، މި ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތުގެ ލިޔެކިޔުންތައް ތައްޔާރުކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.