ENGLISH
22 ޖުލައި 2026
މިދިޔަ ހަފްތާ ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާ ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކޮށްފި
22 ޖުލައި 2026
|
މާލީ ވުޒާރާ.
އެންމެ މަޤްބޫލު
ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާ ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކޮށްފިއެވެ.
މާލީ ވުޒާރާއިން އެންމެފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުގައިވާގޮތުން ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި އެންމެ ބޮޑު އިތުރުވުމެއް އައީ ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓަށެވެ.
ކައުންސިލްތަކަށް ދޫކުރި ގްރާންޓްގެ ޖުމްލަ 1.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ހޭދަކުރެވުނު 1.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 200.5 މިލިއަން ރުފިޔާ ނުވަތަ 16.0 އިންސައްތައިގެ އިތުރުވުމެކެވެ. މި ފައިސާއަކީ ލާމަރުކަޒީ އުސޫލުން ހިދުމަތް ދިނުމަށާއި ރަށްރަށުގެ ތަރައްގީއަށް ކުރެވޭ ހޭދައެކެވެ. ސަބްސިޑީއަށް ކުރި ހޭދަ ވަނީ 3.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ކުރީ އަހަރުގެ 1.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.4 ބިލިއަން ރުފިޔާ ނުވަތަ 86.3 އިންސައްތައިގެ އިތުރުވުމެކެވެ.
ރިޕޯޓުގައިވާގޮތުން ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 24.5 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ 20.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.2 ބިލިއަން ރުފިޔާ ނުވަތަ 21.0 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ސަބްސިޑީއަށް ކުރާ ހަރަދުތަކާއި ޕޭ ހާމަނައިޒޭޝަން ގެ ސަބަބުން މުސާރައަށް ކުރާ ހަރަދުތައް އިތުރުވެފައިވާތީ ހިނގަމުންދާ ހަރަދު ނުވަތަ ރިކަރަންޓް އެކްސްޕެންޑިޗާ 20.8 އިންސައްތަ އިތުރުވެ 21.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކެޕިޓަލް ހަރަދުތައް ވަނީ 22.1 އިންސައްތަ އިތުރުވެ 3.2 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މި މުއްދަތުގެ ބަޖެޓް ޑެފިސިޓް ހުރީ 1.5 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި 817.3 މިލިއަން ރުފިޔާގެ ސާޕްލަސް އޮތް އޮތުމާ އަޅާބަލާއިރު ބޮޑު ބަދަލެކެވެ. ނަމަވެސް، ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ހަރަދު ނުހިމަނައި ބަލާއިރު ޕްރައިމަރީ ބެލެންސް އަދިވެސް އޮތީ 1.2 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތްތަކުން ނެގޭ ޓެކްސް (ޓީ.ޖީ.އެސް.ޓީ) ގެ ގޮތުގައި ދައުލަތަށް 6.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިއަހަރުގެ ތެރޭގައި ދައުލަތުގެ އާމްދަނީ އިތުރުވުމަށް މަގުފަހިވި މުހިންމު ސަބަބެއް ކަމަށް ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓްގައި ބުނެފައިވެއެވެ.
ފާއިތުވެދިޔަ ހަފުތާގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީ.ޖީ.އެސް.ޓީ އިންނެވެ. 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޓީ.ޖީ.އެސް.ޓީ ގެ ގޮތުގައި ލިބުނު 6.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރު ލިބުނު މިންވަރު ވަނީ 475 މިލިއަން ރުފިޔާ ނުވަތަ 7.7 އިންސައްތަ އިތުރުވެފައެވެ. ޓީ.ޖީ.އެސް.ޓީ އާއި އާންމު ޖީ.އެސް.ޓީ ހިމެނޭހެން މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސްގެ ޖުމްލަ އާމްދަނީ ވަނީ 799.2 މިލިއަން ރުފިޔާ ނުވަތަ 9 އިންސައްތަ އިތުރުވެ، 9.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން އާންމު ޖީ.އެސް.ޓީ ގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ކުރީ އަހަރުގެ 2.7 ބިލިއަން ރުފިޔާއިން 3 ބިލިއަން ރުފިޔާއަށް ނުވަތަ 12.1 އިންސައްތަ އިތުރުވެފައެވެ.
ދައުލަތަށް ލިބުނު ޖުމްލަ ޓެކްސް އާމްދަނީއަށް ބަލާއިރު، 16 ޖުލައި 2025 އާ ހަމައަށް ލިބުނު 15.8 ބިލިއަން ރުފިޔާގެ ބަދަލުގައި، މިއަހަރުގެ އެ މުއްދަތުގައި 17.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 1.8 ބިލިއަން ރުފިޔާ ނުވަތަ 11.3 އިންސައްތައިގެ ކުރިއެރުމެކެވެ. މިއާއެކު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 23.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ކުރީ އަހަރުގެ އެމުއްދަތުގައި ލިބުނު 21.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.9 ބިލިއަން ރުފިޔާ ނުވަތަ 9.0 އިންސައްތައިގެ އިތުރުވުމެކެވެ.
ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާ ވެސް ވަނީ 438.8 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 190.5 މިލިއަން ރުފިޔާއާ އަޅާބަލާއިރު 248.4 މިލިއަން ރުފިޔާ ނުވަތަ 130.3 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. ނަމަވެސް ޓެކްސް ނޫން އާމްދަނީ ވަނީ 5.1 ބިލިއަން ރުފިޔާއިން 4.9 ބިލިއަން ރުފިޔާއަށް ނުވަތަ 2.9 އިންސައްތަ ދަށްވެފައެވެ.