ENGLISH

19 ޖުލައި 2026

Advertisement

ލޯ މެޑެއްޔާއެކު ކޮންމެވެސް ދުވަހަކުން ކުޅުންތެރިން ފަޚުރުވެރިވާނެ ކަމަށް އުއްމީދުކުރަން: ޓުޗެލް

19 ޖުލައި 2026

|

އިސްމާއިލް ޝާހު

އިންގްލެންޑުގެ ބެލިންހަމްގެ ކަރުގައި ލޯ މެޑެލް އަޅުވާއިރު، ފަހަތުގައި ކޯޗު ޓުޗެލް --- ފޮޓޯ: ރޮއޓަރސް

ފީފާ ވޯލްޑް ކަޕް 2026 ކާމިޔާބުކުރުމުގެ ލަނޑުދަނޑި ހާސިލުނުވި ނަމަވެސް، މުބާރާތުގެ ތިންވަނަ މަގާމުން ކުޅުންތެރިންނަށް ކޮންމެވެސް ދުވަހަކުން ފަޚުރުވެރިކަން އިހުސާސްކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް އިނގިރޭސި ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

އެމެރިކާގެ މަޔާމީ ސްޓޭޑިއަމްގައި ރޭ ފްރާންސާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 6-4 އިން ކާމިޔާބުކޮށް، އިނގިރޭސިވިލާތުން ވަނީ 1966 ވަނަ އަހަރު އަމިއްލަ ޤައުމުގައި ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން މުބާރާތެއްގައި ހޯދި އެންމެ ރަނގަޅު ނަތީޖާ ހޯދާފައެވެ.

"މިއީ ފާއިތުވި 60 އަހަރުގެ ތެރޭގައި ލިބުނު ފުރަތަމަ މެޑެލް، އަދި ޤައުމުން ބޭރުގައި ބޭއްވި ވޯލްޑް ކަޕެއްގައި ހޯދި އެންމެ ރަނގަޅު ނަތީޖާ. އެހެންކަމުން ކޮންމެވެސް ދުވަހަކުން ކުޅުންތެރިން މިކަމާ މެދު ފަޚުރުވެރިވާނެ ކަމަށް އުއްމީދުކުރަން،" ނޫސްވެރިންނާ ވާހަކަދައްކަމުން ޓުޗެލް ބުންޏެވެ.

"އަހަރެމެންނަކީ ވަރަށް ވާދަވެރި ބައެއް، އެހެންކަމުން ތިންވަނަ ލިބުމުން އުފާފާޅުކުރުމަކީ އަހަރެމެންގެ އަމިއްލަ ނަފުސަށް ހުއްދަދޭން އުނދަގޫ ކަމެއް. ސަބަބަކީ މީގެ 18 މަސް ކުރިން އަހަރެމެން ކަނޑައެޅި އެންމެ ބޮޑު ލަނޑުދަނޑިއަކީ ފައިނަލަށް ގޮސް ވޯލްޑް ކަޕް ކާމިޔާބުކުރުން ކަމަށްވާތީ. އެހެންވެ އެކަން ނުވުމަކީ ވަރަށް ބޮޑު ހިތްދަތިކަމެއް. އެ ތަދު ގިނަ ދުވަސްތަކަކަށް ދެމިގެންދާނެ."

ބުދަ ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލްގައި އާޖެންޓީނާ އަތުން 2-1 ގެ ނަތީޖާއަކުން އިނގިރޭސިން ބަލިވުމާ ގުޅިގެން ޓުޗެލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ޚާއްސަކޮށް ދެވަނަ ހާފުގެ ކުރީކޮޅު ލީޑު ނެގުމަށްފަހު ގެންގުޅުނު ދިފާއީ އުކުޅުތަކަށް ގިނަބަޔަކު ފާޑުކިޔެވެ.

ވޯލްޑް ކަޕުގައި ފްރާންސާ ދެކޮޅަށް ކުޅުނު މެޗަށްފަހު އިނގިރޭސި ޓީމުގެ ކޯޗު ތޯމަސް ޓުޗެލް --- ފޮޓޯ: ރޮއިޓަރސް

"އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކަންތައްތައް ދިޔަގޮތުން ހީވީ އަހަރެމެން މޮޅެއް ނުލިބި ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔައީހެން،" ޖަރުމަނަށް އުފަން ކޯޗު ބުންޏެވެ. "އެންމެ ރަނގަޅު ގޮތަކީ ދަނޑުމަތީގައި ނަތީޖާ ދައްކައި، ކުރިއަށް އޮތް މެޗުން މޮޅުވުން. އެ ނޫން ހުރިހާ ކަމަކީ ހަމައެކަނި ދައްކާ ވާހަކަ. ވާހަކަ ދައްކައިގެން ޕޮއިންޓެއްވެސް އަދި މޮޅެއްވެސް ނުލިބޭނެ. އަހަރެމެންގެ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކުމުން ވަރަށް އުފާވޭ. އެއީ އަހަރެމެން ބޭނުންވި ބަދަލަކީ، އަދި އެކަން ފެނުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ."

ރޭގެ މެޗުގައި ބުކާޔޯ ސާކާ ހެޓްރިކެއް ހެދުމާއެކު، ސެމީ ފައިނަލްގައި އޭނާ ނުކުޅުވީ ކީއްވެގެންތޯ ސުވާލު އުފެދުނެވެ.

"ސެމީ ފައިނަލުން އޭނާ ބާކީކުރުމަކީ އަހަންނަށް ނިންމަން ވަރަށް އުނދަގޫވި ނިންމުމެއް،" ޓުޗެލް ބުންޏެވެ. އޭނާ އެއްބަސްވި ގޮތުގައި ސާކާއަށް ކުރިމަތިވެފައިވާ ފައިގެ މަސްގަނޑުގެ އަނިޔާއާ ގުޅިގެން، އޭނާ ބޭނުންކުރުމުގައި ވަރަށް ބޮޑަށް ރައްކާތެރިވިއެވެ.

"އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި މޯގަން ރޮޖާސްގެ ހަށިގަނޑުގެ ވަރުގަދަކަމުން ޓީމަށް ޚާއްސަ އެހީތެރިކަމެއް ލިބޭނެ ކަމަށް އަހަންނަށް ގަބޫލުކުރެވުނީ. އާޖެންޓީނާ މެޗުގައި ސާކާ ލައްވައި އެތައް ފަހަރަކު ވާމް-އަޕް ކުރުވިން. ބަދަލުކުރަން ތައްޔާރަށް ތިއްބާ މެޗުގެ އޮއިވަރު މުޅިން ބަދަލުވެގެން ދިޔުމުން، އެންމެ ފަހު ވަގުތު އެހެން ގޮތަކަށް ނިންމީ."

"އެކަމަކު މި މުބާރާތުގައި ސާކާއާ މެދު އަހަރެން ދެކޭ ގޮތަކަށް ބަދަލެއް ނާދޭ. އޭނާއަކީ ހުނަރުވެރި ކުޅުންތެރިއެއް، އަދި ޓީމުގެ މުހިންމު ތަނބެއް. އެކަން މިއަދުވެސް އޭނާ ސާބިތުކޮށްދީފި، އެކަމާ މެދު ވަރަށް އުފާކުރަން." ޓުޗެލް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު