ENGLISH
19 ޖުލައި 2026
ޓެކްސް ކޮމިޝަނަރަކަށް އަމީޒާ ޢައްޔަނު ކުރައްވައިފި
19 ޖުލައި 2026
|
ފާތިމަތު އަމީޒާ.
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ގދ.ގައްދޫ، ކޯޒީރައުންޑް، ފާޠިމަތު އަމީޒާ ޢައްޔަނު ކުރައްވައިފިއެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ހަސަން ޒަރީރު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވުމާގުޅިގެންނެވެ.
އެއާއެކު މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަމީޒާ ޢައްޔަން ކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ ފާޠިމަތު އަމީޒާ ވަނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައެވެ. އެ އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަޤާމު ފުރުއްވާފައިވާ، ފާޠިމަތު އަމީޒާ ވަނީ ޓެކްސްގެ ސިޔާސަތުތައް އިޞްލާޙުކުރުމާއި، މުއައްސަސާ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމާއި، މުޅި މުއައްސަސާގެ ފެންވަރުގައި އާމްދަނީ އިތުރުކުރުމުގެ ރޮނގުން ސާބިތުކަމާއެކު މަސައްކަތްކުރައްވާފައެވެ.
ފާޠިމަތު އަމީޒާގެ ޚިދުމަތުގެ ދިގު މުއްދަތުގައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ އެންފޯސްމަންޓް ޑިވިޜަންގެ އިސްވެރިއެއްގެ ހައިސިއްޔަތުން، ޑޭޓާ އެނަލިޓިކްސް އަދި ހެކީގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް ބޭނުންކުރައްވައިގެން، ނުލިބި ހުރި ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ ހޯދުމުގެ މަސައްކަތް އެންމެ މަތީ ދަރަޖައަކަށް ގެންގޮސްދެއްވާފައިވެއެވެ.
ފާޠިމަތު އަމީޒާވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓަރ އޮފް ސައިންސް އިން އެކައުންޓިންގ އަދި އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީއިން ބެޗެލަރސް ޑިގްރީ އިން އެޕްލައިޑް އެކައުންޓިން ހާސިލުކުރައްވާފައެވެ.