ENGLISH

19 ޖުލައި 2026

Advertisement

ޓްރަމްޕުގެ ދައުވަތަކަށް ފައިނަލް މެޗު ބައްލަވާލެއްވުމަށް މެކްސިކޯގެ ރައީސާ ވަޑައިގަންނަވާނެ

19 ޖުލައި 2026

|

އިސްމާއިލް ޝާހު

މެކްސިކޯގެ ރައީސާ ކްލައުޑިއާ ޝީންބޯމް --- ފޮޓޯ: އޭޕީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދައުވަތަކަށް، މިރޭ ކުޅޭ ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗު ބައްލަވާލެއްވުމަށް ވަޑައިގަންނަވާނެ ކަމަށް މެކްސިކޯގެ ރައީސާ ކްލައުޑިއާ ޝީންބޯމް ވިދާޅުވެއްޖެއެވެ. މިއީ ދެ ބޭފުޅުންގެ މެދުގައި ދުވަސްތަކެއް ވަންދެން ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުމަށްފަހު، މިދިޔަ ޑިސެމްބަރު މަހަށްފަހު ބައްދަލުވާ ފުރަތަމަ ފަހަރެވެ.

މެކްސިކޯ ސިޓީގައި ބޭއްވި ވޯލްޑް ކަޕް ހުޅުވާ މެޗުގައި ޝީންބޯމް ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އެ މެޗުގައި މެކްސިކޯގެ ޤައުމީ ޓީމު ވަނީ 2-0 ގެ ނަތީޖާއަކުން ދެކުނުއެފްރިކާ ބަލިކޮށްފައެވެ. އެކަމަނާ ވަނީ އެ މެޗުގެ ޓިކެޓު އެ ޤައުމުގެ އަސްލު ވަޒަންވެރި ޒުވާން އަންހެނަކަށް ހަދިޔާކުރައްވާފައެވެ.

"މިއީ އެމެރިކާގެ ރައީސްގެ ފަރާތުން ސީދާ ލިބިވަޑައިގަތް ދައުވަތަކަށް ވާތީ، މެޗަށް ދިޔުމަށް އަޅުގަނޑު ނިންމީ،" މެކްސިކޯގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޝީންބޯމް ވިދާޅުވިއެވެ. އަދި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީވެސް އެ މެޗަށް ވަޑައިގަންނަވާނެ ކަމަށާއި، މިކަމާ ގުޅޭ އިތުރު ތަފްސީލުތައް މިއަދު ހާމަކުރައްވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ޝީންބޯމް އާއި ޓްރަމްޕާ ދެމެދު އޮތް ގުޅުން ވަނީ ސަލާމަތީ ކަންކަމާއި ވިޔަފާރީގެ ދާއިރާއިން ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ދެ ބޭފުޅުން އެންމެ ފަހުން ބައްދަލުވީ މިދިޔަ ޑިސެމްބަރު މަހު ބޭއްވި ވޯލްޑް ކަޕް ގުރުއަތުލުމުގެ ރަސްމިއްޔާތުގައެވެ.

މިއީ އުތުރު އެމެރިކާގެ ތިން ޤައުމަކުން ގުޅިގެން ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. ނިއު ޔޯކުގެ ނިއު ޖާޒީގައި ބާއްވާ ފައިނަލް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ނުކުންނާނީ ސްޕެއިނެވެ. މި މެޗު ބައްލަވާލެއްވުމަށް ސްޕެއިންގެ ރަސްގެފާނު ފެލިޕޭ ހަވަނަ އަދި އެ ޤައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްވެސް ވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު