ENGLISH

19 ޖުލައި 2026

Advertisement

2030 ގެ ވޯލްޑް ކަޕުގެ ފައިނަލް މެޗު ބާއްވާނެ ތަނަކާ މެދު މޮރޮކޯ އާއި ސްޕެއިންގެ މެދުގައި ވާދަވެރިކަމެއް

19 ޖުލައި 2026

|

އިސްމާއިލް ޝާހު

ސްޕެއިންގެ ވެރިރަށް މެޑްރިޑުގެ ސަންޓިއާގޯ ބާނެބެއު ސްޓޭޑިއަމް --- ފޮޓޯ: ރޮއިޓަރސް

އާދީއްތަ ދުވަހުގެރޭ ބާއްވާ ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗާއެކު ދުނިޔޭގެ ފުޓްބޯޅަ އާއިލާގެ ފުރިހަމަ ސަމާލުކަން އެމެރިކާގެ ނިއު ޔޯކަށް ހުއްޓިގެންދާނެއެވެ. ނަމަވެސް 2030 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލް މެޗު ބާއްވާނެ ތަނަކާ މެދު ސިޔާސީ ގޮތުން ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިދާނެ ކަމަށް ބެލެވެއެވެ.

2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަނީ މޮރޮކޯ، ޕޯޗުގަލް އަދި ސްޕެއިން ގުޅިގެންނެވެ. އެކަމަކު އެ މުބާރާތުގެ ފައިނަލް މެޗު ކުޅޭނެ ދަނޑެއް ފީފާއިން އަދި އިއުލާނެއް ނުކުރެއެވެ. ސްޕެއިނުން ބުނަމުންދަނީ ފައިނަލް މެޗު ބާއްވާނީ އެ ޤައުމުގައި ކަމަށެވެ. ނަމަވެސް މޮރޮކޯއިން އަންނަނީ ކަސަބްލަންކާގެ ބޭރުގައި 115،000 މީހުންގެ ޖާގަ ހިމެނޭ، 1.2 ބިލިޔަން ޑޮލަރުގެ އައު ދަނޑެއް ބިނާކުރަމުންނެވެ. އެ ޤައުމުގެ އުންމީދަކީ 2030 ވަނަ އަހަރުގެ ތަށި ކާމިޔާބުކުރާ ޓީމެއް ކަނޑައެޅޭ މެޗު އެ ދަނޑުގައި ބޭއްވުމެވެ. މި ޝަރަފު ހޯދުމަށްޓަކައި ކުޅިވަރުގެ ބާރުގަދަ ފަރާތްތަކުގެ މެދުގައި މިހާރުވެސް ވަނީ ވާދަވެރިކަން ބޮޑުވެފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ ދަނޑަށް ވާނެ ކަމަށް ބެލެވޭ "ހަސަން ދެވަނަ" ސްޓޭޑިއަމްގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ. މި ދަނޑާ ވާދަކުރަނީ ސްޕެއިނުގެ ދެ ދަނޑެކެވެ. އެއީ 2024 ވަނަ އަހަރުގެ ފަހުކޮޅު މަރާމާތުކޮށް ނިންމި، 83،000 މީހުންގެ ޖާގަ އޮންނަ މެޑްރިޑުގެ ސަންޓިއާގޯ ބާނެބެއު ނުވަތަ ބާސެލޯނާގެ ކޭމްޕް ނޯއެވެ. ކޭމްޕް ނޯގެ ޖާގަ 105،000 އަށް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ދަނޑުގެ މަސައްކަތްތައް އުޅެނީ ތާވަލަށްވުރެ ފަހަތުގައެވެ.

ފައިނަލް މެޗު ބޭއްވުމަށް ބާރުފޯރުވުމުގެ ގޮތުން އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ރަފައެލް ލޫޒާންއެވެ. އޭނާ ވިދާޅުވީ ފައިނަލް މެޗު ބާއްވާނީ ސްޕެއިނުން ކަމަށެވެ. އަދި މޮރޮކޯގައި ބޭއްވި އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައި ހިނގައިދިޔަ ބައެއް ހަމަނުޖެހުންތަކަށް އިޝާރާތްކޮށް، މޮރޮކޯގެ ނަން ހަނިކުރަން އޭނާ މަސައްކަތް ކުރެއްވިއެވެ.

މޮރޮކޯގެ ކަސަބްލަންކާގެ ބޭރުގައި ހަދަމުން އަންނަ "ހަސަން ދެވަނަ" ސްޓޭޑިއަމް --- ފޮޓޯ: ރޮއިޓަރސް

ނޫސްވެރިންނާ ވާހަކަދައްކަވަމުން ލޫޒާން ވިދާޅުވީ، ސްޕެއިނަކީ މިފަދަ ބޮޑެތި މުބާރާތްތައް އިންތިޒާމުކުރުމުގެ ތަޖުރިބާ ހުރި ޤައުމެއް ކަމަށާއި، އެހެންކަމުން 2030 ގެ ވޯލްޑް ކަޕާއި ފައިނަލް މެޗު އިސްވެ އިންތިޒާމުކުރާނީ ސްޕެއިނުން ކަމަށެވެ. އަދި މޮރޮކޯއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ގަބޫލުކުރި ނަމަވެސް، އެފްރިކާ ކަޕުގެ ބައެއް މެޗުތަކުގައި ފެނިގެންދިޔަ މަންޒަރުތަކުގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅައިގެ އަގަށް އަސަރުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަބާތުގެ ޕްރިންސް މޫލޭ ޢަބްދުﷲ ސްޓޭޑިއަމްގައި މިދިޔަ ޖެނުއަރީ މަހު ސެނެގޯލާއި މޮރޮކޯ ބައްދަލުކުރި މެޗުގައި ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިނގައި، ބޯލް ބޯއީންގެ ފަރާތުން ނޭދެވޭ އަމަލުތަކެއް ފެނި، އަދި ކުޑަވަގުތުކޮޅަކަށް ކުޅުންވެސް މެދުކަނޑާލަން ޖެހުނެވެ.

މޮރޮކޯގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ފައުޒީ ލަކްޖާ މިކަމާ ގުޅޭގޮތުން ސީދާ ރައްދު ދެއްވާފައެއް ނުވެއެވެ. އޭނާ ދައުލަތުގެ ޓީވީގައި ވިދާޅުވީ، މެޗުތައް ބާއްވާނެ ތަންތަނާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި، އެ ނިންމުންތައް ނިންމާނީ މުބާރާތް ބާއްވާ ތިން ޤައުމާއި ފީފާ ގުޅިގެން މަޝްވަރާކުރުމަށްފަހު ކަމަށެވެ.

ނަމަވެސް އެފްރިކާގެ ފުޓްބޯޅައިގެ އިސް މަސްދަރުތަކުން ކަށަވަރުކޮށްދޭ ގޮތުގައި، ފައިނަލް މެޗު ކަސަބްލަންކާގައި ބޭއްވުމަށް މޮރޮކޯއިން އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި މިކަމުގެ ވާދަވެރިކަން އިތުރަށް ބޮޑުވާނެ ކަމަށް ބެލެވެއެވެ.

ފައިނަލް މެޗު ބޭއްވުމަށް ކަސަބްލަންކާ ހޮވިއްޖެނަމަ، އެއީ އެފްރިކާގެ ސިޓީއެއްގައި ވޯލްޑް ކަޕް ފައިނަލް ބާއްވާ ދެވަނަ ފަހަރަށް ވާނެއެވެ. މީގެކުރިން މި ޝަރަފު ލިބިފައިވަނީ 2010 ވަނަ އަހަރު ޖޮހަނަސްބާގަށެވެ. އެ މުބާރާތުގެ ތަށި ސްޕެއިނުން ކާމިޔާބުކުރީވެސް އެ ސިޓީގައެވެ.

ސްޕެއިނުން 1982 ވަނަ އަހަރު ވޯލްޑް ކަޕް ބޭއްވިއިރު، ފައިނަލް މެޗު ކުޅުނީ ސަންޓިއާގޯ ބާނެބެއުގައެވެ. އެ މެޗުގައި އިޓަލީން ވަނީ ހުޅަނގު ޖަރުމަނުގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު