ENGLISH

15 ޖުލައި 2026

Advertisement

ރަތް ކާޑުގެ ސަސްޕެންޝަން ފަސްކުރުމުން ބަލޮގަންއަށް ނުތަނަވަސްކަމެއް

15 ޖުލައި 2026

|

ސުވެއިދާ ހުސެއިން

އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގަން --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގައި އެމެރިކާގެ ފޯވާޑް ފޮލާރިން ބަލޮގަންއަށް ދެއްކި ރަތް ކާޑާ ގުޅިގެން އައި އެއް މެޗުގެ ސަސްޕެންޝަން ފަސްކުރަން ފީފާއިން ނިންމި ނިންމުމަކީ ވަރަށް ބޮޑު ބަހުސަކަށް ވާނޭ ކަމަކަށް ވާނޭކަން އެނގޭ ކަމަށް އޭނާ ބުނެފިއެވެ.

މި ނިންމުން އައީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަރިހުން އެ މައްސަލަ އަލުން މުރާޖާކުރުމަށް އެދިވަޑައިގެންފައި ވަނިކޮށެވެ.

މި މަހުގެ އެއްވަނަ ދުވަހު ބޮސްނިއާ އެންޑް ހެރްޒެގޮވިނާ އަތުން 2-0 ގެ ނަތީޖާއަކުން އެމެރިކާ މޮޅުވި މެޗުގައި، އިދިކޮޅު ޑިފެންޑަރު ތާރިކު މުހަރެމޮވިޗުގެ ފައިގައި ޖެހުމާ ގުޅިގެން ބަލޮގަންއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއީ އާންމު އުސޫލުން އެއް މެޗުގެ ސަސްޕެންޝަނެއް އަންނަ ކުށެކެވެ.

ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ފީފާއިން ވަނީ އެ ސަސްޕެންޝަން އެއް އަހަރު ދުވަހުގެ ޕްރޮބޭޝަނަރީ މުއްދަތަކަށް ފަސްކޮށްދީފައެވެ. މި ނިންމުމުގެ ކްރެޑިޓް ރައީސް ޓްރަމްޕް ނަންގަވާފައިވާއިރު، ފީފާއިން ބުނީ މި ނިންމުން ނިންމާފައިވަނީ އެ އިދާރާގެ ޑިސިޕްލިނަރީ ކޯޑުގެ 27 ވަނަ މާއްދާއަށް ރިއާޔަތްކޮށް ކަމަށެވެ.

މި ނިންމުމުގެ ސަބަބުން، ގަދަ 16 ގައި ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުގައި ބަލޮގަންއަށް ބައިވެރިވުމުގެ ފުރުސަތު ލިބުނެވެ. މިއާއެކު މިކަން ވަނީ މުބާރާތުގެ ތެރޭގައި ބޮޑު ބަހުސަކަށް ގޮސްފައެވެ. އަދި މުބާރާތުގެ އިންސާފުވެރިކަމާ މެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ. އެގޮތުން ފީފާގެ މި ނިންމުމާ ގުޅިގެން ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އާއި ކުރީގެ ރެފުރީންގެ ފާޑުކިޔުންތައް އަމާޒުވެ، ފީފާގެ ޑިސިޕްލިނަރީ މަރުހަލާގެ ސައްހަކަމާމެދުވެސް ވަނީ ސުވާލު އުފެދިފައެވެ. 

މިކަމާ ގުޅިގެން ބަލޮގަން ބުނީ، ސަސްޕެންޝަން ފަސްކުރުމާ ގުޅިގެން، އަލުން ޓީމާ ގުޅެވުމުން ފުރަތަމަ ވަރަށް ބޮޑު އުފަލެއް ލިބުނު ކަމަށެވެ. ނަމަވެސް އެކަމާ މެދު ވިސްނާލުމުން، އެއީ ބޮޑު ޚިޔާލުތަފާތުވުންތަކެއް އުފެދޭނެ ކަމެއްކަން ގަބޫލުކުރެވުނު ކަމަށް އޭނާ ބުންޏެވެ. އަދި މިކަމަކީ ވަރަށް ތަފާތު ކަމަކަށްވުމުން، އޭނާގެ ޓީމުގެ ކުޅުންތެރިންގެ މެދުގައިވެސް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ހުރިކަން ފާހަގަވިކަމަށް އޭނާ ބުންޏެވެ.

ބަލޮގަން އިތުރަށް ބުނިގޮތުގައި މެޗު ކައިރިވަމުން އައި ވަރަކަށް އޭނާ މަސައްކަތްކުރީ ކުޅުމަށް ފޯކަސް ކުރުމަށެވެ. ނަމަވެސް ބޭރުންއިވޭ އަޑުތަކުގެ ސަބަބުން އެކަން ކުރަން އުނދަގޫވި ކަމަށް އޭނާ އެއްބަސްވިއެވެ.

ސަސްޕެންޝަން އުވާލިކަން އެނގުމުގެ ކުރިން ބަލޮގަން ހުރީ ޓީމުގެ ރޫހު ވަރުގަދަކުރުމަށް އެހީތެރިވެދޭ ދައުރެއްގައެވެ. އޭނާ ބުނި ގޮތުގައި ސަސްޕެންޝަން އުވާލިކަން އެނގުނީ ޓީމު، ބަހުގައި ދަނޑަށް ދަނިކޮށެވެ. އެ ވަގުތު ބަސް ތެރޭގައި ހުރިހާ ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކޮށް ހަޅޭއްލެވި ކަމަށް އޭނާ ކިޔައިދިނެވެ.

ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އަމިއްލަ ޖަޒުބާތާއި ޕްރޮފެޝަނަލް ޒިންމާ ވަކިކުރުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް ބަލޮގަން ބުންޏެވެ. ނަމަވެސް އެ މެޗުގައި ބެލްޖިއަމުން ވަނީ 4-1 ގެ ނަތީޖާއަކުން އެމެރިކާ ބަލިކޮށް މުބާރާތުން ބޭރުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު