ENGLISH
10 ޖުލައި 2026
އެމްބާޕޭގެ ލަނޑާއެކު މޮރޮކޯ ބަލިކޮށް، ފްރާންސް ސެމީއަށް
10 ޖުލައި 2026
|
ވޯލްޑް ކަޕުގައި މޮރޮކޯ ކޮޅަށް ލަނޑު ޖެހުމަށްފަހު ފްރާންސްގެ ކެޕްޓަން އެމްބާޕޭ އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލްގައި 2-0 ގެ ނަތީޖާއަކުން މޮރޮކޯ ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލަށް ފްރާންސް ދަތުރުކޮށްފިއެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ކެޕްޓަން ކީލިއަން އެމްބާޕޭ އަތުން ޕެނަލްޓީއެއް ބޭކާރުވި ނަމަވެސް، ފަހުން އޭނާ ވަނީ ލަނޑެއް ޖަހައި ފްެރާންސަށް ކުރި ހޯދައިދީފައެވެ.
އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 60 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ އޭނާ މި މުބާރާތުގައި ޖެހި އަށްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ ހަ މިނެޓު ފަހުން އޮސްމާން ޑެމްބެލޭ ޖެހި ލަނޑާއެކު، 2018 ވަނަ އަހަރުގެ ޗެމްޕިއަން ފްރާންސުން ވަނީ މޮޅު ކަށަވަރުކޮށްފައެވެ. މި މޮޅާއެކު އަންނަ އަންގާރަ ދުވަހުގެރޭ ޓެކްސަސްގައި ކުޅޭ ސެމީ ފައިނަލް މެޗުގައި ފްރާންސް ބައްދަލުކުރާނީ ސްޕެއިން ނުވަތަ ބެލްޖިއަމްއާއެވެ.
ވޯލްޑް ކަޕުގައި މޮރޮކޯ އާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ރޮއިޓަރސް
މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ ފްރާންސުންނެވެ. މޮރޮކޯއަށް މުޅި މެޗުގައިވެސް ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އެއީ މެޗުގެ 83 ވަނަ މިނެޓުގައި އަޒެދިން އުނާހީ ފޮނުވާލި ހިލޭ ޖެހުމެކެވެ. ނަމަވެސް ފްރާންސްގެ ގޯލްކީޕަރު މައިކް މައިންނޯން ވަނީ އެ ހަމަލާ ދިފާއުކޮށްފައެވެ.
ފްރާންސަށް ލަނޑު ޖެހުމަށް ފުރަތަމަ ހާފުގައި ގިނަ އުނދަގޫތަކެއް ކުރިމަތިވިއެވެ. މެޗުގެ 28 ވަނަ މިނެޓުގައި ނުސައިރު މަޒްރައުއީ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެމްބާޕޭ ފޮނުވާލި ނަމަވެސް، މޮރޮކޯގެ ކީޕަރު ޔާސީން ބޯނޯ ވަނީ އެ ޕެނަލްޓީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މި ޕެނަލްޓީ ޖެހުމުގެ ކުރިން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްޓަކައި ގިނަ ވަގުތުތަކެއް ހޭދަވިއެވެ.
ވޯލްޑް ކަޕުގައި މޮރޮކޯ ކޮޅަށް ލަނޑު ޖެހުމަށްފަހު ފްރާންސްގެ ޑެމްބެލޭ އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް
މޮރޮކޯއިން ފުރަތަމަ ހާފު ނިމެންދެން ހިފަހައްޓާލި ނަމަވެސް، ފްރާންސުން ދެމުންދިޔަ ވަރުގަދަ ހަމަލާތަކުގެ ނަތީޖާ ފެނުނީ މެޗުގެ 60 ވަނަ މިނެޓުގައެވެ. އޭރިއާގެ ބޭރުން އެމްބާޕޭ ފޮނުވާލި ހިތްގައިމު ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. އޭގެ ހަ މިނެޓު ފަހުން ޑެމްބެލޭ ވަނީ ހުނަރުވެރި ކުޅުމަކަށްފަހު ދެވަނަ ލަނޑު ޖަހައި ފްރާންސަށް މޮޅު ކަށަވަރުކޮށްދީފައެވެ.
ފްރާންސް މިހާރު އިންތިޒާރުކުރަމުންދަނީ މާދަމާރޭ ލޮސް އެންޖެލިސްގައި ސްޕެއިން އާއި ބެލްޖިއަމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށެވެ. މި މުބާރާތުގައި މިހާތަނަށް ބައިކޮޅަށް ލަނޑެއް ވަދެފައިނުވާ ސްޕެއިން ވަނީ ގަދަ 16 ގައި ޕޯޗުގަލް ބަލިކޮށްފައެވެ. އަދި ބެލްޖިއަމް ކުއާޓާ ފައިނަލަށް ދަތުރުކުރީ އެމެރިކާގެ މައްޗަށް ކުރި ހޯދައިގެންނެވެ.