ENGLISH

10 ޖުލައި 2026

Advertisement

ޔޫތު ޗެމްޕިއަންޝިޕް: ޓީސީ ބަލިކޮށް ނިއު ރޭޑިއަންޓް ދެވަނައަށް

10 ޖުލައި 2026

|

އިސްމާއިލް ޝާހު

ޔޫތު ޗެމްޕިއަންޝިޕުގައި ނިއު ރޭޑިއަންޓާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026 ގައި ޓިސީ ސްޕޯޓްސް ކުލަބު ބަލިކޮށް، ތާވަލުގެ ދެވަނައަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ޖެހިލައިފިއެވެ.

މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި ހަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތަކަކީ ޓީސީ އާއި، ނިއު ރެޑިއަންޓުގެ އިތުރުން ބުރު ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، އޮޑި ސްޕޯޓްސް ކުލަބު އަދި ކެޔޮދޫއެވެ. ލީގު އުސޫލުން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ފައިނަލަށް ދަތުރުކުރާނީ ލީގު ބުރު ނިމޭއިރު އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުން ނިއު ރޭޑިއަންޓް މޮޅުވީ ޓީސީ އަތުން 6-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ނިއު ރޭޑިއަންޓުގެ މުޙައްމަދު އިޒާން އަލީ ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ ޒާކި މުޖުތަބާ ޒާހިރު ވަނީ ދެ ލަނޑު ޖަހާފައެވެ. އަދި އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިސްމާޢީލް ރާއިފް ވާފިރެވެ. މި މެޗުގައި ޓީސީން ޖެހި ފުރަތަމަ ލަނޑު ޕެނަލްޓީއަކުން މާއިޝް މުޙައްމަދު ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު ޖަހައިދިނީ ރާއިން ހިޝާމެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައަށް ނިއު ރޭޑިއަންޓް ޖެހިލީ ކުޅުނު ހަތަރު މެޗުން ލިބުނު އަށް ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އޮޑި ސްޕޯޓްސްއަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބުުނުއިރު، ތިންވަނައިގައި އޮތް މާޒިޔާއަށް ތިން މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. ރޭގެ މެޗުން ބަލިވި ޓީސީ އޮތީ ތާވަލުގެ ފުލުގައި ޕޮއިންޓެއް ނުލިބިއެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ކެޔޮދޫ އާއި މާޒިޔާއެވެ. މި މެޗު ކާމިޔާބުކޮށްގެން ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު މާޒިޔާއަށް އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު