ENGLISH

09 ޖުލައި 2026

Advertisement

ފެންވަރު ރަނގަޅު ދަތުގެ ފަރުވާ، ފަސޭހައިން ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކުރުމަށް އިތުރަށް ސަމާލުކަން ދޭނެ: ނާއިބު ރައީސް

09 ޖުލައި 2026

|

އަޙުމަދު ޙަމީދު

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވާހަކަފުޅު ދައްކަވަނީ --

ދަތުގެ ފަރުވާގެ ދާއިރާއަށް ވުނަކުރުން އިތުރުކޮށް، ޚިދުމަތްތައް ފުޅާކޮށް، ފެންވަރު ރަނގަޅުކޮށް، ފަސޭހަކަމާއެކު އެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން އިތުރަށް ސަމާލުކަން ދޭނެކަމުގެ ފުރިހަމަ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ޔަޤީންކަންދެއްވާފައިވަނީ، ސަރުކާރުން ދެމުންގެންދާ ދަތުގެ ފަރުވާގެ ޚިދުމަތުގެ ރަން ޔޫބީލް ފާހަގަކުރުމަށް، ހޮޓެލް ޖެންގައި މިރޭ އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ދަތުގެ ފަރުވާގެ ދާއިރާއިން އާ އީޖާދުތަކާއި، ޒަމާނީ ފެންވަރުގެ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭނެ އަހަރުތަކަކަށް ހެދުމަށް މަސައްކަތްކުރެއްވުމަށް ދާއިރާގެ ފަންނީ ބޭފުޅުންނަށް އިލްތިމާސްކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިރޭ ދެއްކެވި ވާހަކަފުޅުގައި ދަތުގެ ފަރުވާގެ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނާއި، މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރައްވާ، އެބޭފުޅުންނަށް ޝުކުރުއަދާކުރެއްވި އެވެ. ވަކީން ޚާއްޞަ ގޮތެއްގައި މުޙައްމަދު ސަލީމްގެ ނަންފުޅު ފާހަގަކުރައްވައި، ވޭތުވެދިޔަ 50 އަހަރުގެ ދިގު މުއްދަތުގައި، މެދުކެނޑުމެއްނެތި ޞިއްޙީ ދާއިރާއަށް އެބޭފުޅާ ކުރައްވަމުން ގެންދަވާ ޚިދުމަތަކީ، ހުރިހާ އެންމެންނަށްވެސް ރިވެތި ނަމޫނާއެއް ކަމަށާއި، އެ ޚިދުމަތަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ތާރީޚުގައި އަބަދުމެ ދެމިހުންނާނެ އަގުހުރި ތަރިކައެއްކަމުގައި ސިފަކުރެއްވި އެވެ.

މި މޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން، ދަތުގެ ފަރުވާއާގުޅޭ ޚާއްޞަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ޚިދުމަތުގައި މިއަދު ތިއްބެވުމަކީ ފަޚްރުވެރިވެވަޑައިގަންނަވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ. އަދި މިފަދަ ޚާއްޞަ ޚިދުމަތްތަކަކީ ހަމައެކަނި މާލެއަށް ބަރޯސާވެފައިވާ ޚިދުމަތްތަކަކަށް ހެދުމުގެ ބަދަލުގައި، އަތޮޅުތެރޭގައިވެސް ފެންވަރު ރަނގަޅު ދަތުގެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަކުރާރުކުރެއްވިއެވެ. މިމޭރުމުން ކުރަންޖެހޭ މަސައްކަތްތައް މިވަގުތުވެސް ބާރު ދުވެލީގައި ކުރިއަށްދާކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖޭގެ ދަތުގެ ފަރުވާގެ ޚިދުމަތަކީ މުޅި ސަރަޙައްދުގައިވެސް ފާހަގަކޮށްލެވޭ ފަދަ ފެންވަރު މަތީ ޚިދުމަތަކަށް ވެގެންދިއުމުގެ އުންމީދު އައުކުރައްވަމުންނެވެ.

މިރޭގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ، ސަރުކާރުގެ ޑެންޓަލް ޑިޕާޓްމަންޓްގެ ތާރީޚަށް އަލިއަޅުވާލައި އެކުލަވާލާފައިވާ ފޮތް "އިހުން މިއަދާއި ހަމައަށް" އިފުތިތާހުކޮށްދެއްވާފަ އެވެ. އަދި، ދަތުގެ ފަރުވާގެ އެކި ދާއިރާތަކުން ފުރަތަމަ ޚިދުމަތް ދެއްވަން ފެއްޓެވި ދިވެހި މުވައްޒަފުންނަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި އެވޯޑާއި، ރާއްޖޭގައި ޑެންޓަލް ޚިދުމަތް ތަޢާރަފުކުރެއްވި ބޭބޭފުޅުންނަށް ދެއްވި އެވޯޑް ހަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

ކިޔުންތެރިންގެ ހިޔާލު