ENGLISH

08 ޖުލައި 2026

Advertisement

ސަރަހައްދީ މަސްވެރިކަން ބެލެހެއްޓުމަށް ޚާއްޞަ ޕްލެޓްފޯމެއް ޤާއިމުކުރަނީ

08 ޖުލައި 2026

|

އަޙުމަދު ޙަމީދު

ސަރަހައްދީ މަސްވެރިކަން ބެލެހެއްޓުމަށް ޚާއްޞަ ޕްލެޓްފޯމެއް ޤާއިމުކުރަނީ --

މަސްވެރިކަމުގެ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް، ސާކް އެގްރިކަލްޗަރ ސެންޓަރުގެ ވިލަރެސްކުރުމުގެ ދަށުން ސަރަޙައްދީ ފެންވަރުގައި ކަނޑުގެ މަސްވެރިކަން ބެލެހެއްޓުމަށް ޚާއްޞަ ޕްލެޓްފޯމެއް ޤާއިމުކުރުމަށް ސާކް ގައުމުތަކުގެ މެދުގައި ނިންމައިފި އެވެ.

މި ނިންމުން ނިންމާފައިވަނީ ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ސާކްގެ މެމްބަރު ޤައުމުތަކުގެ މެދުގައި ސަރަޙައްދީ އެއްބާރުލުން ހަރުދަނާކުރުމަށް އަމާޒުކޮށްގެން ބޭއްވި ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުން އިފްތިތާހް ކޮށްދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބް އެވެ.

މި ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ލިމިޓަށްވުރެ ގިނައިން މަސްވެރިކަން ކުރުމާއި، އައި.ޔޫ.ޔޫ ފިޝިން -- ޤާނޫނާ ޚިލާފަށް، ރިޕޯޓުނުކޮށް އަދި ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން -- އާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އަދި ތިމާވެށީގެ ނިޒާމުތައް ހަލާކުވުން ފަދަ އާންމުކޮށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ސަރަޙައްދީ ގުޅިފައިވާ މަގުޗާޓެއް އެކުލަވާލުމަށް ޚިޔާލު ބަދަލު ކުރުމަށެވެ. އަދި ހަމައެހެންމެ، ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުމަހުގެ އުފެއްދުންތަކުގެ އަގު އިތުރުކުރުމާއި، މާކެޓަށް ވަނުމުގެ ފުރުސަތުތަކާއި، ކާބޯތަކެތީގެ ޔަޤީންކަމާއި ބެހޭގޮތުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް،ކުރިއެރުވުމަށް ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވެ އެވެ.

ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމުގައި ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށް އިންތިހާއަށް ބޭނުންވެފައިވާކަން މި ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތަކަށް ޚާއްޞަކޮށްގެން ކޮންމެ ޤައުމަކަށް ޚާއްޞަ އެކްޝަން ޕްލޭންތަކެއް އެކުލަވާލުމާއެކު، މައިގަނޑު ގޮންޖެހުންތަކާއި ސްޓްރެޓީޖިކް ލަފާތައް ހިމެނޭ ސަރަޙައްދީ ރިޕޯޓެއް އެކުލަވާލުމުގެ ބިންގާ ވަނީ އަޅާފަ އެވެ.

އަދި މީގެ އިތުރުން މަސްވެރިކަމުގެ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް، ސާކް އެގްރިކަލްޗަރ ސެންޓަރުގެ ވިލަރެސްކުރުމުގެ ދަށުން ސަރަޙައްދީ ފެންވަރުގައި ކަނޑުގެ މަސްވެރިކަން ބެލެހެއްޓުމަށް ޚާއްޞަ ޕްލެޓްފޯމެއް ޤާއިމުކުރުމަށް އެންމެންގެ ނިންމުމެއް ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު