ENGLISH
08 ޖުލައި 2026
ޕެރެގުއޭގެ ސެނެޓަރު ޕޯސްޓުތައް ފޮހެލި ނަމަވެސް، އެމްބާޕޭ މާފަށް ނޭދޭނަމަ ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު
08 ޖުލައި 2026
|
ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭއާ ބެހޭގޮތުން ނަސްލީ ތަފާތުކޮށް، ޕެރަގުއޭގެ ސެނެޓަރަކު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުތައް ފޮހެލައިފިއެވެ. މި މައްސަލައާ ގުޅިގެން ޕެރިހުގެ ޕްރޮސެކިއުޓަރުން މިހާރު ވަނީ އާންމުކޮށް މީހުންނަށް އިހާނެތިކޮށް ހިތުމާއި، ނަފުރަތާއި އަނިޔާވެރިކަމަށް ހިތްވަރުދިނުމުގެ ތުހުމަތުގައި ތަހުގީގެއް ފަށާފައެވެ.
ޕެރަގުއޭގެ ލިބަރަލް ރެޑިކަލް ޕާޓީއަށް ނިސްބަތްވާ އުމުރުން 61 އަހަރުގެ ސެނެޓަރު ސެލެސްޓޭ އަމަރީޔާ، އެމްބާޕޭއަށް އިއްޔެ ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ފީފާ ވޯލްޑް ކަޕް 2026 ގެ ނޮކްއައުޓް މެޗެއްގައި ޕެރަގުއޭ އަތުން ފްރާންސް 1-0 ގެ ނަތީޖާއަކުން މޮޅުވި މެޗަށްފަހު އޭނާ ކުރެއްވި ކޮމެންޓްތަކާ މެދު ހިތާމަކުރައްވާ ކަމަށެވެ. ނަމަވެސް ހަމަ އެ ސިޓީގައި އަމަރީޔާ ވަނީ އޭނާގެ ޕޯސްޓަކަށް ރައްދުދީ އެމްބާޕޭ ކުރި ކޮމެންޓުތައް އަނބުރާ ގެންގޮސް، މާފަށް ނޭދިއްޖެނަމަ، އޭނާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ. އަދި އެމްބާޕޭގެ ފަރާތުން އަންނަ އިހާނެތި ބަސްތަކަށް ކެތްނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ވޯލްޑް ކަޕުގެ ގަދަ 16 ގެ މެޗުގެ 70 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އެމްބާޕޭއެވެ. މެޗަށްފަހު އަމަރީޔާ އިންސްޓަގްރާމާއި، ޓްވިޓާ މެދުވެރިކޮށް އެމްބާޕޭގެ ނަސްލާއި، ސިފައާއި، ތައުލީމީ ފެންވަރާއި، އެ ނޫންވެސް ކަންކަމަށް ފާޑުކިޔައި އިހާނެތި ބަސްތައް ރައްދުކޮށްފައިވެއެވެ.
ޕެރަގުއޭގެ ލިބަރަލް ރެޑިކަލް ޕާޓީއަށް ނިސްބަތްވާ ސެނެޓަރު ސެލެސްޓޭ އަމަރީޔާ --- ފޮޓޯ: އޭޕީ
އުމުރުން 27 އަހަރުގެ ފްރާންސްގެ ކެޕްޓަން އެމްބާޕޭ އެކްސްގައި ދިން ރައްދުގައި ބުނެފައިވަނީ، އަމަރީޔާއަކީ އޭނާ ހުރި މަގާމަށް އެކަށީގެންނުވާ، ފަކުރުގަންނަ ފަދަ އަންހެނެއް ކަމަށެވެ. އަދި އޭނާއަކީ ޕެރަގުއޭ ތަމްސީލުކުރާ މީހެއް ނޫން ކަމަށާއި، އޭނާގެ މި ޒިންމާދާރުކަން ކުޑަ، ނަސްލީ ތަފާތުކުރުން ބޮޑު އަމަލުގެ ސަބަބުން، އެ ޤައުމުގެ ކުޅުންތެރިން ވޯލްޑް ކަޕުގައި ދެއްކި ހިތްވަރާއި، ކުރި ބުރަ މަސައްކަތް މުޅި ދުނިޔެ ހަނދާން ނެތިފައިވާ ކަމަށްވެސް އެމްބާޕޭ ބުންޏެވެ. އޭނާ އިތުރަށް ބުނީ މިފަދަ މީހުންނަށް ދުނިޔޭގައި ނަފުރަތާއި ނަސްލީ ތަފާތުކުރުން ފެތުރުމުގެ ފުރުސަތު ދުވަހަކުވެސް ނުދޭނެ ކަމަށެވެ.
ޕެރަގުއޭ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސެނެޓަރުގެ އެ ވާހަކަތަކަކީ އެއްވެސް ހާލެއްގައި ޕެރަގުއޭ ސަރުކާރުގެ ނުވަތަ ރައްޔިތުންގެ ވިސްނުން ނޫން ކަމަށާއި، އެ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ އަމަރީޔާގެ ބަސްތަކަކީ ދަށު ދަރަޖައިގެ، ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ.
ޕެރިހުގެ ޕްރޮސެކިއުޓަރުގެ އޮފީހުން ބުނި ގޮތުގައި މި މައްސަލަ ތަހުގީގުކުރަން ފެށީ އަމަރީޔާގެ ކޮމެންޓުތަކަކީ މީހެއްގެ ނަސްލާއި، ޤައުމާއި ނުވަތަ ދީނަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާތަކެއް ކަމަށް ބެލެވޭތީ ކަމަށެވެ.
އަމަރީޔާ ފަހުން ލިޔުނު ސިޓީގައި ވިދާޅުވީ އޭނާ އެފަދަ އެއްޗެއް ލިޔުނީ މެޗުގެ ކުރިންނާއި ފަހުންވެސް އެމްބާޕޭގެ ފަރާތުން ޕެރަގުއޭ ކުޅުންތެރިންނަށް އިހުތިރާމު ކުޑަ އަމަލުތަކެއް ފެނުމުން ރުޅި އައިސްގެން ކަމަށެވެ. އަދި އޭނާއަކީވެސް ނަސްލީ ތަފާތުކުރުންތަކާ ކުރިމަތިލާ މީހަކަށް ވާއިރު، އެފަދަ ބަސްތަކެއް ބޭނުންކުރެވުނީތީ ހިތާމަކުރާ ކަމަށާއި، އެހެންވެ އެ ޕޯސްޓް ފޮހެލީ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް އޭގެ ފަހުން އެމްބާޕޭއަށް ފާޑުކިޔަމުން އަމަރީޔާ ވިދާޅުވީ އޭނާ ނުދަންނަ މީހަކު އޭނާއާ ދިމާލަށް "އެކަށީގެންނުވާ" ނުވަތަ "ފަކުރުގަންނަ" މީހެކޭ ބުނުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ. އަދި އެއީ އަންހެނަކަށް ވީތީ ކުރި އަނިޔާއެއް ކަމަށާއި، އޭނާގެ ސިޔާސީ މަގާމަށް ކުރި އިހާނެތިކަމެއް ކަމަށްވެސް ވިދާޅުވިއެވެ.