ENGLISH
05 ޖުލައި 2026
ޕީއެންސީގެ އިންތިހާބު: 2،500 އަށްވުރެ ގިނަ މަގާމަށް މީހުން އިންތިޚާބުކުރެވޭނެ
05 ޖުލައި 2026
|
ޕީއެންސީގެ އެއްވުމެއްގެ ތެރެއިން.
އެންމެ މަޤްބޫލު
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބާއްވާ ދާއިރާތަކުގެ އިންތިހާބުގައި 2،500 އަށްވުރެ ގިނަ މަގާމުތަކަށް މީހުން އިންތިޚާބުވާނެކަމަށް އެ ޕާޓީން ބުނެފިއެވެ.
އިންތިހާބުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް އިންތިހާބާ ބެހޭ ކޮމިޓީން އިސްނަގައިގެން އިއްޔެ ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ތަރުޖަމާނު އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ މި އިންތިހާބަށްފަހު މުޅި ރާއްޖޭގައި އެ ޕާޓީ ތަމްސީލުކުރުމަށްޓަކައި ރަށްރަށުގެ އެކިއެކި ދާއިރާތަކުގައި 2،500 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވާނެ ކަމަށެވެ.
"އަޅުގަނޑު ވަރަށް އުފަލާއެކު އިއުލާންކޮށް، މުޅި ރާއްޖޭގައި މި އިންތިހާބުގެ ކަންކަން ނިމިގެންދާއިރު އިންތިހާބީ އެކިއެކި މަގާމުތަކުގައި 2،500 އަށްވުރެ ގިނަ ބޭފުޅުން އަޅުގަނޑުމެންގެ ހަރަކާތްތަކުގައި ރުކުރުވާލެވޭނެ. މި ހުރިހާ ފަރާތްތަކަކީ ވެސް އިންތިހާބު ވެގެން އިންތިހާބުގެ މަގާމަކަށް އަންނަ ފަރާތްތައް އެހެންވީމާ ހުރިހާ ފަރާތްތަކަކީ ވެސް އެރަށެއްގެ ދާއިރާގައި ޕާޓީ ކުރިއެރުވުމަށް، ޕާޓީގެ ސިޔާސަތުތައް ކުރިއެރުވުމަށް އިސްކޮށް ހަރަކާތްތެރިވަމުންދާނެ ފަރާތްތައް،". ފިރުޒުލް ވިދާޅުވިއެވެ.
އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި 131 ރަށު ދާއިރާގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެއެވެ. މި އިންތިހާބުގައި ޕީއެންސީގެ ވޯޓާސް ލިސްޓުގެ އަސާސެއްކަމުގައި ބަލަނީ އިލެކްޝަން ކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ ޕީއެންސީގެ މެމްބަރުންގެ ދަފްތަރަށެެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލެވޭނީ ހުސްވި ޖޫންމަހުގެ 15 ގެ ނިޔަލަށް އިލެކްޝަން ކޮމިޝަނުގައި ކޮންގްރެސް ޕާޓީގެ ނަމުގައި ދަފްތަރުވެފައިވާ މެމްބަރުންނަށް އެކަންޏެވެ. އިންތިހާބުގައި ޕީއެންސީގެ ދާއިރާގެ ރައީސުން އިންތިހާބުކުރަނީ ޕާޓީ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނެތް ދާއިރާތަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންނަކީ އެ މެމްބަރުންނެވެ.
ކޮންގްރެސް ޕާޓީގެ ދާއިރާތަކުގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާއިރު ޕާޓީގެ މަތީ މަޖިލިސް ބާއްވާނީ އަންނަ ސެޕްޓެމްބަރުމަހުގެ 15 އިން 18 އަށެވެ.