ENGLISH
05 ޖުލައި 2026
ޖަޕާނު ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަޝްވަރާކޮށްފި
05 ޖުލައި 2026
|
ސަފީރު މަހުލޫފް، ޖޭ.އޭ.ޓީ.އޭގެ ރައީސް ކުނިހަރު އެބީންއާ ބައްދަލުކުރެއްވުން.
އެންމެ މަޤްބޫލު
ޖަޕާނުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށްގެންދިޔައީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފް، ޖަޕާން އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް (ޖޭ.އޭ.ޓީ.އޭ) ގެ ރައީސް ކުނިހަރު އެބީންއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
މި ބައްދަލުވުމަށްފަހު މަހުލޫފު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖޭ.އޭ.ޓީ.އޭގެ ރައީސް ކުނިހަރު އެބީންއާ ބައްދަލުކުރައްވައި ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވިފައިވާކަމަށެވެ.
އިތުރު ތަފްސީލު ދެއްވަމުން މަހުލޫފް ވިދާޅުވީ މި ބައްދަލުވުމުގައި، ޖަޕާނުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ޖޭ.އޭ.ޓީ.އޭގެ އެހީތެރިކަން ހޯދުމަށާއި، ޖަޕާނުގެ މާކެޓުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތައް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. މީގެ އިތުރުން، ދެ ގައުމުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޓްރެވަލް އޭޖެންޓުންގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމާ ގުޅޭގޮތުންވެސް ވާހަކަދެކެވިފައިވާކަމަށް ވިދާޅުވިއެވެ.
ސަފީރު ވިދާޅުވީ މި މަޝްވްރާތަކުގެ ތެރެއިން ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް، ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ނިމުނު އިރު ރާއްޖެއަށް ވަނީ މިލިޔަނަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 1,067,543 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
އަދި ހުސްވި ޖޫންމަހު ރާއްޖެއަށް 123،000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.