ENGLISH

02 ޖުލައި 2026

Advertisement

ފާއިތުވި އަހަރު ޓުރަމްޕު 1.4 ބިލިއަން ޑޮލަރުގެ ހިއްސާ ބައްލަވައިގަނެފައިވޭ

02 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ޓުރަމްޕު ހިންގަވާފައިވާ ވިޔަފާރި މުއާމަލާތްތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި

ބާޒާރަށް ބަދަލު އަންނަ ފިޔަވަޅުތަކާއި ސިޔާސަތުތައް ތަންފީޒުކުރައްވަމުން 2025 ވަނަ އަހަރު އެމެރިކާގެ ރައީސް ޑޮނާލްޑު ޓުރަމްޕު 1.4 ބިލިއަން ޑޮލަރުގެ ހިއްސާ ބައްލަވައިގަނެފައިވާކަން ފައިނޭންޝަލް ޓައިމްސް ނޫހުގެ ތަހުގީގަކުން ހާމަވެއްޖެއެވެ. 

މިހަފުތާ އާއްމުކުރި މާލީ ހިސާބުތަކުން ދެވަނަ ދައުރަކަށް އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ވިޔަފާރީގެ ހަނގުރާމައެއް ފައްޓަވައި، ޓެކުސްތައް ކުޑަކުރުމާ ގުޅޭ މުހިއްމު ދެ ގާނޫނެއް ތަސްދީގުކުރެއްވުމާއެކު، އީރާނާ ދެކޮޅަށް ހަނގުރާމައެއް ފެއްޓެވި ބިލިއަނަރު ޓުރަމްޕުގެ އަމިއްލަ ތަނަވަސްކަން އިތުރުކުރައްވާފައިވާ މިންވަރު ހާމަވިއެވެ. ކްރިޕްޓޯ ދާއިރާގެ ވިޔަފާރިއާއި ރިއަލް އެސްޓޭޓާއި، ގާނޫނީ ދެބަސްވުންތައް ނިންމަވައިގެން ލިބިވަޑައިގަތް ފައިސާ ހިމެނޭހެން 2.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ނިމުނު އަހަރު ޓްރަމްްޕަށް ލިބިވަޑައިގަތެވެ. 

ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓުކުރި ގޮތުގައި 2025 ވަނަ އަހަރު ޓްރަމްޕުވަނީ ހިއްސާގެ ބާޒާރުގައި 22،000 މުއާމަލާތް ހިންގަވާފައެވެ. ޓުރަމްޕުގެ ކުރިން ރައީސްކަން ކުރެއްވި ބައިޑަން ވެރިކަމުގެ ހަތަރު އަހަރުގައި ހިންގަވާފައިވަނީ އެންމެ 13 މުއާމަލާތެވެ. ޓުރަމްޕުގެ ފުރަތަމަ ދައުރުގެ ހަތަރު އަހަރު ތެރޭ ހިންގަވާފައި އޮތީ 517 ހިއްސާގެ މުއާމަލާތެވެ. 

އެފްޓީން ރިޕޯޓުކޮށްފަައިވާ ގޮތުން މާލީ މައުލޫމާތުތަކަށް ބަލައިގެން ވަކިވަކި ހިއްސާތަކުގެ ތަފުސީލުތަކެއް ނޭނގެއެވެ. ނަމަވެސް ޓުރަމްޕު ބައްލަވައިގަތް ހިއްސާގެ އަގު 1.4 ބިލިއަން ޑޮލަރާ ގާތްކުރާނެކަމަށް އެ ނޫހުން ލަފާކުރެއެވެ. އަދި ވިއްކެވި ހިއްސާގެ އަގު 138 މިލިއަން ޑޮލަރާއި 433 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާނެކަމުގައި ބެލެވެއެވެ. 

އެ ނޫހުން ބުނެފައިވަނީ ހިއްސާތައް ބައްލަވައިގަތުމަށް ޓުރަމްޕު އަށް އިންވެސްޓުމެންޓު އެކައުންޓު ބޭނުންކުރެއްވި ކަމަށާައި، އެއިން ހަތް އެކައުންޓަކީ އެމެރިކާގެ ހިއްސާގެ ބާޒާރުގެ ބޮޑު ބައެއް ކައިރިން ދިރާސާކޮށް ވަމުންދާ ގޮތް ބަލަމުންދާ އެކައުންޓުތަކެއް ކަމަށެވެ. 

ޓުރަމްޕު އޯގަނައިޒޭޝަނުން ބުނެފައިވާ ގޮތުން ޓުރަމްޕު ހުރިހާ އިންވެސްޓުމެންޓުތަކެއްގެ ކަންކަން ބަލަހައްޓަނީ މާލީ މުއައްސަސާތަކުންނެވެ. އެ މުއާމަލާތްތައް ހިންގަނީ އެތަންތަނުން އަމިއްލައަށް މުސްތަގިއްލުކޮށެވެ. އަދި އިންވެސްޓުމެންޓުތަކާ ގުޅޭ އެންމެހައި ނިންމުންތަކެއް ނިންމުމުގެ ފުރިހަމަ އިހުތިޔާރު އެ މުއައްސަސާތަކަށް ލިބިގެންވެއެވެ. 

"ރައީސް ޓުރަމްޕާއި، އެމަނިކުފާނުގެ އާއިލާއާއި ޓްރަމްޕް އޯގަނައިޒޭޝަނުން އިންވެސްޓުކުރާނެ ފުރުސަތުތައް ކަނޑައެޅުމުގައި، ނުވަތަ އިންވެސްޓުމެންޓުތައް މިސްރާބުކުރުމުގައި ނުވަތަ ވަކިވަކި އިންވެސްޓުމެންޓުތަކަށް ހުއްދަދިނުމުގައި އެއްްވެސް ދައުރެއް އަދާނުކުރޭ،" ޓުރަމްޕު އޯގަނައިޒޭޝަނުން ބުނެފައިވެއެވެ. 

ޓުރަމްޕުގެ ގިނަ އިންވެސްޓުމެންޓުތަކަކީ ބާޒާރަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށްގެން ކޮށްފައިވާ މުއާމަލާތްތަކެއްކަން އެނގޭކަމަށް ފައިނޭންޝަލް ޓައިމްސް ނޫހުން ބުނެފައިވެއެވެ. ނަމަވެސް ޓުރަމްޕުގެ އިންވެސްޓުމެންޓު ޕޯޓްފޯލިއޯގެ ސަބަބުން އެމެރިކާގެ އެންމެ ބޮޑެތި ކުންފުނިތަކަށް އޭނާ ހުޅުވިފައިވާކަމަށާއި، އެ ކުންފުނިތަކަކީ އާއްމު ސިޔާސަތުތަކުން ވަރަށް ބޮޑަށް އަަސަރުކުރާ ކުންފުނިތަކެއްކަމަށް އެފްޓީން ބުނެއެވެ. 

ޓުރަމްޕުގެ ޕޯޓްފޯލިއޯއަށް ބަލާއިރު، މައިކްރޯސޮފްޓުގެ 70 މިލިއަން ޑޮލަރުގެ ހިއްސާއާއި އެޕަލްގެ 63 މިލިއަން ޑޮލަރުގެ ހިއްސާ އަދި ބްރޯޑްކޮމްގެ 21 މިލިއަން ޑޮލަރުގެ ހިއްސާގެ އިތުރަށް އެމޭޒަންގެ 33 މިލިއަން ޑޮލަރުގެ ހިއްސާ ބައްލަވައިގަނެފައިވެއެވެ.. 

އަދި މިހާރު ބާޒާރުގައި އެންމެ އަގުބޮޑު އެއް ކުންފުނިކަމަށްވާ އެންވީޑިއާގެ 67 މިލިއަން ޑޮލަރުގެ ހިއްސާ ޓުރަމްޕު ބައްލަވައިގަނެފައިވެއެވެ. ޓުރަމްޕު ވެރިކަމަށް ވަޑައިގެންނެވި ފަހުން 31 އާއްމު ބައްދަލުވުމުގައި އަދި ސޯޝަލް މީޑިޔާގައި 19 ފަހަރު އެކުންފުންޏާ ގުޅޭ ގޮތުން ވާހަކަދެއްކެވިއެވެ. 

ކިޔުންތެރިންގެ ހިޔާލު