ENGLISH

02 ޖުލައި 2026

Advertisement

ޑޮލަރު އިންވެސްޓުކުރަން ހުޅުވައިލުމާއެކު، އީކޮމާސް މަންސަތަކުގައި މުއަމަލާތްކުރަން ކަނޑައެޅި ލިމިޓު ބީއެމްއެލްއިން ފުޅާކޮށްފި

02 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ބޭންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ދިވެހި ރުފިޔާ ކާޑުތަކުން އީކޮމާސް މަންސަތަކުގައި މުއާމަލާތްކުރުމަށް ކޮންމެ ދުވަހަކު ކަނޑައަޅާ ފައިސާގެ އަދަދު އިތުރުވީ ބޭންކަށް ޑޮލަރުން އިންވެސްޓުކުރުމަށް ފުރުސަތު ހުޅުވައިލުމުން، ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއިން ފީ ނަގައިގެން ދެމުންދާ ޚިދުމަތްތަކުގައި ޑޮލަރުން އިންވެސްޓުކުރަން ހުޅުވައިލި ފުރުސަތާއެކު، އީ-ކޮމާސް މަންސަތަކުގައި ވިޔަފާރިކޮށް މުއާމަލާތްކުރުމަށް ކޮންމެ ދުވަހަކު ބޭންކުން ކަނޑައަޅާ ބޭރުފައިސާގެ އަދަދު އިތުރުކޮށްފައިވާކމަށް އެ ބޭންކުން ބުނެފިއެވެ. 

ބީއެމްއެލްގެ  ހެޑް އޮފް ބްރޭންޑިންގ އެންޑް މާކެޓިންގ ސްޓްރެޓެޖީ މުޙައްމަދު ސަޢީދު ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ފާއިތުވި އަންގާރަދުވަހު ބީއެމްއެލްއަށް ޑޮލަރުން އިންވެސްޓުކުރަން ހުޅުވައިލި ފުރުސަތާއެކު، ބީއެމްއެލްއިން ދޫކޮށްފައިވާ ދިވެހި ރުފިޔާ ކާޑުތަކުން އީކޮމާސް މަންސަތަކުގައި ވިޔަފާރިކުރުމަށް ކޮންމެ ދުވަހަކު ކަނޑައަޅާ ލިމިޓު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. 

ބޭންކަށް ޑޮލަރު ލިބޭ މިންވަރަށްވުރެ އިތުރަށް ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ބޭންކުން ޑޮލަރު ދޫކުރަންޖެހުމާއެކު، ބޭންކުންވަނީ ކޮންމެ ދުވަހަކު ޑޮލަރުން މުއާމަލާތްކުރެވޭނެ ވަކި މިންވަރެއް ކަނޑައަޅާފައެވެ. އެ ކަނޑައަޅާފައިވާ އަދަދުގެ ތެރޭގައި ކޮންމެ ދުވަހަކުވެސް ކާޑުތަކުން މުއާމަލާތްކުރެވޭ ގޮތަށް ހަމަޖެއްސުމާއެކު ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ކުރެވޭނީ 30 މުއާމަލާތްކަމަށް ބޭންކުން ހަމަޖައްސާފައިވެއެވެ. 

އެ ބަދަލާ ގުޅިގެން ގިނަ ބަޔަކު ޝަކުވާ ކުރަމުންދަނިކޮށް ފާއިތުވި އަންގާރަދުވަހުގައި ބޭންކުންވަނީ ބޭންކުން ފީ ނަގާ ގޮތަށް ދޭ ޚިދުމަތްތައް ދިނުމަށް ޑޮލަރު އިންވެސްޓުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވައިލާފައެވެ. އިންޓަނެޓު ބޭންކިންއާއި ބޭންކުގެ މޯބައިލް އެޕު ބޭނުންކޮށްގެން ޑޮލަރު އިންވެސްޓުކުރެވޭ ގޮތަށް ހުޅުވައިލީ އިންވެސްޓުކުރާ ދުވަހު ޑޮލަރުގެ ރަސްމީ ރޭޓުން ދޭންޖެހޭ އަގު ޖަމާކޮށްދޭ ގޮތަށެވެ. އެއަށްފަހު އެ ދުވަހެއްގައި އިންވެސްޓުކުރަން ހުޅުވައިލާ ޕޫލުގެ ފައިދާގެ ރޭޓުގެ ގޮތުގައި ހަމަޖައްސާ ރޭޓާ އެއްވަރަށް ޖެހިގެން އަންނަ ދުވަހު އިންވެސްޓުކުރި ފަރާތުގެ އެކައުންޓަށް ފައިދާ ޖަމާކުރާނެއެވެ. ޕޫލުތަކުގެ ފައިދާގެ ރޭޓުގެ ގޮތުގައި 25 އިންސައްތައާ ހަމައަށް ފައިދާ ލިބޭ ގޮތަށް ހަމަޖައްސާފައިވެއެވެ. 

ސައީދު ވިދާޅުވި ގޮތުގައި ބޭންކަށް ޑޮލަރުން އިންވެސްޓުކުރުމުގެ ފުރުސަތު ހުޅުވައިލި ފުރަތަމަ 24 ގަޑިއިރު ތެރޭގައި އީ-ކޮމާސް ވެބްސައިޓުތައް މެދުވެރިކޮށް މުއާމަލާތްކުރުމަށް ކޮންމެ ދުވަހަކު ކަނޑައަޅާ ފައިސާގެ އަދަދު އިތުރުވި ކަމަށެވެ. އެގޮތުން އެކި އީ-ކޮމާސް ވެބްސައިޓުތައް މެދުވެރިކޮށް ވިޔަފާރިކުރުމުގައި ބޮޑު ލުޔެއް ލިބުނުކަން ގިނަ އަދަދެއްގެ ކަސްޓަމަރުން ފާހަގަކުރިކަމަށް ސައީދު ވިދާޅުވިއެވެ. 

"މިއަދު އަޅުގަނޑުމެނަށްވެސް އަދި ސޯޝަލް މީޑިއާގައިވެސް ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވޭ، އެންމެ ގިނަ ފަރާތްތަކުން ބޭނުންކުރާ ޓީމޫ، ޝެއިން، އަލީ އެކްސްޕްރެސްގެ ޕޭމަންޓްސްތައް ތްރޫވި. އެހެން ނޫންނަމަ އެއީ ކޮންމެ ދުވަހަކު ވަރަށް އަވަހަށް ހުސްވާ ލިމިޓުތަކެއް،" ސައީދު ވިދާޅުވިއެވެ. 

ބީއެމްއެލްގެ ދިވެހި ރުފިޔާ ކާޑުތައް ބޭނުންކުރުމުގައި ބޭންކުން ތައާރަފުކޮށްފައިވާ ބައެއް ހިފަހެއްޓުންތަކަށް ޖުލައި މަހުގެ ތެރޭގައި ލުއިތަކެއް ހަމަޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އަދި ބޭންކަށް ޑޮލަރު ލިބޭ މިންވަރު އިތުރުވާ ނިސްބަތުން ބޭންކުން ޑޮލަރުން ދެމުންދާ ޚިދުމަތްތައް ފުޅާކުރާނެ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ. 

ބޭންކުން ޑޮލަރުން ދެމުންދާ ޚިދުމަތްތަކުގެ ތެރޭގައި ކާޑުތަކުން ކުރާ މުއާމަލާތްތަކަށް ޑޮލަރު ދޫކުރުމުގެ އިތުރަށް ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށާއި ވިޔަފާރިތަކަށް ޑޮލަރު ދޫކުރުން ހިމެނެއެވެ. އަދި އެސްއޯއީތަކުގެ އެކި ބޭނުންތަކަށް ބޭނުންވާ ޑޮލަރުވެސް ބޭންކުން ދޫކުރަމުންދެއެވެ. 

ކިޔުންތެރިންގެ ހިޔާލު