ENGLISH

02 ޖުލައި 2026

Advertisement

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފި

02 ޖުލައި 2026

|

ޢަލީ ޝަހީމް

މޯލްޑިވްސް ފައިނޭންޝިއަލް އެކްސްޕޯ 2026 ހުޅުވައިދެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ސްޓޯލްތަކަށް ޒިޔާރަތްކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ފައިނޭންޝަލް ސެކްޓަރއަށް ޚާއްސަކޮށްގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. 

މި އެކްސްޕޯ ކުރިއަށްދާނީ މިއަދުން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އެކްސްޕޯއަކީ މާލީ އުފެއްދުންތަކާއި ހިދުމަތްތަކަށް އާންމުން ހޭލުންތެރިކުރުވައި، އާންމުންނަށް މާލީ މުއައްސަސާތަކާއި ސީދާ ބައްދަލުކޮށް، މައުލޫމާތު އޮޅުންފިލުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ރޭވިގެން ބާއްވާ އެކްސްޕޯއެކެވެ. 

މިއަހަރުގެ އެކްސްޕޯގެ ޝިއާރަކީ "އެމްޕަވަރިންގ ސަސްޓެއިނަބަލް ފިއުޗަރސް، އިންކްލޫޝަން، އިނޮވޭޝަން އެންޑް އިންޓެލިޖެންސް" އެވެ. މި އެކްސްޕޯގައި ބޭންކުތަކާއި، ބޭންކު ނޫން މާލީ އިދާރާތަކާއި އެހެނިހެން މުއައްސަސާތައް ހިމެނޭހެން 30 ފަރާތަކުން ބައިވެރިވެއެވެ. 

އެކްސްޕޯ ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ ބައްލަވާލައްވާފައެވެ. އެމަނިކުފާނުގެ އަރިހުގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރުގެ އިތުރުން، ފިނޭންސް މިނިސްޓަރ ހަސަން ޒަރީރާއި ކެބިނެޓް ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. 

މި އެކްސްޕޯގެ ތެރެއިން ރާއްޖޭގައި ހުރި މާލީ ދާއިރާގެ ފުރުސަތުތަކާއި މާލީ ކަންކަން ހަރުދަނާކުރުމަށް ބޭނުންވާ މައުލޫމާތު މި އެކްސްޕޯގެ ތެރެއިން ލިބިގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. މީގެ އިތުރުން މި އެކްސްޕޯގެ ތެރެއިން ބޭންކްތައް މެދުވެރިކޮށް އެކައުންޓް ހުޅުވުމާއި، ލޯނަށް ހުށަހެޅުމާއި ބޭންކްތަކުން ލިބޭ އެހެނިހެން ހިދުމަތްތަކަށް އެދެވޭނެއެވެ. މީގެ އިތުރުން މާލީ މުއައްސަސާތައް މެދުވެރިކޮށް އެތަންތަނުން ލިބެން ހުންނަ ހިދުމަތްތައް ވެސް މި އެކްސްޕޯގެ ތެރެއިން ލިބިގެންދާނެއެވެ. 

އެކްސްޕޯ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ވެސް މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 އަށެވެ. މި އެކްސްޕޯއަށް އާންމުންނަށް ވެސް ޒިޔާރަތްކުރެވޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު