ENGLISH
02 ޖުލައި 2026
މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރގެ ހާއްސަ 2 އެވޯޑެއް ބީއެމްއެލްއަށް
02 ޖުލައި 2026
|
އެމްއެމްއޭ އަށް 45 އަހަރު ފުރުމުގެ މުނާސަބްތުގައި ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްއަށް އެވޯޑް ހަވާލުކުރުން - ފޮޓޯ: އެމްއެމްއޭ
އެންމެ މަޤްބޫލު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ތައާރަފުކުރި "މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސް" ގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ހާއްސަ ދެ އެވޯޑެއް ލިބިއްޖެއެވެ.
ބީއެމްއެލްއަށް ލިބިފައިވަނީ "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް އާއި 'އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް" އެވޯޑެވެ.
އެމްއެމްއޭގެ 45 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން، ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމުގައި ފާހަގަކޮށްލެވޭފަދަ މުހިއްމު ހިދުމަތްތަކެއް ކޮށްދީފައިވާ މުއައްސަސާތަކާއި، ފަރުދުންގެ އަގު ވަޒަންކޮށްފައިވެއެވެ.
އެމްއެމްއޭ އިން ބުނީ، "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑަކީ ޑިޖިޓަލް ޓެކްނޮލޮޖީ އާއި އައު އީޖާދުތަކުގެ އެހީގައި ރާއްޖޭގެ މާލީ ހިދުމަތްތައް ޒަމާނީ ކުރުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދީފައިވާ އެވޯޑެއްކަމަށެވެ. އެގޮތުން އައު އީޖާދުތައް ބޭނުންކޮށެގެން މާލީ ހިދުމަތްތަކަށް އިންގިލާބީ ބަދަލުގެނެސްފައިވާ ފަރާތްތަކަށް އިސްކަންދެއެވެ. މި އީޖާދުތަކުގެ ތެރެއިން ކަސްޓަމަރުންގެ ތަޖުރިބާއާ ހިދުމަތުގެ ހަލުވިމިނާއި އަދި މާލީ ހިދުމަތްތައް ފަސޭހައިން ލިބޭ މިންވަރަށް ރިއާޔަތް ކުރެވޭނެ ކަމަށްވެސް އެމްއެމްއޭ އިން ބުނެފައިވެއެވެ.
އެމްއެމްއޭ އަށް 45 އަހަރު ފުރުމުގެ މުނާސަބްތުގައި ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްއަށް އެވޯޑް ހަވާލުކުރުން - ފޮޓޯ: އެމްއެމްއޭ
ބީއެމްއެލްއަށް މި އެވޯޑް ލިބުނީ ރާއްޖޭގެ ބޭންކިންގ ދާއިރާ ޒަމާނީ ކުރުމަށް އެ ބޭންކުންކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓްތަކާއި، މުޅި ރާއްޖެއަށް ޑިޖިޓަލް ބޭންކިންގ ހިދުމަތްތައް ތައާރަފުކޮށް ފުޅާކުރުމުގައި އަދާކުރަމުން އަންނަ އިސް ދައުރުގެ ސަބަބުންނެވެ.
ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ބޭންކިން ނިޒާމްވަނީ ޑިޖިޓަލް ބޭންކިންގ ސިސްޓަމް އަށް ބަދަލުވެފައެވެ. އެގޮތުން މޮބައިލް ބޭންކިންގ އެޕްލިކޭޝަންތަކާއި، އިންޓަރނެޓް ބޭންކިންގ، ސެލްފް ސަރވިސް ބޭންކިންގ އަދި ޑިޖިޓަލް ޕޭމަންޓް ހިދުމަތްތަކުގެ ސަބަބުން، ބޭންކުގެ ބްރާންޗުތަކަށް ދިއުމުގެ ބަދަލުގައި ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު މާލީ މުއާމަލާތްތައް ހިންގުމުގެ މަގު ވަނީ ތަނަވަސްވެފައެވެ.
ބީއެމްއެލްއަށް "އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް" ދާއިރާއިން އެވޯޑް ލިބިފައިވަނީ ދެމެހެއްޓެނިވި ތަރައްޤީއަށް އެ ބޭންކުން ދެމުން އަންނަ އެއްބާރުލުމާއި، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުން އަންނަ އެކި އެކި ހަރަކާތްތަކަށް މެދުނުކެނޑި އެހީތެރިކަން ފޯރުކޮށްދެމުންދާތީއެވެ. އެވޯޑް ޕެނަލުން ފާހަގަކުރި ގޮތުގައި، ތިމާވެއްޓާ ރައްޓެހި އިންވެސްޓްމަންޓްތަކަށް އެހީތެރިވުމަށާއި، ދެމެހެއްޓެނިވި އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިވާނެ ފަދަ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ.
އެމްެއެމްއޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި 'ގްރީން ފައިނޭންސް' ނުވަތަ ތިމާވެއްޓާ ރައްޓެހި މާލީ ނިޒާމަކީ މިހާރުގެ މާލީ އޮނިގަނޑުތަކުގެ މުހިންމު ބައެކެވެ. މީގެ ސަބަބުން ދެމެހެއްޓެނިވި މާލީ ހައްލުތައް މެދުވެރިކޮށް، ވިޔަފާރިތަކާއި ފަރުދުން ތިމާވެއްޓާ ރައްޓެހި އުސޫލުތައް އިޚްތިޔާރުކުރުމަށް ބާރުއެޅެއެވެ.
މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސް އަކީ މާލީ ދާއިރާގެ އެކި ދާއިރާތަކުން ހޯދާ ކާމިޔާބީތައް ފާހަގަކުރުމަށް ތައާރަފުކުރި އެވޯޑެކެވެ. މީގެ ތެރޭގައި މާލީ ހިދުމަތްތައް އެންމެނަށް ފޯރުކޮށްދިނުން (ފައިނޭންޝަލް އިންކްލޫޝަން)، ޑިޖިޓަލް ފައިނޭންސް، ގްރީން ފައިނޭންސް، އަދި އާދަޔާ ހިލާފު އައު އީޖާދުތައް ފަދަ ދާއިރާތައް ހިމެނެއެވެ.