ENGLISH
01 ޖުލައި 2026
ތިނަދޫ ފިހާރައެއްގެ ފުރާޅުން ޓިނު ނަގައިގެން ވަދެ ވައްކަން ކުރި ކަމުގެ ތުހުމަތުވި މީހާ ސަލާމަތްވެއްޖެ
01 ޖުލައި 2026
|
ގދ. ތިނަދޫ
އެންމެ މަޤްބޫލު
ގދ. ތިނަދޫގައި ހުންނަ "އަލިހަވާ ޓްރޭޑާސް" ފިހާރައިގެ ފުރާޅުން ޓިނު ނަގައި، ސީލިންގު ހަލާކުކޮށްލައިގެން ވަދެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ކަމުގެ ތުހުމަތު ކުރެވުނު މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ގދ. ތިނަދޫ، ދިލްބަހާރުގެ، އަޙްމަދު ނިއުޝަމްގެ މައްޗަށެވެ.
ނިއުޝަމްގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދަޢުވާއާއި، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދަޢުވާގެ އިތުރުން، މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދަޢުވާއެވެ. މި ހާދިސާ ހިނގާފައިވަނީ 2024 އޭޕްރީލް 4 ވަނަ ދުވަހުގެ ރޭގަނޑު 7:43 އެހައިކަށްހައިއިރު ކަމަށް ދައުލަތުގެ ދައުވާގައި ބުނެފައިވެއެވެ.
ދައުލަތުގެ ދައުވާގައި ބުނެފައިވަނީ، ނިއުޝަމް އެ ފިހާރައިގެ ފުރާޅުން ޓިނު ނައްޓައި، ސީލިންގު ފަޅާލައިގެން ވަދެ، ކޭޝް ކައުންޓަރުގެ ވަތްގަނޑުން 80,000 (އަށްޑިހަ ހާސް) ރުފިޔާއާއި 1,200 (އެއްހާސް ދުއިސައްތަ) ޔޫއެސް ޑޮލަރު ވަގަށް ނަގާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައި ނުވާކަމަށް ޝަރީޢަތުން ވަނީ ނިންމާފައެވެ.
މި މައްސަލައިގައި ދައުލަތުން ހުށަހެޅި ޝަފަހީ ހެކިންގެ ތެރެއިން 7 މީހެއްގެ ހެކިބަސް ޝަރީޢަތުން ނަގާފައިވެއެވެ. ނަމަވެސް، ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ ފަދައިން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި މި ކުށް ނިއުޝަމް ކުރިކަން ޝަރީޢަތަށް ސާބިތުވެފައެއް ނުވެއެވެ.
އެހެންކަމުން، އަޙްމަދު ނިއުޝަމްގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާވެސް ސާބިތުނުވާ ކަމަށް ކަނޑައަޅައި، އޭނާ ވަނީ މި މައްސަލައިން ސަލާމަތްވެފައެވެ.