ENGLISH

01 ޖުލައި 2026

Advertisement

ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރަން ސަރުކާރުން މަޖިލީހަށް ހުށަހެޅި އިސްލާހު، އިދިކޮޅު އެމްޑީޕީ މެންބަރުންގެ ވޯޓާއެކު ފާސްކޮށްފި

01 ޖުލައި 2026

|

އެމް އެމް ޓީމް

ރައްޔިތުންގެ މަޖިލީހުގެ، މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން

ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރަން ސަރުކާރުން މަޖިލީހަށް ހުށަހެޅި އިސްލާހު، އިދިކޮޅު އެމްޑީޕީ މެންބަރުންގެ ވޯޓާއެކު ފާސްކޮށްފިއެވެ. 

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމެވެ. އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ސަރުކާރަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ  ސިނގިރޭޓުގެ އިތުރުން ބިޑިއާއި ހީޓަޑް ޓޮބޭކޯ އުފެއްދުންތައް ނުވަތަ ރޯކުރުމަކާނުލައި ހޫނުކޮށްގެން ބޭނުންކުރެވޭގޮތަށް އުފައްދާފައިވާ ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ހުށަހެޅިއެވެ. 

އަދި ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ނަގާ ޑިއުޓީ ކަނޑާލާ ގޮތަށް ވެސް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅާފައެވެ.

މި ބިލަށް މުޅި މަޖިލީހުގެ ކޮމިޓީގައި ބަހުސްކުރެވި މަޖިލީހުގެ ތަޅުމަށް ބިލު ފޮނުވި އިރު، މުޅި މަޖިލީހުގެ ކޮމިޓީގައި ހިމެނޭ 69 މެންބަރުން ވަނީ އިސްލާހު ފާސްކުރަން ވޯޓު ދީފައެވެ. 

މިއަދު މި އިސްލާހަށް ވޯޓަށް އެހުމުން 68 މެންބަރުންގެ އަގުލަބިއްޔަތުން ވަނީ އިސްލާހު ފާސްކުރަން ވޯޓު ދީފައެވެ. މީގެ ތެރޭގައި އެމްޑީޕީގެ 7 މެންބަރުން ވެސް ހިމެނެއެވެ. 

ދުންފަތުގެ ޑިއުޓީ ކުޑަކުރަން ފެންނަ ކަމަށް ވޯޓު ދިން އެމްޑީޕީގެ މެންބަރުން:

  • ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު 
  •  ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
  • ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
  •  ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް
  • ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު
  • މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ
  •  ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު

ރާއްޖެ އެތެރެ ކުރާ ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ 50 އިންސައްތަ ކުޑަ ކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާދީފައިވާކަމަށާއި، އެކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ކަންކަން ނިންމާނެކަން ސަރުކާރުން ހާމަކުރީ މެއި މަހުގެ ތެރޭގައެވެ.

ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ އިމްޕޯޓް އެކްސްޕޯޓް ގާނޫނުގެ ދަށުން ސިނގިރޭޓަކުން ނަގާ ޑިއުޓީއަކީ 4 ރުފިޔާ ކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ 30 އިންސައްތަ ކަމަށް ހަމަޖެއްސުމަށާއި، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިގެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭގޮތަށް ހަމަޖެއްސުމަށްޓަކައި އިސްލާހުތައް ގެނައުމެވެ.

ދުންފަތުގެ އިމްޕޯޓް ޑިއުޓީ އަށް އެންމެ ފަހުން ބަދަލު ގެނައީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެ ފަހަރު ސިނގިރޭޓުން ނަގާ ޑިއުޓީ 3.30ރ. އިން 8ރ. އަށް ބޮޑުކުރިއެވެ. ޑިއުޓީ ރޭޓް 8ރ. އިން 4 ރ.އަށް ކުޑަ ކުރާ ނަމަ، އެއީ 50 އިންސައްތައިގެ ކުޑަ ވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު