ENGLISH
01 ޖުލައި 2026
ހަތަރު މަސް ފަހުން އެމިރޭޓްސް އިން ރާއްޖެއަށް ދަތުރުތައް ފަށައިފި
01 ޖުލައި 2026
|
އެމިރޭޓްސް އެއާލައިނުން ރާއްޖެއާއި ސްރީލަންކާގެ ކޮލަމްބޯއާ ދެމެދު އަލުން ދަތުރުތައް ފެށުން. ފޮޓޯ؛ އެމިރޭޓްސް.
އެންމެ މަޤްބޫލު
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހަތަރު މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު، އެމިރޭޓްސް އެއާލައިނުން ރާއްޖެއާއި ސްރީލަންކާގެ ކޮލަމްބޯއާ ދެމެދު ކުރާ ދަތުރުތައް އަލުން ފަށައިފިއެވެ.
މި ދަތުރުތަކުގައި ބޭނުންކުރާނީ ބޯއިން 777 މަރުކާގެ ބޯޓުތަކެވެ. މި ދަތުރުތައް ކޮންމެ ދުވަހަކު ބާއްވާއިރު މި ފްލައިޓް މާލެއަށް ޖެއްސުމަށްފަހު ދެން ދަތުރުކުރާނީ ކޮލަމްބޯއަށެވެ. އަދި އެނބުރި ދުބާއީއަށް ކުރާ ދަތުރުކުރާނީވެސް ކޮލަންބޯއިން މާލެ ޖެއްސުމަށްފަހުއެވެ.
މި އަހަރުގެ ފެބުރުއަރީމަހުގެ 28 ވަނަ ދުވަހު ފެށި ހަނގުރާމައާއި ގުޅިގެން މެދުއިރުމަތީގެ ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކުރަން ޖެހުމުން އެއާލައިންތަކުގެ ދަތުރުތައް ވަނީ ކެންސަލްކޮށްފަ އެވެ. ފެބްރުއަރީގެމަހުގެ ފަހުކޮޅުން ފެށިގެން މާޗު މަހުގެ މެދާ ހަމައަށް ތާވަލުކުރި ދަތުރުތަކުގެ ތެރެއިން 2،000 އަށް ވުރެ ގިނަ ދަތުރުތައް އެމިރޭޓްސް އިން ވެސް ކެންސަލްކުރިއެވެ.
އެމިރޭޓްސްއިން އެ އެއާލައިނުގެ ދަތުރުތައް އަލުން ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާއިރު މާޗު މަހުގެ މެދަކާ ހަމައަށް 110 އަށްވުރެ ގިނަ މަންޒިލްތަކަށް ދަތުރުތައް ފަށާފައިވެއެވެެ.
މެދުއިރުމަތީގެ މަގުން ރާއްޖެއަށް ގާތްގަނޑަކަށް 30 އިންސައްތަ ފަތުރުވެރިން އަންނައިރު ހަނގުރާމައިގެ ސަބަބުން މެދުކަނޑާލި ގަތަރު އެއާވޭސްގެ ހިދުމަތްތައް ވެސް ރާއްޖެއަށް އަލުން ވަނީ ފަށާފަ އެވެ. ގަތަރު އެއާވޭސް އަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އުފުލާ އެއް އެއާލައިނެވެ.
މި ދަތުރުތައް އަލުން ފެށުމާއެކު، މެދުއިރުމައްޗާއި ޔޫރަޕް އަދި އެމެރިކާ ފަދަ ސަރަހައްދުތަކުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ކަނެކްޓިވިޓީގެ ފަސޭހަކަން އިތުރަށް ފުޅާވެގެންދާނެއެވެ.