ENGLISH
01 ޖުލައި 2026
ވޯލްޑް ކަޕުން ނެދަލެންޑްސް ކެޓުމާއެކު، ކޯޗުގެ މަގާމުން ކޫމަން އިސްތިއުފާދީފި
01 ޖުލައި 2026
|
ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން --- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުގައި މޮރޮކޯ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ، ނެދަލެންޑްސް މުބާރާތުން ވަކިވާން ޖެހުމާ ގުޅިގެން، އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން މަގާމުން އިސްތިއުފާދީފިއެވެ.
މިކަމާ ގުޅޭގޮތުން ކޫމަން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޤައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމުން ވަކިވުމަށް ރޭގެ ވަގުތެއްގައި ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެންމެންވެސް އުއްމީދުކުރީ މި ވޯލްޑް ކަޕުގައި ތާރީޚީ ކާމިޔާބީއެއް ހޯދުމަށް. ނަމަވެސް އެކަން އެގޮތަކަށް ނުވި. މި ނަތީޖާއާ މެދު އަޅުގަނޑަށްވުރެ ބޮޑަށް ދެރަވާނެ އެހެން މީހަކު ނުހުންނާނެ. ހެޑް ކޯޗުގެ ހައިސިއްޔަތުން އެ ޒިންމާ އުފުލަންޖެހޭނީ އަޅުގަނޑު،" ކޫމަން ބުންޏެވެ.
މެކްސިކޯގެ މޮންޓެރޭގައި ކުޅުނު މެޗުން ޕެނަލްޓީ ޖަހައިގެން ބަލިވި ދަނޑިވަޅުގައި، މުސްތަގުބަލާ މެދު ވަކި އެއްޗެއް ބުނަން ކޫމަން ދެކޮޅު ހެދި ނަމަވެސް، އޭނާގެ ދެވަނަ ދައުރުގައި ޓީމުގެ ފެންވަރު ދަށްވުމާއި، މީޑިއާގެ ފާޑުކިޔުންތައް އަމާޒުވެފައި އޮތުމުން، އޭނާ މަގާމުން ވަކިވާނެ ކަމަށް ކުރިންވެސް ބެލެވުނެވެ.
މީގެ އިތުރުން، ކޯޗިން ކެރިއަރުން ރިޓަޔާކުރުމުގެ އިޝާރާތެއް ދެމުން އޭނާ ބުނީ، ފާއިތުވި މަދު އަހަރުތަކުގެ ތަޖުރިބާއަށް ބަލާއިރު ފުޓްބޯޅައަށްވުރެ މުހިންމު ކަންތައްތަކެއް ދިރިއުޅުމުގައި ހުރިކަން ގަބޫލުކުރެވޭ ކަމަށެވެ. "ފުޓްބޯޅައަކީ އަޅުގަނޑުގެ މުޅި ދިރިއުޅުން. ނަމަވެސް ސިއްހަތަކީ އަގު ނުކުރެވޭނެ ފަދަ ނިއުމަތެއް. ތިމާ ލޯބިވާ މީހަކު ބޮޑު ބައްޔަކާ ހަނގުރާމަކުރަމުންދާ ދަނޑިވަޅެއްގައި ދިރިއުޅުމާ މެދު ދެކޭގޮތް ބަދަލުވޭ،" އޭނާ ފާހަގަކުރިއެވެ.
ކޫމަންގެ އަންހެނުން ބާޓިނާ ބަލިހާލަތުގައި ހުރި ނަމަވެސް، އޭނާގެ މަސައްކަތް ފުރިހަމަކުރުމަށް ކޮންމެ ދުވަހަކު ދިން ހިތްވަރާއި އެހީތެރިކަމަށްޓަކައި ކޫމަން ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
ނެދަލެންޑްސްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރު ނައިޖެލް ޑި ޔޮން ވިދާޅުވީ، މި އަހަރުގެ ވޯލްޑް ކަޕުގައި ޓީމުގެ ފަރާތުން ފެނުނީ މާޔޫސްކުރުވަނިވި ކުޅުމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޓީމުގެ އަމާޒަކީ ސެމީ ފައިނަލަށް ދިޔުން ކަމަށާއި، ބޭނުންވީ ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމަށެވެ. ނަމަވެސް އެ އަމާޒާ ގާތަށްވެސް ޓީމަށް ނުދެވުނުކަން އޭނާ ގަބޫލުކުރެއްވިއެވެ.
ކޫމަންގެ އިރުޝާދުގެ ދަށުން ނެދަލެންޑްސް ކުޅުނު މެޗުތަކުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ދަށް ކުޅުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. ޚާއްސަކޮށް ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުގައި އަމާޒެއް ނެތް ޕާސްތަކާއި، ޓިއުނީޝިއާ މެޗުގައި ފެނުނު ފަރުވާކުޑަ ކުޅުމަށް މީޑިއާތަކުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.
އުމުރުން 63 އަހަރުގެ ކޫމަން ނެދަލެންޑްސްގެ ކޯޗުކަމާ ހަވާލުވީ މީގެ ހަތަރު އަހަރު ކުރިން ގަތަރު ވޯލްޑް ކަޕަށް ފަހުގައެވެ. އޭނާގެ އިރުޝާދުގެ ދަށުން 2024 ގެ ޔޫރޯގެ ސެމީ ފައިނަލަށް އެ ޓީމު ދަތުރުކުރި ނަމަވެސް، ފީފާ ރޭންކިންގެ ގަދަ 25 ޤައުމުގެ ތެރެއިން ޤައުމެއްގެ މައްޗަށް ކުރިހޯދިފައެއް ނުވެއެވެ. މީގެ ކުރިން 2018 އިން 2020 އަށްވެސް އޭނާ ވަނީ އެ ޤައުމުގެ ކޯޗުކަންކޮށްފައެވެ.