ENGLISH
01 ޖުލައި 2026
ފަހު ވަގުތު ހާލަންޑް ކާމިޔާބުކޮށްދިން ލަނޑާއެކު، ނޯވޭ ގަދަ 16 އަށް
01 ޖުލައި 2026
|
ވޯލްޑް ކަޕުގައި އައިވަރީ ކޯސްޓް ކޮޅަށް ލަނޑު ޖެހުމަށްފަހު ނޯވޭގެ ހާލަންޑް އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
މެޗުގެ ފަހު ވަގުތު އާލިން ހާލަންޑް ކާމިޔާބުކުރި ލަނޑާއެކު، 2-1 ގެ ނަތީޖާއަކުން އައިވަރީ ކޯސްޓް ބަލިކޮށް، ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 އަށް ނޯވޭ ދަތުރުކޮށްފިއެވެ.
މި މޮޅާއެކު ދެން އޮތް ބުރުގައި ނޯވޭ ބައްދަލުކުރާނީ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ބްރެޒިލާއެވެ. ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު ޤައުމު ކަމަށްވާ ބްރެޒިލުން ވަނީ މިހާތަނަށް ފަސް ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. އެކަމަކު ނޯވޭއަކީ ބްރެޒިލަށް މިހާތަނަށް ދުނިޔޭގެ ފުޓްބޯޅައިގައި އިދިކޮޅަށް ކުޅެން ނުކުންނަން ޖެެހި ބަލިނުކުރެވި އޮތް ހަމައެކަނި ޤައުމެވެ. މިހާތަނަށް ބްރެޒިލާއި ނޯވޭ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ނޯވޭ މޮޅުވިއިރު، އަނެއް ދެ މެޗު ވަނީ އެއްވަރުވެފައެވެ.
އެމެރިކާގެ ޑަލަސް ސްޓޭޑިއަމުގައި މިރޭ ކުޅުނު ދެވަނަ ބުރުގެ ފޯރިގަދަ މެޗު ނިމި، އިތުރު ވަގުތަށް ދާން މިސްރާބު ޖަހާފައިވަނިކޮށް، ޕެޓްރިކް ބާގް ހުރަސްކޮށްދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނޯވޭ މޮޅުކޮށްދިނީ އެ ޓީމުގެ ތަރި ހާލަންޑެވެ. މިއީ ވޯލްޑް ކަޕުގެ ނޮކްއައުޓް ބުރެއްގައި ނޯވޭއަށް ލިބުނު ފުރަތަމަ ކާމިޔާބީއެވެ.
ވޯލްޑް ކަޕުގައި އައިވަރީ ކޯސްޓް ކޮޅަށް ނޯވޭގެ ހާލަންޑް ޖެހި ލަނޑު --- ފޮޓޯ: އޭޕީ
މުޅި މެޗުގައިވެސް ފެނިގެންދިޔައީ ހިތްގައިމު ލަނޑުތަކެކެވެ. މިފަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން އައިވަރީ ކޯސްޓުގެ ފޯވާޑް ޔާން ޑިއޮމާންޑޭއަށް ހުއްޓިފައި އޮތް ނަމަވެސް، މި މެޗުގައި އެންމެ ބޮޑު ވިދުމެއް ދެއްކީ އާރްބީ ލައިޕްޒީގުގައި އޭނާއާއެކު ކުޅެމުން އަންނަ އެންޓޯނިއޯ ނޫސާއެވެ.
އައިވަރީ ކޯސްޓުން މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުން ދަނިކޮށް، ނޫސާ ފޮނުވާލި ހިތްގައިމު ބޯޅައަކުން ނޯވޭއަށް ފުރަތަމަ ކުރިހޯދައިދިނެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި އައިވަރީ ކޯސްޓުން ކުޅުން ރަނގަޅުކުރިއިރު، މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް އަމަދު ޑިއާލޯގެ ހުނަރުވެރި ކުޅުން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ.
ވޯލްޑް ކަޕުގައި އައިވަރީ ކޯސްޓް ކޮޅަށް ލަނޑު ޖެހުމަށްފަހު ނޯވޭގެ ނޫސާ އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ، ޑިއާލޯ ފުރަތަމަ ދިފާއުކުރީ ނޯވޭގެ ހެގެމް ފޮނުވާލި ނުރައްކާތެރި ހަމަލާއެކެވެ. އޭގެ ހަތް މިނެޓު ފަހުން، އަމިއްލަ ހުނަރު ބޭނުންކޮށްގެން އޭނާ ކާމިޔާބުކުރި ފުރިހަމަ ލަނޑާއެކު، ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ނޮކްއައުޓް ބުރުގައި ކުޅޭ އައިވަރީ ކޯސްޓަށް އުއްމީދު އައުކޮށްދިނެވެ.
އެހެންނަމަވެސް، އަބަދުވެސް ފެންނަ ފަދައިން، އެންމެ ފަހު ވަގުތު މެޗުގެ ނަތީޖާ ނޯވޭ ކޮޅަށް އަނބުރާލީ ހާލަންޑެވެ.