ENGLISH

30 ޖޫން 2026

Advertisement

ހަނިމާދޫ އެއާޕޯޓު ފަރުމާކޮށްފައި އޮތީ ވައިޑްބޮޑީ މަތިންދާބޯޓަށް ބޭނުންކުރެވޭ ގޮތަކަށް ނޫން: ވަޒީރު އަމީން

30 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ފަތުރުވެރިކަމާއި ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންޑިޔާގެ އެގްޒިމް ބޭންކުން ބޮޑު ލޯނެއް ނަގައިގެން ތަރައްގީކުރި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށްފައި އޮތީ ވައިޑް-ބޮޑީ މަތިންދާބޯޓަށް އެ އެއާޕޯޓު ބޭނުންކުރެވޭ ގޮތަށް ނޫންކަމަށް ފަތުރުވެރިކަމާއި ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނު ވިދާޅުވެއްޖެއެވެ. 

ހަނިމާދޫ އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ހިންގާފައިވަނީ އިންޑިޔާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ހަމަޖައްސައިދިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން އެ މަޝްރޫއަށް ހަމަޖެއްސި 136.1 މިލިއަން ޑޮލަރު ހަރަދުކޮށްގެންނެވެ. އެއީ ދިވެހި ރުފިޔާއިންނަމަ ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާއެވެ. 

އެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ އައު ރަންވޭއެއް އަޅާފައިވާއިރު، ޒަމާނީ ފެންވަރުގެ ފަސިންޖާ ޓާމިނަލެއް ނުވަތަ ގިމަތައެއް ތަރައްގީކޮށްފައިވެއެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު އެ އެއާޕޯޓުގެ މަސައްކަތުގެ ތެރެއިން ނިމިފައި އޮތީ އެންމެ 30 އިންސައްތަ މަސައްކަތެވެ. ބާކީ 70 އިންސައްތަ މަސައްކަތް ނިންމައި އެއާޕޯޓު ހުޅުވީ 2025 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. 

މިއަދު ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަަރު ޢަބްދުލްޣަފޫރު މޫސާވަނީ އެ އެއާޕޯޓުން ޗައިނާ ފަދަ ގައުމުތަކަށް ދަތުރުތައް ފެށުމަށް ޤައުމީ އެއާލައިނުގެ ވައިޑް-ބޮޑީ މަތިންދާބޯޓު ބޭނުންކުރުމަށް ވިސްނަވަންތޯ ވަޒީރު އަރިހުން ސުވާލުކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން އަމީނު ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ޑިޒައިންކޮށްފައި އޮތީ އެއާބަސް-އޭ380 ނުވަތަ ބޮއެން-747 ފަދަ ވައިޑް-ބޮޑީ މަތިންދާބޯޓަށް ބޭނުންކުރެވޭ ގޮތަކަށް ނޫންކަމަށެވެ. އެހެންކަމުން އެ އެއާޕޯޓުން ސީދާ ދުރު މަންޒިލުތަކަށް ދަތުރުތައް ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވި ގިތުން އެއާޕޯޓު ފަރުމާކޮށްފައި އޮތީ ނެރޯ-ބޮޑީ ކުދި މަތިންދާބޯޓުތައް ދަތުރުކުރުމަށް ބޭނުންކުރެވޭ ގޮތަށެވެ. 

"ހަނިމާދޫ އެއާޕޯޓު ޑިވެލޮޕްކޮށްްގެން މިހިސާބަށް އައިސްފައި އޮތީކީއެއް ވައިޑް-ބޯޑު މަތިންދާބޯޓު އޮޕަރޭޓުކުރެވޭ ކެޕޭސިޓީއަކު ނޫން. ޗައިނާއަށް ނޫނީ އެހެންވެސް ލޯންގް ޑިސްޓޭންސް އޮޕަރޭޝަންްތަކަށް ހަނިމާދޫ އެއާޕޯޓު މިހާރު ޑިވެލޮޕްކޮށްފައި އޮތް ގޮތުން ބޯޓު ޖައްސައި ނުވަތަ ހިދުމަތެއް ނުދެވޭނެ،" އަމީނު ވިދާޅުވިއެވެ. 

އެ އެއާޕޯޓު ފަރުމާކޮށްފައި އޮތީ ނެރޯ-ބޮޑީ ބޯޓުފަހަރަށް ހިދުމަތް ދޭ ގޮތަށްކަން ފާހަގަކުރައްވަމުން އަމީނު ވިދާޅުވީ ވައިޑް-ބޮޑީ މަތިންދާބޯޓުތައް އޮޕަރޭޓުކުރުމަށް ހަނިމާދޫ އެއާޕޯޓު ބޭނުންކުރާނަމަ، އަލުން އެއާޕޯޓު ތަރައްގީކުރަންޖެހޭނެ ކަމަށެވެ. 

އެންމެ ފަހުން ހުޅުވި ބައިނަލްއަގުވާމީ އެއާޕޯޓުކަމަށްވާ ހަނިމާދޫ އެއާޕޯޓަށް ވައިޑް-ބޮޑީ މަތިންދާބޯޓުން ދަތުރުނުކުރެވޭއިރު އޭގެ މާކުރިން ގާއިމުކުރި އައްޑޫ އެއާޕޯޓަށް ވައިޑް-ބޮޑީ މަތިންދާބޯޓުން ދަތުރުކުރެވޭކަން ފާހަގަކުރެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު