ENGLISH
30 ޖޫން 2026
"ދިސް އިޒް މައި މޯލްޑިވްސް"ގެ ނަމުގައި ބައިނަލްއަޤުވާމީ ފޮޓޯގްރަފީ މުބާރާތެއް
30 ޖޫން 2026
|
ކްރޮސްރޯޑް މޯލްޑިވްސް-- ފޮޓޯ: ސީއެންއެން
އެންމެ މަޤްބޫލު
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ( ވީއެމްސީ) އިން "ދިސް އިޒް މައި މޯލްޑިވްސް"ގެ ނަމުގައި ބައިނަލްއަޤުވާމީ ފޮޓޯގްރަފީ މުބާރާތެއް ހުޅުވާލައިފިއެވެ.
ވީއެމްސީއިން ބުނީ، މި މުބާރާތަކީ ކޮންޓެންޓް ކްރިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ފަންނުވެރިންގެ ނަޒަރުން ރާއްޖޭގެ ރީތިކަން ދުނިޔެއަށް ހާމަކޮށްދިނުމަށް ހުޅުވާލި ފުރުޞަތެއް ކަމަށެވެ. މި މުބާރާތް އިއުލާންކޮށްފައިވަނީ، "ކްރިއެޓޯލް" ޕްލެޓްފޯމް އިފްތިތާޙު ކުރުމަށް ދައުލަތުގެ މީޑިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހެނީ ރާއްޖޭގެ ރަށްތަކާއި، މީހުންނާއި، ސަޤާފަތާއި، ތިމާވެށި އަދި ތަފާތު ތަޖުރިބާތައް ރަމްޒުކޮށްދޭ އަމިއްލަ ފޮޓޯތަކެއް ކަމަށް ވީއެމްސީ އިން ބުނެފައިވެއެވެ. އެގޮތުން މި މުބާރާތަކީ ހުރިހާ ފަންތިއެއްގެ ފޮޓޯގްރާފަރުންނަށްވެސް ބައިވެރިވެވޭ ގޮތަށް ރާއްޖޭގެ ރީތިކަމާއި، ސަޤާފީ މުއްސަނދިކަން އަދި ދިވެހިންގެ އާންމު ދިރިއުޅުން ފޮޓޯގެ ޒަރީއާއިން ދައްކާލުމަށް ހުޅުވާލި ފުރުޞަތެއްކަމަށް ވީއެމްސީން ބުންޏެވެ.
ވީއެމްސީއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ނަގުދު ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.
މުބާރާތަށް ހުށަހަޅާ ފޮޓޯތަކަކީ، ރާއްޖޭގައި ނަގާފައިވާ އަމިއްލަ އުފެއްދުންތަކަށް ވާންޖެހެއެވެ. އަދި ފޮޓޯގެ ކޮޕީރައިޓް ފޮޓޯގްރަފަރަށް އޮތް ނަމަވެސް، މުބާރާތަށް ހުށަހަޅާ ފޮޓޯތައް ރާއްޖެ އިޝްތިހާރު ކުރުމަށާއި، ރަސްމީ އެކި ބޭނުންތަކުގައި ބޭނުންކުރުމުގެ ހުއްދަ ވީއެމްސީއަށް ލިބިގެންދާނެކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 1 ޖުލައި އިން 30 ސެޕްޓެމްބަރ އަށެވެ.
މި މުބާރާތުގެ މަގްޞަދަކީ ކްރިއޭޓޯލް އިފްތިތާޙްކޮށް، މި ދާއިރާގެ ފަންނުވެރިންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމެވެ. އެގޮތުން ވީއެމްސީއިން ތަރައްޤީކުރި "ކްރިއޭޓޯލް"އަކީ، ރާއްޖޭގެ ވިޝުއަލް އަދި ސަޤާފީ އުފެއްދުންތަކަށް ޚާއްޞަ ޤައުމީ ޑިޖިޓަލް މާކެޓް ޕްލޭސްއެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް އުފެއްދުންތެރިންނާއި، ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި، މީޑިއާ އިދާރާތަކާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން ބޭރުގެ މިޝަންތަކާ ގުޅުވައިދޭނެ ކަމަށް ވީއެމްސީން ބުނެއެވެ.