ENGLISH
30 ޖޫން 2026
މާލޭގެ ދަތުރުފަތުރުގެ މައްސަލަތައް ހައްލުކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށައިފި
30 ޖޫން 2026
|
މާލޭގެ މަގެއްގެ ތޮއްޖެހުމުގެ ތެރެއިން، ފޮޓޯ: ދަ މިރާ
އެންމެ މަޤްބޫލު
މާލެއަށް ކުރިމަތިވެފައިވާ ދަތުރުފަތުރުގެ މައްސަލަތައް ހަައްލުކުރުމަށް ދައުލަތުގެ ކަމާ ބެހޭ ހުރިހާ އިދާރާތަކެއް ޝާމިލުވެގެން ހާއްސަ މަސައްކަތްތަކެއް ކުރަން ފަށާފައިވާ ކަމަށް ވިޔަފާރީގެ ތަރައްގީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މާލޭގެ ދަތުރުފަތުރާ ގުޅިފައި ހުރި މައްސަލަތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންެގެވުމަށް ދައުލަތުގެ ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކެއް ބައިވެރިވެގެން މިހާރު ހާއްސަ މަސައްކަތްތަކެއް ފެށިފައިވާ ކަމަށެވެ.
ސަައީދު އިތުރަށް ފާހަގަކުރެއްވީ ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށާއި ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކަކީ އެކަމުގެ ސަބަބުން މާލޭގެ މަގުތަކުގެ ތޮއްޖެހުމަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ މަޝްރޫއެއް ކަމެވެ. އަދި ހާއްސަކޮށް އެ މަޝްރޫއުގެ ތެރޭގައި ހިމެނިގެން މާލޭގެ ޕާކިން މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރެވިގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި ދަތުރުފަތުރާ ބެހޭ ވުޒާރާއާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ޕަބްލިކް ވޯކްސް ޑިޕާޓުމެންޓާއި އެންވަޔަރަމެންޓް މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން މިހާރު ކުރެވެމުންދާ މަސައްކަތަކީ މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ވަށާޖެހޭ ހައްލެއް ހޯދުމުގެ މަސައްކަތެވެ.
"މީގެ ކުރިންވެސް އަޅުގަނޑުމެންގެ ސަރުކާރު އައިފަހުން އެބަހުރި ކަންތައްތަކެއް ވަރަށް ރަނގަޅު ކަންތައްތަކެއް ޓްރާންސްޕޯޓު މިނިސްޓްރީން ކުރައްވާފައި. ނަމަވެސް ރައްޔިތުންގެ ފީޑްބެކާއި ޓްރާންސްޕޯޓް މިނިސްޓްރީން ކުރައްވާފައިވާ ކަންތައްތަކާއެކު މިކަމާ ގުޅޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާ މިކުރަނީ އެނގުންވާ ކަހަލަ ބައެއް ލުއިތަކެއް ގެނެވޭނެ ގޮތްތަކެއް (ހޯދުމަށް)،" ސައީދު ވިދާޅުވިއެވެ.
މާލެއަކީ ދުނިޔޭގެ ނިސްބަތުންވެސް އެއްގަމު އުޅަނދުފަހަރު ގިނަ ތޮއްޖެހުން ބޮޑު އެއް ސިޓީކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، މިފަދަަ ހުރިހާ މައްސަލަތައް ގުޅިލާމެހެނީ މާލެއަށް އޮތް ބޮޑު ޑިމާންޑާ ކަމަށެވެ. އަދި ހުޅުމާލޭގެ ތިންފިޔަވަހި އުފެދެމުންދާއިރު މާލެއާއި ހުޅުމާލެއާ ދެމެދުގައި ދަތުރުކުރަނީ ބުރިޖުންކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ރައީސް ބޭނުންފުޅުވަނީ ދެމެހެއްޓެނެވި ވަށާޖެހޭ ހައްލެއް މައްސަލައަށް ގެންނަވަން ކަމަށެވެ.
އަދި މި މައްސަލައަކީ ހައްލުކުރަންޖެހޭ ކަމެއްކަން ހުރިހާ ސިޔާސީ ޕާޓީއަކުންވެސް ގަބޫލުކުރާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މި މަސައްކަތުގައި އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މާލޭ ސިޓީ ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގައި އުންމީދުކުރައްވާ ކަމަށެވެ.