ENGLISH

30 ޖޫން 2026

Advertisement

އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް ޝަކީލު އައްޔަންކުރަން ރުހުންދީފި

30 ޖޫން 2026

|

ޝިފްޒާން އަޙްމަދު

އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް ޝަކީލު އައްޔަންކުރުމަށް މަޖިލީހުން ރުހުންދީފައިވޭ، ފޮޓޯ: ރައީސް އޮފީސް

އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް އެ ކޮމިޝަނުގެ މެންބަރު މުޙައްމަދު ޝަކީލު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. 

ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޝަކީލު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރީ ފާއިތުވި ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. އަދި އޭނާ ކޮމިޝަނުގެ ރައީސްކަމަށް އައްޔަންކުރުމާމެދު މަޖިލީހުގެ ރައުޔަ ހޯއްދެވުމަށް ރައީސް ފޮނުއްވި ސިޓީ މަޖިލީހުގައި އިއްވީ އިއްޔެއެވެ. 

ޝަކީލު ކޮމިޝަނުގެ ރައީސްކަމަށް އައްޔަންކުރުމާމެދު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ގޮތެއް ނިންމުމަށް އިއްޔެ ފޮނުވުމުން، އެ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ނިންމާފައިވަނީ ކޮމިޝަނުގެ މެންބަރުކަމަަށް އޭނާ އައްޔަންކުރުމަށް އިންޓަވިއުކޮށް، އޭނާގެ ތައުލީމާއި މަސައްކަތުގެ ތަޖުރިބާ ވަޒަންކޮށް ކޮމިޝަނަށް އޭނާ އައްޔަންކުރުމަށް ކޮމިޓީން ނިމުނު ހަފުތާގައި ރުހުންދީފައިވާތީ އިތުރަށް އިންޓަވިއުނުކުރުމަށެވެ. އަދި ކޮމިޓީން ނިންމީ އޭނާ ކޮމިޝަނުގެ ރައީސްކަމަށް އައްޔަންކުރުމަށް ރުހުންދިނުމަށެވެ. 

މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ޝަކީލު އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް އައްޔަންކުރުމަށް ރުހުންދީފައިވެއެވެ. 

ޝަކީލަކީ ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ޑީޖީކަން ކުރެއްވުމަށްފަހު 2014 ވަނަ އަހަރު އެ ކޮމިޝަނުގެ މެންބަރުކަންވެސް ކުރެއްވިއެވެ. އަދި 2018 ވަނަ އަހަރު މޭ މަހާ ހަމައަށް ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވުމަށްފަހު، އެމަހު ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާދެއްވުމަށްފަހު ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމު އަދާކުރެއްވިއެވެ. 

ޝަކީލަކީ މާލީ ދާއިރާއިން ތައުލީމު ހާސިލުކުރައްވާފައިވާ އެ ދާއިރާގެ ތަޖުރިބާކާރެކެވެ. ޙައްޖު ކޯޕަރޭޝަނުގެ އެމްޑީގެ މަގާމުގައި ހުންނެވިއިރު އެ ކުންފުނީގެ ހިންގުމަށް ގިނަގުނަ ހެޔޮ ބަދަލުތަކެއް ޝަކީލު ގެންނަވާފައިވެއެވެ. އަދި އެ ކުންފުނިން ދޭ ހިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު