ENGLISH

30 ޖޫން 2026

Advertisement

"މަގުތަކުގެ ސާވޭކުރާއިރު ފެންބޮޑުވުމުގެ މައްސަލައަށް ރިއާޔަތް ކުރާނެ"

30 ޖޫން 2026

|

އައިމިނަތު ޝަފާ

މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމަށް ޑިޒައިން ތައްޔާރުކުރުމުގެ ކުރިން ހަދަން ޖެހޭ ސާވޭގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވަޒީރާއި ޗައިނާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ބައްލަވާލައްވަނީ. ފޮޓޯ؛ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ.

މަގުތަކުގެ ޑީޓެއިލް ޑިޒައިން މަސައްކަތުގެ ތެރޭގައި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލު ހޯދުމުގެ އިތުރުން ދެން ހުރި މައްސަލަތަކަށް ގެނެވޭނެ ޙައްލުތައް ބަލައި ދިރާސާކުރާނެކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމަށް ޑިޒައިން ތައްޔާރުކުރުމުގެ ކުރިން ހަދަން ޖެހޭ ސާވޭގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ.  

އެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ވަޒީރު އާޓިފިޝަލް ބީޗު ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި، އެމަނިކުފާނުގެ އަރިހުގައި ޗައިނާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކޮންގް ޝިއަންހުއާ ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސާވޭ ޓީމުގެ ބޭފުޅުން ވަނީ މަސައްކަތްތަކުގެ އިތުރުން މަގު ޑިޒައިން ކުރުމާ ގުޅޭ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު، ވަޒީރުގެ އިތުރުން ސަފީރާ ހިއްސާކުރައްވާފައެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މަގުތަކުގެ ޑީޓެއިލް ޑިޒައިން މަސައްކަތުގެ ތެރޭގައި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލު ހޯދުމުގެ އިތުރުން ދެން ހުރި މައްސަލަތަކަށް ގެނެވޭނެ ހައްލުތައްވެސް ބަލައި ދިރާސާ ކުރާނެ ކަމަށެވެ. ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ފުރަތަމަ މަރުހަލާގައި މާލެއާއި ވިލިމާލޭގެ ހުރިހާ މަގުތަކެއް ހިމެނޭހެން ޑީޓެއިލް ޑިޒައިން އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ މަޖީދީމަގުގެ އިތުރުން ވިލިމާލޭގައި ތަރައްގީޤީ ކުރާ ހޮސްޕިޓަލަށް ދާން ބޭނުންވާ މަގުތައް ހެދުމަށް ކަމަށެވެ. މީގެ އިތުރުން އައިޖީއެމްއެޗު ކުރިމަތީ މަގާއި ޝަހީދުއަލީ ހިނގުން ހިމެނޭހެން، ފެންބޮޑުވުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވާ ސަރަހައްދުތަކުގެ މަސައްކަތްތައް ކޮންސްޓްރަކްޝަން މަރުހަލާގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާލެ އާއި ވިލިމާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއު އަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫއުއެކެވެ.

ކިޔުންތެރިންގެ ހިޔާލު