ENGLISH

30 ޖޫން 2026

Advertisement

ތ. ގުރައިދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް

30 ޖޫން 2026

|

އާމިނަތު ނުޒްލާ

ގުރައިދޫ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން-- ފޮޓޯ: އާރުޑީސީ

ތ. ގުރައިދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯފަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.

މި މަޝްރޫއުގެ ދަށުން ގުރައިދޫގެ 10 މަގެއް ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ތަރައްގީކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން 2.87 ކިލޯމީޓަރުގެ މަގު ހެދުމަށް ހިމެނެއެވެ. އާރުޑީސީން ބުނީ މި މަޝްރޫއަކީ 730 ދުވަސް ތެރޭ ނިންމުމަށް، 69.229 މިލިއަން ރުފިޔާއަށް އެ ކުންފުންޏާއި ހަވާލުކުރެވިފައިވާ މަޝްރޫއެއްކަމަށެވެ.

ގުރައިދޫގެ މަގުތައް ހެދުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ޚަރަދުގައެވެ. މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިދިޔައަހަރު އެރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 07 އޮގަސްޓް 2025 ގައެވެ.

ގުރައިދޫ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން-- ފޮޓޯ: އާރުޑީސީ

އާރުޑީސީން ބުނީ، މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމާއެކު، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަޝްރޫއު ނިންމުމަށް މަސައްކަތް ކުރާނެކަމަށެވެ. އަދި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރައްޔިތުންނަށް އުނދަގޫ ނުވާނެ ގޮތަށް ބަލައިގެންކަމަށްވެސް އާރްޑީސީން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ޓޮޕޯގްރަފިކް، ޖިއޯޓެކްނިކަލް އަދި ހައިޑްރޮލޮޖިކަލް ސާވޭތައް ކުރުމާއި، ފެންބޮޑުވާ މައްސަލައަށް ހައްލެއް ލިބޭނޭހެން މަގުތަކުގެ ޑިޒައިން ތައްޔާރުކުރުން ހިމެނެއެވެ. އަދި ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމަށް ހަދަންޖެހޭ އީއައިއޭ ރިޕޯޓު ތައްޔާރުކުރުންވެސް ހިމެނޭ ކަމަށް އާރުޑީސީން ބުންޏެވެ. ހަމަމިއާއެކު ފެން ހިންދާ ނިޒާމަކާއެކު ދުވާރު ހެދުމާއި، ގަސް އިންދާނެ ވަޅުތައް ތައްޔާރުކުރުމާއި، އެގްރިގޭޓް ބޭސް ކޯސް އެޅުމަށްފަހު ތާރު އެޅުމުގެ މަސައްކަތް ކުރާނެއެވެ.

އިތުރަށް އާރުޑީސީން ބުނީ، މަގުތަކުގައި ހުރި ޔުޓިލިޓީ ޖަންކްޝަންތައް އައު މަގުގެ ލެވެލްއާ އެއްވަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށެވެ. އަދި މަގު ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަގުމަތީގެ ނިޝާންތައް ކުރެހުމާއި، ބޯޑުތައް ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމުގެ އިތުރުން މުޅި ސަރަޙައްދުގައި މަގުބައްތި ހަރުކުރުމަށް ހަމަޖެހިފައިވެއެވެ.

ގުރައިދޫގެ މަގުތައް ތަރައްގީކޮށް ނިމުމުން އެރަށުގެ ރައްޔިތުންނަށް، ވަރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު