ENGLISH
30 ޖޫން 2026
މި އަހަރު ހަތަރު ރަށެއްގެ ކޯލްޑް ސްޓޮރޭޖް ފެސިލިޓީ ނިމޭނެ، ތިން ރަށެއްގައި އަންނަ އަހަރު ނިމޭނެ
30 ޖޫން 2026
|
ކޯލްޑް ސްޓޮރޭޖު ކެޕޭސިޓީ އިތުރުކުރުމަކީ ރައީސް ޑރ.މުޢިއްޒުގެ މުހިއްމު ސިޔާސަތެއް، ފޮޓޯ: ދައުރު
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުންކަމަށްވާ ތާޒާކަމާއެކު މަސް ރައްކާކުރުމުގެ ގާބިލުކަން ކުޑަވުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަތް ރަށެއްގައި ކޯލްޑް ސްޓޮރޭޖު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން އެމްއެމްޓީވީއާ ހިއްސާކުރި އަދާހަމަ މައުލޫމާތުތަކަށް ބަލާއިރު މި ހަތް ރަށުގައި ކުރިއަށްދާ މަޝްރޫއުތައް ނިމުމުން މިހާރު ރާއްޖޭގައި މަސް ރައްކާކުރެވޭ މިންވަރު 10،900 ޓަނުން އިތުރުވާނެއެވެ. މި މަޝްރޫއުތައް ހިންގަނީ އިންޑިޔާގެ އެގްޒިމް ބޭންކާއި، ސައުދީ ޑިވެލޮޕްމެންޓު ފަންޑާއި، އިސްލާމިކް ޑިވެލޮޕްމެންޓު ބޭންކުގެ މާލީ އެހީގައެވެ.
އެ މަޝްރޫއުތަކުގެ ތެރެއިން ފެލިވަރާއި ކޫއްޑޫގައި ހިންގަމުންދާ ކޯލްޑް ސްޓޮރޭޖުގެ މަސައްކަތް މި އަހަރު ތެރޭ ނިމޭނެކަމަށް އެ ވުޒާރާއިން ބުނެއެވެ. ފެލިވަރުގައި ގާއިމުކުރާ 4،000 ޓަނުގެ ކޯލްޑް ސްޓޮރޭޖުގެ މަސައްކަތުގެ 78 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އަދި ކޫއްޑޫގައި ގާއިމުކުރާ 4،000 ޓަނުގެ ކޯލްޑް ސްޓޮރޭޖުގެ މަސައްކަތުގެ 25 އިންސައްތަ ނިމިފައިވެއެވެ.
ދެން އެންމެ ބޮޑަށް މަސައްކަތް ކުރިއަށްގެންދެވިފައިވަނީ ގދ.ތިނަދޫގައި ގާއިމުކުރާ 1،000 ޓަނުގެ ކޯލްޑް ސްޓޮރޭޖު ފެސިލިޓީގައެވެ. އެތަނުގައި ކުރަންޖެހޭ މަސައްކަތްތަކުގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، މި އަހަރުގެ ނިޔަލަށް އެ ފެސިލިޓީގެ ހުރިހާ މަސައްކަތެއް ނިމޭނެކަމުގައި އެ ވުޒާރާއިން ބުނެފައިވެއެވެ.
ހއ.އިހަވަންދޫގައި އަޅާ 1،000 ޓަނުގެ ކޯލްޑް ސްޓޮރޭޖުގެ މަސައްކަތުގެ 2 އިންސައްތަ ކުރިއަށްދިޔައިރު، އެތަން ނިންމަން އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ނިޔަލަށެވެ. މި އަހަރުގެ ނިޔަލަށް މަސައްކަތް ނިންމުމަށް އަމާޒުު ހިފާފައިވާ މ.މުލަކުގައި ގާއިމުކުރާ 500 ޓަނުގެ ކޯލްޑް ސްޓޮރޭޖު ފެސިލިޓީގެ މަސައްކަތުގެ 20 އިންސައްތަ މިހާރުވަނީ ނިމިފައެވެ.
ކަނޑުއޮތްގިރީގައި ގާއިމުކުރާ 200 ޓަނުގެ ކޯލްޑް ސްޓޮރޭޖު ފެސިލިޓީގެ މަސައްކަތުގެ 10 އިންސައްތަ ނިމިފައިވާއިރު މިތަނުގެ މަސައްކަތް ނިމޭނެކަމުގައި މިނިސްޓްރީން އަންދާޒާކުރަނީ އަންނަ އަހަރުއެވެ. ތ.ހިރިލަންދޫގައި ގާއިމުކުރާ 200 ޓަނުގެ ކޯލްޑް ސްޓޮރޭޖުގެ މަސައްކަތުގެ 5 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، އެތަނުގެ މަސައްކަތް އެކީ ނިމޭނީ 2027 ވަނަ އަހަރުއެވެ.
މަސް ރައްކާކުރުމުގެ ގާބިލުކަން ދަށްވުމަކީ ރާއްޖެއަށް ބާޒާރުގައި މަހުގެ އަގު މަތިވާއިރު މަސް ބޭރުކުރަން މަޑުނުކުރެވޭ މައިގަނޑު ސަބަބެވެ. އެކަށީގެންވާ އަދަދަކަށް މަސް ރައްކާކުރުމުގެ ގާބިލުކަން ނެތުމުގެ ސަބަބުން ބާޒާރުގައި މަހުގެ އަގު ދަށްވާ ދުވަސްވަރުވެސް މަސްވެރިން ބާނާ މަސް ބޭރުކުރަންޖެހެއެވެ. ނަތީޖާއެއްގެ ގޮތުން ބައިނަލްއަގުވާމީ ބާޒާރުން ހޯދެން އޮންނަ އެންމެ ބޮޑު އަގު ހޯދުމުގައި ދަތިވެއެވެ.
އެހެންކަމުން ކޯލްޑް ސްޓޮރޭޖު ނުވަތަ ތާޒާކަމާއެކު މަސް ރައްކާކުރުމުގެ ގާބިލުކަން އިތުރުވުމުން ބާޒާރުގައި މަހުގެ އަގު ދަށް ދުވަސްވަރު މަސް ބޭރުނުކޮށް ރައްކާކޮށްފައި ބެހެއްޓުމަށްފަހު މަހުގެ އަގު އުފުލުމުން މަސް ބޭރުކުރުމުގެ ފުރުސަތު ލިބި، މަސްވެރިން ބާނާ މަހަށް މިހާރު ދެމުންދާ އަގަށްވުރެ ރަނގަޅު އަގެއް ދިނުމަށް މަސް ކުންފުނިތަކަށް މަގުފަހިވާނެއެވެ.