ENGLISH

01 ޖުލައި 2026

Advertisement

ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް ބަލިކޮށް، މޮރޮކޯ ގަދަ 16 އަށް

30 ޖޫން 2026

|

މުޙައްމަދު އަދުހަމް

ވޯލްޑް ކަޕުގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު މޮރޮކޯގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް ބަލިކޮށް، މޮރޮކޯ އިން އެ މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން ޖާގަ ހޯދައިފި އެވެ.

މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމާއެކު ދެން ކުޅެވުނު އިތުރުވަގުތުގެ ދެ ހާފުގެ ކުޅުމަށްފަހު ނަތީޖާ ބަދަލުނުވުމުން ޕެނަލްޓީ ޝޫޓްއައުޓްގައި ނެދަލެންޑްސްގެ މައްޗަށް މޮރޮކޯ ކުރިހޯދީ 3-2 އިންނެވެ. 

މިއީ ވޯލްޑް ކަޕުގެ ތާރީހުގައި ނޮކްއައުޓް ބުރުން ނެދަލެންޑްސް އެންމެ އަވަހަށް ކެޓި ފަހަރެވެ. މީގެކުރީން އެ ޓީމުން މުބާރާތުގައި ކުޅުނު 11 ފަހަރު ވެސް އެންމެ ދަށް ވެގެން ގަދަ 16 ޓީމުގެ ބުރަށް ދަތުރުކޮށްފައިވެއެވެ. މިއީ 32 ޓީމާއެކު އެ މުބާރާތުގެ ނޮކްއައުޓް ބުރު ކުޅުނު ފުރަތަމަ ފަހަރުވެސްމެ އެވެ.

މެކްސިކޯގެ މޮންޓެރޭ ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން ނެދަލެންޑްސް އިން ޑޮމިނޭޓްކުރިނަމަވެސް، ލަނޑެއްޖެހުމާ ގާތަށް ޖެހިލީ މޮރޮކޯ އިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން، އަޝްރަފް ހަކީމީ ނަގައިދިން ކޯނަރަކުން ނީލް އެލް އައިނައޫއީ ބޮލުން ފޮނުވާލި ބޯޅަ ނެދަލެންޑްސްގެ ކީޕަރު، ބާޓް ވާބްރުގެން ހުއްޓުވި އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި މޮރޮކޯ މޮޅުވި ޕެނަލްޓީ ސައިބާރީ (ކ) ފޮނުވާލަނީ --- ފޮޓޯ: ރޮއިޓަރސް

އޭގެފަހުން، ފުރަތަމަ ހާފު ނިމެންދަނިކޮށް މޮރޮކޯ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއްލިބި ވަނީ ބޭކާރުވެފަ އެވެ. މި ހާފުގެ އިތުރުވަގުތުގެ ތެރޭގައި އެ ޓީމުގެ ކެޕްޓަން، ހަކީމީ ދިން ބޯޅައަކުން އިސްމާއިލް ސައިބާރީ ފޮނުވާލަން މަސައްކަތްކުރި ބޯޅަ ފަޔަށް އަރާގޮތެއްނުވި އެވެ. 

މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް މޮރޮކޯގެ ކެޕްޓަން، ހަކީމީ ވަނީ ނެދަލެންޑްސްގެ ޑިފެންސަށް މައްސަލަތައް ކުރިމަތިކޮށްފަ އެވެ. މި ފަހަރު އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވިއިރު، އެ ބޯޅަ މޮރޮކޯގެ ކުޅުންތެރިއަކަށް ލިބުމުގެ ކުރީން ނެދަލެންޑްސްގެ ޑިފެންޑަރު، މިކީ ވެން ޑެ ވެން ވަނީ ސަލާމަތްކޮށްފަ އެވެ.

ދެވަނަ ހާފުގައި ނެދަލެންޑްސް އިން ފުރަތަމަ ގެނައި ބަދަލުތަކާއެކު އެ ޓީމުން ވަނީ ލަނޑެއްޖަހައިފައެވެ. އެގޮތުން، އެ ޓީމުގެ ކޯޗު، ރޮނާލްޑް ކޫމަން ވަނީ، ޓެއުން ކޫޕްމެއިނާސް އާއި ވައުޓް ވެގޯސްޓް ކުޅެން އަރުވާފަ އެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ 72 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ލަނޑުޖަހައިދިނީ ބަދަލަކަށް ކުޅެން އެރި ވެގޯސްޓް އާއި ކްރައިސެންސިއޯ ސަމަރވިލް ގުޅިގެން އުފެއްދި އެޓޭކަކުން ކޯޑީ ގަކްޕޯ އެވެ. 

ޕެނަލްޓީ ޝޫޓްއައުޓަށްފަހު ނެދަލެންޑްސްގެ ކުޅުންތެރިން މާޔޫސްވެފަ --- ފޮޓޯ: ރޮއިޓަރސް

މި ނަތީޖާގައި އޮވެ، މެޗު ނިމެންދަނިކޮށް، މޮރޮކޯ އިން އެއްވަރުކުރީ މެޗުގެ ފުރިހަމަވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ފުރަތަމަ މިނެޓުގެ ތެރޭގަ އެވެ. ބަދަލަށް ކުޅެން ނިކުތް އިއްސަ ޑިއޮޕް މި ލަނޑުޖެހީ ބޮލުންނެވެ.

ދެން ކުޅެވުނު މެޗުގެ އިތުރުވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ކުޅުމަށްފަހު ދެ ޓީމަށް ލަނޑެއްނުޖެހުމުން، ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި ދެ ޓީމުން އެންމެ ފުރަތަމަ ފޮނުވާލި ހަތަރު ޕެނަލްޓީގެތެރެއިން ކާމިޔާބުކުރެވުނީ އެންމެ ދެ ޕެނަލްޓީ އެވެ. އެއަށްފަހު، ނެދަލެންޑްސްގެ ފަސްވަނަ ޕެނަލްޓީ އެ ޓީމުގެ ވިންގ، ސަމަރވިލް ފޮނުވާލުމުން މޮރޮކޯ ކީޕަރު، ޔަސީން ބޫނޫ މަތަކުރި އެވެ. މޮރޮކޯގެ ފަހު ޕެނަލްޓީ ސައިބާރީ ކާމިޔާބުކުރުމާއެކު އެ ޓީމަށް ވަނީ މުބާރާތުގެ އަނެއް ބުރުން ޖާގަ ލިބިފަ އެވެ.

މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުގައި މޮރޮކޯ ކުޅެން ޖެހެނީ ކެނަޑާއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 4 ވަނަ ދުވަހު އެމެރިކާގެ ހިއުސްޓަންގަ އެވެ.

ކިޔުންތެރިންގެ ހިޔާލު