ENGLISH

30 ޖޫން 2026

Advertisement

ޖުލައި މަހު ޝަންގްރިއްލާގެ އޮޕަރޭޝަން ފުޅާކުރެވޭނެ، ހަންކެޑެ މަޝްރޫއު ފެށުމާ ގާތަށް

30 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ޝަންގްރިއްލާ ރިސޯޓަށް ރައީސް ޑރ.މުޢިއްޒު ކުރެއްވި ޒިޔާރާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19ގެ އާލަމީ ވަބާގެ ތެރޭގައި އޮޕަރޭޝަންތައް ހުއްޓިފައި އޮތް ޝަންގްރިއްލާ ރިސޯޓުގެ އޮޕަރޭޝަންތައް އަންނަ ޖުލައި މަހު އިތުރަށް ފުޅާކުރެވިގެންދާނެކަމަށާއި، އައްޑޫ ސިޓީގައި ފަތުރުވެރިކަން ތައާރަފުކުރުމަށް ސަރުކާރުން ރާވާފައިވާ ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމާ ކައިރިއަށް ވާސިލުވެވިފައިވާކަމަށް ފަތުރުވެރިކަމާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވުމަށްފަހު، އިތުރު ސުވާލުގެ ވަގުތުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާނު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އަމީނު ވިދާޅުވީ ޝަންގްރިލާގެ އޮޕަރޭޝަންތައް މިހާރު ކުރިއަށްދަނީ ވަރަށް ކުޑަކޮށް އާދައިގެ ގޮތެއްގައި ކަމަށެވެ. 

2020 ވަނަ އަހަަރު ޝަންގްރިލާގެ އޮޕަރޭޝަންތައް ހުއްޓުމާ ގުޅިގެން އެތަނުގައި ވަޒީފާ އަދާކުރަމުންދިޔަ 500 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލިގެންދިޔައެވެ. އެއިރުއްސުރެ އަލުން އެ ރިސޯޓު އޮޕަރޭޝަނަށް ގެނައުމަށް އެއިރުގެ ސަރުކާރުން މަސައްކަތްތަކެއްކޮށް، އެކަމަށް ތަފާތު މުހުލަތުތަކެއް ކަނޑައަޅައި އިއުލާނުކުރި ނަމަވެސް އެ ދައުރު ނިމިގެންދިޔައީ އެ ރިސޯޓު އޮޕަރޭޝަނަށް ނުގެނެވިއެވެ. 

އެ ރިސޯޓު އޮޕަރޭޝަނަށް ގެނެސްދެއްވުމަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅު ފުއްދުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ޝަންގްރިލާ ރިސޯޓު އަލުން ހުޅުވައި ފަތުރުވެރިންނަށް މަރުހަބާ ކިޔަން ފެށީ ޑިސެންބަރު، 30 2025 ވަނަ ދުވަހުއެވެ. 

"ޝަންގްރިލާ މިހާރު ވަރަށް ކުޑަ ގޮތަކަށް އޮޕަރޭޓުކުރެވެމުންދޭ. އެކަމަކު ޝަންގްރިލާގެ މިހާރު އޮޕަރޭޝަންސް ކެޕޭސިޓީ ޖުލައި މަހުގެ މެދުތެރެއަށް ދާއިރު ވަރަށް ބޮޑަށް އިތުރުވެގެންދާނެ. އަޅުގަނޑުމެން މިނިސްޓްރީގެ ތެރެއިން އެބޭފުޅުންނާއެކު ޝަންގްރިލާގެ އޮޕަރޭޓަރުންނާއެކު މަޝްވަރާކުރެވި މިހާރު ޑިވެލޮޕްމެންޓުތަކެއް އެބަދޭ.،" އަމީނު ވިދާޅުވިއެވެ. 

ހަންކެޑެ މަޝްރޫއަކީ ކުރީ ސަރުކާރުތަކުގައި އައްޑޫގައި ކުރިއަށްގެންދިއުމަށް އިއުލާނުކުރި އެންމެ މުހިއްމު ޓޫރިޒަމް މަޝްރޫއަށްވީ ނަމަވެސް އެ މަޝްރޫއުވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަށްގެންދެވިފައި ނެތެވެ. އަމީނު ފާހަގަކުރެއްވީ ތަފާތު ވިސްނުމެއްގައި ހަންކެޑެ މަޝްރޫއު ފަށަައިގަތުމަށް ސަރުކާރުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އަދި ލަސްތަކެއްނުވެ އަމަލީ ގޮތުން އެ މަޝްރޫއު ފެށިގެންދާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. 

"މިހާރު އަޅުގަނޑުމެން ހަންކެޑެ ޕްރޮޖެކްޓް ފެށުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް އެހެން ގޮތަކަށް ކުރަމުން އެބަދަން. އިރާދަކުރެއްވިއްޔާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މާގިނަ ދުވަސްތަކެއްނުވެ، ވަރަށް ޑީޓެއިލް ޕްރޮޖެކްޓެއް އިއުލާނުކުރެވިގެން މަސައްކަތް ހަމަފެށޭނެ ގޮތަށް އިންތިޒާމުކުރެވިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ. 

އައްޑޫގައި ފަތުރުވެރިކަންް ފުޅާކުރުމަކީ ފާއިތުވި ވިއްސަކަށް އަހަރުތެރޭ ހުރިހާ ސަރުކާރުތަކުން އައްޑޫއަށް ވެފައިވާ ވައުދަކަށްވީ ނަމަވެސް އެކަމުގައި އެކަށީގެންވާ ކާމިޔާބުތަކެއް ހާސިލުކުރެވިފައިނުވެއެވެ. ނަމަވެސް މި ސަރުކާރުން އަންނަނީ އައްޑޫއަށް ފަތުރުވެރިކަން ފުޅާކުރެވޭނެ ގޮތްތައް ހޯދައި ތަފާތު އައު މަޝްރޫއުތައް އެ ސަރަހައްދުގައި ހިންގުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ސަރުކާރުން މި ވިސްނުމުގައި އެޅި އެއްފިޔަވަަޅަކީ އައްޑޫއާއި ފުވައްމުލަކާއި ހުވަދު އަތޮޅުގެ ދެބިތުގެ މެދުގައި ވައިގެ ދަތުރުފަތުރުން ގުޅުވައިދޭ ވިއުގައެއް ގާއިމުކުރުމެވެ. އެއާއެކު އައްޑޫގައި މުހިއްމު ޓޫރިޒަމް މަޝްރޫއުތަކެއް ހިންގުމަށް ގިނަ މަސައްކަތްތައް ކުރަމުންދެއެވެ. 

ކިޔުންތެރިންގެ ހިޔާލު