ENGLISH
28 ޖޫން 2026
އޭސީސީގެ ޖިނާއީ އިޖުރާއަތުގެ ޤަވާއިދު އިޞްލާޙުކޮށްފި، ތަޙުޤީޤުތައް ހަރުދަނާކުރުމަށް ފިޔަވަޅުތަކެއް
28 ޖޫން 2026
|
އޭސީސީގެ ބައްދަލުވުމެއް ކުރިއަށްދަނީ. ފޮޓޯ: އޭސީސީ
އެންމެ މަޤްބޫލު
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު އިސްލާޙު ކޮށްފި އެވެ.
މި އިޞްލާޙުގެ މައިގަނޑު މަޤުޞަދަކީ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤު ކުރުމުގެ ނިޒާމު ހަރުދަނާކޮށް، ނަތީޖާ ނެރެވޭނެ އުސޫލުތަކެއްގެ މަތިން ކުރިއަށް ގެންދިއުމާއި، ތަޙުޤީޤުތަކުގެ އަވަސްކަން އިތުރުކުރުން ކަމަށް އޭސީސީން ބުންޏެވެ.
މި އިޞްލާޙުގެ ދަށުން، ކޮމިޝަނަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ވެސް، ނިންމާނެ މުއްދަތެއް ކަނޑައެޅުމަށްޓަކައި، ތަޙުޤީޤު ފެށުމުގެ ކުރިން، އެ މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށް، އެސެސްމަންޓެއް ހެދުން ލާޒިމު ކޮށްފައިވެ އެވެ.
މައްސަލަތައް އެސެސްކުރުމުގައި މުޖުތަމަޢުގެ މަސްލަޙަތު، މާލީ ގެއްލުން، ހެކި ނައްތާލުމުގެ އިހުތިމާލު، އަދި ނުފޫޒު ފޯރުވުމުގެ ފުރުސަތު ފަދަ 10 މިންގަނޑަކަށް ބަލައި، މައްސަލަތައް ކެޓަގަރީކޮށް، އެ ކެޓަގަރީތަކާ އެއްގޮތަށް މައްސަލަތައް ނިންމުމަށް ވަކި މުއްދަތުތަކެއް ކަނޑައަޅަން ލާޒިމު ކުރެ އެވެ.
އަދި މި އިޞްލާޙުގެ ދަށުން ކަނޑައަޅާފައިވާ މުއްދަތަށް މައްސަލަ ނުނިންމޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، މުއްދަތު އިތުރުކުރެވޭނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، މުއްދަތު މުރާޖަޢާކޮށްގެންނެވެ.
ކޮމިޝަނުން، މި އިޞްލާޙް ގެނެސްފައިވަނީ، ކޮމިޝަނުގެ އައު ސްޓްރެޓެޖިކް ޕްލޭނުގެ ދަށުން، ތަޙުޤީޤުތައް ހަރުދަނާކޮށް، ތަޙުޤީޤު ލަސްވުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މި އިޞްލާޙާއެކު، އޭސީސީގެ ތަޙުޤީޤީ އޮނިގަނޑު އިތުރަށް ހަރުދަނާވެ، ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ޢަމަލުކުރާ އިޖުރާއަތުތައް މިހާރަށްވުރެ ހަރުދަނާވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވަނީ ބުނެފަ އެވެ.