ENGLISH
27 ޖޫން 2026
ބައެއް ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތު ދޭނަން: ނޯވޭގެ ކޯޗު
26 ޖޫން 2026
|
ނޯވޭގެ ކޯޗު ސޯލްބަކެން -- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އައި ގައި މިރޭ ފްރާންސާ ދެކޮޅަށް ކުޅެން އޮތް މެޗުގައި ނޯވޭގެ ބައެއް ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތު ދޭނެ ކަމަށް އެ ޓީމުގެ ކޯޗު، ސްޓޭލް ސޯލްބަކެން ބުނެފިއެވެ.
މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޯވޭގެ ކޯޗު ސޯލްބަކެން ބުނީ، މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުން ނޯވޭ އަށް ޖާގަ ކަށަވަރުވެފައި އޮތުމާއެކު، މިފަދަ ބޮޑު މުބާރާތެއްގައި ފިޒިކަލީ އަދި މެންޓަލީ ކުރިމަތިވާނެ ޕްރެޝަރަށް ވިސްނައި، ނޮކްއައުޓް ބުރަށް ފުރިހަމަ އަށް ތައްޔާރުވާން ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތު ދޭން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
މި މެޗަށް ނިކުންނައިރު ނޯވޭ އާއި ފްރާންސަށް ވެސް ދެވަނަ ބުރުގެ ޖާގަ ކަށަވަރުވެފައިވާއިރު، އެއްވަރުކޮށްލައިގެން ފްރާންސަށް މި ގްރޫޕުގެ އެއްވަނަ ލިބޭނެ އެވެ.
ނޯވޭއާ ދެކޮޅަށް ކުޅޭ މެޗުގައި ފްރާންސްގެ ބެންޗުން ކޯޗު، ޑިޑިއޭ ޑެޝޯމްޕްސް ނުފެންނާނެ އެވެ. އެއީ، ޑެޝޯމްޕްސްގެ މަންމަ ނިޔާވުމުން އެނބުރި ގައުމަށް ދާން ޖެހުމާ ގުޅިގެންނެވެ. އޭނާގެ ބަދަލުގައި ފްރާންސަށް އިރުޝާދު ދޭނީ އެސިސްޓެންޓް ކޯޗު، ގާއި ސްޓެފަން އެވެ.
ނޯވޭގެ ފޯވާޑް އާލިން ހާލަންޑް -- ފޮޓޯ: އޭޕީ
ފްރާންސާ ދެކޮޅަށް ކުޅެން އޮތް މެޗާ ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ނޯވޭގެ ތަރި އާލިން ހާލަންޑް ވަނީ ފްރާންސް މެޗާ މެދު އެހާ ބޮޑަށް ނުވިސްނާ ކަމަށް ބުނެފައެވެ. އޭނާ ބުނީ، ނޯވޭ ޓީމުން އެންމެ ފުރަތަމަ ކަނޑައެޅި އަމާޒު ކަމަށްވާ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައިވުމުން ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ.
ނޯވޭގެ ކޯޗު، ސޯލްބަކެން ބުނީ، ފްރާންސާ ދެކޮޅަށް ކުޅެން އޮތީ މުހިއްމު މެޗެއް ކަމަށާއި، އެންމެ މުހިއްމީ ކުރިއަށް އޮތް ނޮކްއައުޓް ބުރުގެ މެޗު ކަމަށެވެ.
"މުބާރާތުގައި ދެން ކުޅެން ޖެހޭނީ ކިހާ މެޗެއްކަން ބުނަން ނޭނގޭ. ގަދަ 32 ޓީމުގެ ބުރުގެ ކުރީން ޓީމުގެ ކުޅުންތެރިން މެންޓަލީ އަދި ފިޒިކަލީ ވެސް ކޮންމެހެން އަރާމު ކުރަން ވަގުތު ބޭނުންވޭ. ފަހަރުގައި ދެން އޮތް ބުރުގައި އިތުރުވަގުތުގެ 30 މިނެޓު ނުވަތަ ޕެނަލްޓީ ޝޫޓްއައުޓަކަށްވެސް ދާން ޖެހިދާނެ،" ސޯލްބަކެން ބުންޏެވެ.
ސޯލްބަކެން ބުނީ، އޭނާގެ ޓީމުގެ ކުޅުންތެރިންނަކީ އާދަވެގެން ކޮންމެ ތިން ދުވަހަކުން މެޗު ކުޅެމުން އަންނަ ކުޅުންތެރިން ކަމަށްވީނަމަވެސް، އެ ހުރިހާ ކުޅުންތެރިންނަށް ޕްރެޝަރު އޮތް މިންވަރު ގިންތި ކުރާނަމަ ޕްރެޝަރު ކުކާ އަކާ ވަކި ތަފާތެއް ނުހުންނާނެ ކަމަށެވެ.
ނޯވޭ ކުޅުނު މެޗަށްފަހު ހުރިހާ ކުޅުންތެރިން އުފާފާޅުކުރަނީ --
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗާ ކުރިމަތިލާއިރު މިހާތަނަށް ކުޅުނު ދެ މެޗުން ލިބިފައިވާ ހަ ޕޮއިންޓާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި، މިރޭގެ މެޗުގައި ވާދަކުރާ ފްރާންސްގެ ކިބައިން ވެސް ގިނަ ކަންކަން ދަސްކުރެވޭނެ ކަމަށް ސޯލްބަކެން ބުންޏެވެ.
ސޯލްބަކެން ބުނީ، ފްރާންސް ޓީމުން ވެސް އެ ގްރޫޕުގެ އެންމެ ފަހު މެޗަށް ނިކުންނައިރު ބައެއް ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތު ދޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި، އެހެންކަމުން އޭނާގެ ޓީމުން ވެސް އެގޮތަށް އަމަލުކުރަން ފަސްޖެހިގެން ނުވާނެ ކަމަށެވެ.
އޭނާގެ ވާހަކަ ނިންމާލަމުން ބުނީ، ހާލަންޑަކީ އަމިއްލަ ލަނޑުދަނޑިތަކަށް ވުރެ ބޮޑަށް ޓީމުގެ ކާމިޔާބީއަށް އިސްކަންދޭ ކުޅުންތެރިއެއް ކަމަށެވެ.