ENGLISH

27 ޖޫން 2026

Advertisement

ށ. ފުނަދޫގައި އިސްރަށްވެހިންގެ ހިޔާވަހި ޤާއިމުކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

26 ޖޫން 2026

|

އާމިނަތު ނުޒްލާ

ފުނަދޫ އިސްރަށްވެހިންގެ ހިޔާވަހި ގާއިމްކުރުގެ މަޝްރޫއުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ

ށ. ފުނަދޫގައި އިސްރަށްވެހިންގެ ހިޔާވަހި ޤާއިމުކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާޢީލް ޢަލީއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގް ޑައިރެކްޓަރ އަޙްމަދު މުބީންއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން ފުނަދޫގައި 60 މީހުންގެ ޖާގައިގެ ދެ ފަންގިފިލާގެ ޢިމާރާތެއް ބިނާކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މި ޢިމާރާތުގައި ސިއްޙީ ޚިދުމަތްދޭ ތަނަކާއި، އިދާރީ އޮފީހަކާއި، އަދި އެހެނިހެން ޒަރޫރީ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ފުނަދޫ އިސްރަށްވެހިންގެ ހިޔާވަހި ގާއިމްކުރުގެ މަޝްރޫއުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ

މީގެ އިތުރުން، އިސްރަށްވެހިންގެ ރިކްރިއޭޝަން ހަރަކާތްތަކަށް ހާއްސަ ސަރަހައްދެއްވެސް މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭނެ އެވެ.

މި މަޝްރޫޢަކީ ޖުމްލަ 37.46 މިލިއަން ރުފިޔާ އަށް 360 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ހަތަރުހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ފުނަދޫގައި މި ހިޔާވަހި ޤާއިމުކުރުމުން، އެ ރަށުގެ އިސްރަށްވެހިންނަށް ރަށުގައި ތިބެގެން ލިބޭ ސިއްޙީ ފަރުވާގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

މި މަޝްރޫޢުގެ ސަބަބުން ފުނަދޫގެ އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުވެ، އިޖުތިމާޢީ ގޮތުން ރަށަށް ބޮޑެތި ފައިދާތަކެއް ކުރާނެއެވެ. މިއީ ރާއްޖޭގެ އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ހިންގޭ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު