ENGLISH

27 ޖޫން 2026

Advertisement

ވިލުންވެށި ގްރާންޓް ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާގައި ގްރާންޓް 50 ފަރާތަކަށް

26 ޖޫން 2026

|

އާމިނަތު ނުޒްލާ

ވިލުންވެށި ސްކޫލް ގާޑެން ޕްރޮގްރާމްގެ ތެރެއިން-- ފޮޓޯ:މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ

މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް ވިލުންތެރިވުމަށާއި، ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި އުސޫލުތަކުން ކާނާގެ ޔަޤީންކަން ކަށަވަރުކުރުމުގެ މަޤްޞަދުގައި "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

މި އެހީގެ ފުރަތަމަބުރުގައި ހުޅުވާލާފައިވަނީ ވަކި ވަކި ފަރުދުންނަށް ދޫކުރާ ކުދި އެހީތަކަށެވެ. އެގޮތުން ޖުމްލަ 150 ފަރާތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ލިބޭނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެފައިވެއެވެ. އަދި މި އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމަށްފަހު އޭގެ ތެރެއިން އެންމެ އެކަށީގެންވާ 50 ފަރާތަކަށް ގްރާންޓް ދޫކުރުމަށް ނިންމާފައިވާކަމަށްވެސް އެސްއެމްއީ ޑިޖިޓަލް އިން ބުންޏެވެ. 

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ ބުނީ މި ޕްރޮގްރާމަކީ، ވިލުންތެރި އައު އީޖާދުތަކާއި ޑިޖިޓަލް ވަޞީލަތްތަކަށް ހިތްވަރުދީ، ތިމާވެށި ރައްކާތެރިކުރަމުން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެކުލަވާލާފައިވާ މަޝްރޫޢެއް ކަމަށެވެ. އެގޮތުން މި ޕްރޮގްރާމް ކުރިއަށްގެންދަނީ އެސް.އެމް.އީ ޑިޖިޓަލް އަދި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގުޅިގެންނެވެ.

މި މަޝްރޫޢަކީ އެންހާންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓްގެ ދަށުން ތިން މަޝްރޫޢަކަށް ބަހާލައިގެން މޫސުމީ ބަދަލަށް ވިލުންތެރިކަން އިތުރުކޮށް ދެމެހެއްޓެނިވި އިޤްތިޞާދީ ފުރުސަތު ފަހި ކުރުމަށް ގައުމީ ފެންވަރުގައި ހިންގާ މަޝްރޫޢެކެވެ.

މި ގްރާންޓް ސްކީމް ބެހިފައިވަނީ:

* ވަކިވަކި ފަރުދުންނަށް ދޫކުރާ ކުދި އެހީތައް

* މުޖުތަމަޢުތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރާ އެހީ

* މުއައްސަސާތަކުން ހިންގާ ނަމޫނާ މަޝްރޫއުތަކަށް ދޫކުރާ އެހީ

މޫސުމާބެހޭ ވުޒާރާއިން ބުނީ، މި ސްކީމްގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދަނޑުވެރިކަމާއި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޝްރޫއުތަކަށް އެހީވުމަށް ނިންމާފައިވާ ކަމަށެވެ. އަދި ހަމަމިއާއެކު ޑިޖިޓަލް އަދި ތިމާވެއްޓާ ރައްޓެހި އައު އީޖާދުތަކާއި، އުފެއްދުންތެރިކަން އިތުރުކޮށް ކާނާގެ މިންވަރު އިތުރުކޮށް އެއިން ލިބޭ މަންފާ ފުޅާކުރުމަށްވެސް އެހީ ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. މީގެއިތުރުން، އުފެއްދުންތައް ތައްޔާރުކުރުމާއި ބާޒާރުގައި މާކެޓްކުރުމުގެ އައު ގޮތްތައް ތަޢާރަފްކުރުމަށް ހިންގާ ހަރަކާތްތަކަށްވެސް މިގްރާންޓްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށްވެސް މޫސުމާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

މި މަޝްރޫއަށް 150 ފަރާތުން އެޕްލިކޭޝަން ހުށަހެޅުމުން، ނުވަތަ އެއްމަސްވުމުން، އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ބަންދުވާނެކަމަށް އެސްއެމްއީ ޑިޖިޓަލް އިން ބުނެފައިވެއެވެ. މި ފުރުސަތު ހުޅުވާލިތާ އެއްމަސްވާނީ އަންނަ އޮގަސްޓް މަހުގެ 23ގަ އެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ ބުނީ، މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަޤުޞަދަކީ އައު އީޖާދީ ޚިޔާލުތައް ތަންފީޒުކުރުމަށް ކުރިމަތިވާ މާލީ ހުރަސްތައް ނައްތާލައި، ފަރުދުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އީޖާދީ މަސައްކަތްކުރާ ޒުވާނުންނާއި އަންހެނުންގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

މި ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 23 ޖުލައި 2026 އިން ފެށިގެން އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓްގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މިހާރު ހިޅުވާލެވިފައިވެއެވެ. މި ގްރާންޓް ޕްރޮގްރާމްގެ ދަށުން އެކިއެކި ފޭސްތަކަށް ބަހާލައިގެން 300 ފަރާތަކަށް ގްރާންޓް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު