ENGLISH
26 ޖޫން 2026
ކްލަބް މޯލްޑިވްސް ކަޕް: އެޗްޑީސީ އާއި ވެމްކޯއަށް ބޮޑު މޮޅެއް
25 ޖޫން 2026
|
ކްލަބް މޯލްޑިވްސް ކަޕުގައި އެޗްޑީސީ އާއި ކުލަބު ފެން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
އެންމެ މަޤްބޫލު
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް 2026 ގައި މިރޭ ކުޅުނު މެޗުތަކުން ކުލަބު އެޗްޑީސީ އާއި ކުލަބު ވެމްކޯ ބޮޑު މޮޅެއް ހޯދައިފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯސްކޮށްފައިވާ މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕުގައި 17 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ، ބީ އަދި ސީގައި ހަތަރު ޓީމު ހިމެނެއެވެ. އަދި ގްރޫޕް ޑީގައި ހިމެނެނީ ފަސް ޓީމެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް ޑީގައި މިރޭ ކުޅުނު މެޗުން އެޗްޑީސީ މޮޅުވީ ކުލަބު ފެން އަތުން 14-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި އެޗްޑީސީގެ މުޙައްމަދު ސާދު ނިޒާރު ހަތަރު ލަނޑު ޖެހިއިރު، ހުސައިން ސުހައިލް އާއި ނާއިޒް ހަސަން އަދި އަބްދުالله ޝާފިއު، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ދެން އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އަބްދުالله ސުޒައިރު، އެރްޒާން، އަލީ ޝާމިސް އަދި އަލީ އަލްސަނެވެ.
މި މެޗުން އެޗްޑީސީ ބޮޑު މޮޅެއް ހޯދިއިރު، މިއީ މި މުބާރާތުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. އަދި މި މެޗުން ބަލިވި ކުލަބު ފެން ވަނީ މިހާތަނަށް ކުޅުނު ދެ މެޗުންވެސް ތަފާތު ބޮޑުކޮށް ބަލިވެފައެވެ.
ކްލަބް މޯލްޑިވްސް ކަޕުގައި ވެމްކޯ އާއި އިމިގްރޭޝަން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މި ގްރޫޕުގެ އަނެއް މެޗުގައި މިރޭ، މި މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ވެމްކޯއިން ވަނީ 6-2 ގެ ނަތީޖާއަކުން ކުލަބު އިމިގްރޭޝަން ބަލިކޮށްފައެވެ. މި މެޗުގައި ވެމްކޯގެ ފިގެއިރެޑޯ ކަޖާ ދެ ލަނޑު ޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އިބްރާހީމް މައިސާން، މުޙައްމަދު ފާސިރު އަދި އަޙްމަދު ވިޖުދާނެވެ. އަދި އެ ޓީމުގެ ފުރަތަމަ ލަނޑަކީ އިމިގްރޭޝަނުގެ އަޙްމަދު ވިސާމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި އިމިގްރޭޝަނުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ކައިސާން ބިން ހިސާން އާއި ބިކްރާންތު ނަރްސިންގ ރާނާއެވެ.
މި މެޗުން ވެމްކޯ މޮޅެއް ހޯދިއިރު، ފުރަތަމަ މެޗުން އެ ޓީމު ވަނީ އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އަތުން ބަލިވެފައެވެ. އެކަމަކު އިމިގްރޭޝަނުން ކުޅުނު ފުރަތަމަ މެޗުން ވަނީ ކުލަބު ފެން އަތުން ފަސޭހަ މޮޅެއް ހޯދާފައެވެ.
މި މުބާރާތުގެ މެޗުތައް ދެން ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ.