ENGLISH

26 ޖޫން 2026

Advertisement

ފުރިހަމަ މޮޅަކާއެކު އެއްވަނަ މެކްސިކޯއަށް، ހައިރާންކަން ގެނައުމަށްފަހު ދެވަނަ ހޯދީ ދެކުނު އެފްރިކާ

25 ޖޫން 2026

|

މުޙައްމަދު އަދުހަމް

ވޯލްޑް ކަޕުގެ މެޗަށްފަހު މެކްސިކޯގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އޭ ގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، ސައްތައިން ސައްތައިގެ ރެކޯޑަކާއެކު މެކްސިކޯ އިން އެ ގްރޫޕުގެ އެއްވަނަ ހޯދިއިރު، ދެކުނު އެފްރިކާ އިން ދެވަނަ ޓީމުގެ ގޮތުގައި ނޮކްއައުޓް ބުރުން ޖާގަ ހޯދައިފިއެވެ.

މި ގްރޫޕުގެ ފަހު މެޗުގައި މެކްސިކޯ އިން ވަނީ 3-0 ގެ ނަތީޖާއަކުން ޗެކް ރިޕަބްލިކް ބަލިކޮށްފައެވެ. އަދި ދެކުނު ކޮރެއާ އަތުން ދެކުނު އެފްރިކާ މޮޅުވީ 1-0 އިންނެވެ.

މި ނަތީޖާއާއެކު، މެކްސިކޯ އަށް އެއްވަނަ ލިބުނީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެކުނު އެފްރިކާ އަށް ދެވަނަ ލިބުނީ ހަތަރު ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ނިންމާލި ދެކުނު ކޮރެއާ އަށް ލިބުނީ ތިން ޕޮއިންޓެވެ. ފުލުގައި އޮތް ޗެކް ރިޕަބްލިކަށް ލިބުނީ އެއް ޕޮއިންޓެވެ.

މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި މުބާރާތުގެ އެއް ހޯސްޓު ކަމަށްވާ، މެކްސިކޯ އިން އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، މި ހާފުގެ ކުރީކޮޅު ރަނގަޅަށް ފެށީ ޗެކް ރިޕަބްލިކުންނެވެ. އެހެންނަމަވެސް، މެކްސިކޯ އިން ވަނީ މަޑުމަޑުުން އަމިއްލަ ރިދަމް އަށް އެނބުރިގޮސް، މެޗުގެ ކޮންޓްރޯލް އަތުލައިފައެވެ.

ވޯލްޑް ކަޕުގައި މެކްސިކޯ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

އޭގެ ނަތީޖާއެއްގެ ގޮތުން، ދެވަނަ ހާފު ފެށިތާ ދިހަ ވަރަކަށް މިނެޓުގެ ތެރޭގައި މެކްސިކޯ އިން ވަނީ ލީޑުނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަޓެއޯ ޗާވޭޒް އެވެ. 

މެކްސިކޯ އިން ލީޑުނެގިތާ ހަ މިނެޓުގެ ތެރޭގައި ޖޫލިއަން ކުއިނޯނޭސް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. ޒުވާން ކުޅުންތެރިޔާ، ގިލްބާޓޯ މޯރާ ވަރަށް ރީއްޗަށް ބޯޅަ ހިފައިގެންގޮސް ޖޯޖް ސަންޗޭޒަށް ދިން ޕާހަކުން އޭނާ ފޮނުވާލި ބޯޅަ ޗެކް ރިޕަބްލިކްގެ ކީޕަރު، މަޓެޖް ކޯވާ އަތުގައި ޖެހިފައި ނިކުތުމުން ކުއިނޯނޭސް ވަނީ ދެވަނަ ފަހަރަށް އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އޭނާ ޖެހި ދެވަނަ ގޯލެވެ.

މެޗުގެ ފަހު ފަނަރަ މިނެޓަށް މެކްސިކޯގެ ކޯޗު ހަވިއޭ އަގީރޭ ވަނީ، ލެޖެންޑަރީ ކީޕަރު ގިލޭމޯ އޮޗޯއާ ކުޅެން އަރުވާފައެވެ. މިއީ އުމުރުން 40 އަހަރުގެ އޮޗޯއާ ގައުމީ ޓީމަށް ކުޅެދިން 154 ވަނަ މެޗެވެ. އޭނާ އަކީ މިހާތަނަށްއައިއިރު ވޯލްޑް ކަޕްގެ ހަ މުބާރާތުގައި ކުޅުނު މަދު ކުޅުންތެރިންގެ ތެރެއިން އެކެކެވެ. 

މި މެޗުގައި މެކްސިކޯ އިން ޖެހި ތިންވަނަ ލަނޑު، އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އަލްވާރޯ ފިޑަލްގޯ އެވެ. މި ހާފުގައި ބަދަލަށް ކުޅެން ނިކުތް ފިޑަލްގޯ މި ލަނޑުޖެހީ ރޮބާޓޯ އަލްވަރާޑޯ ދިން ބޯޅައަކުންނެވެ. 

ވޯލްޑް ކަޕުގައި ދެކުނު އެފްރިކާ އާއި ދެކުނު ކޮރެއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

މުބާރާތުގައި މި ގްރޫޕުގެ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ދެކުނު ކޮރެއާގެ މައްޗަށް ދެކުނު އެފްރިކާ ކުރިހޯދިއިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ކާމިޔާބުކޮށްދިނީ 63 ވަނަ މިނެޓުގައި ތަޕެލޯ މަސޭކޯ އެވެ.

މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ނޮކްއައުޓް ބުރަށް ދެކުނު އެފްރިކާ ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ ޓީމުން ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ތިން ފަހަރު ކަމަށްވާ، 1998، 2002 އަދި 2010 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ވަނީ ކަޓައިފައެވެ.

މި މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުގައި ދެކުނު އެފްރިކާ ނިކުންނާނީ ގްރޫޕް ބީ ގެ ދެވަނަ މަގާމު ހާސިލްކުރި ކެނަޑާ އާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު