ENGLISH

20 ޖޫން 2026

Advertisement

މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔަކީ ސްޕެއިންގެ ރައްޔިތެއް، ހޫނު މަރުޙަބާއެއް

20 ޖޫން 2026

|

އާމިނަތު އިބްރާހިމް

ޕުރެސް ރިލީޒް ފޮޓޯ

ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މިއަދު ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ އެކު އެ ސަރަހައްދުގެ ވައިގެ މަގުތައް ބަންދުވެ، ބައިނަލްއަގުވާމީ ދަތުރުފަތުރަށް ބުރޫއަރާ، ދިމާވި އެތައް ގޮންޖެހުންތަކަކާ އެކުވެސް، މިދިޔަ އަހަރާ ދާދި އެއް މުއްދަތެއްގެ ތެރޭގައި އެއް މިލިއަން ފަތުވެރިންގެ ލަނޑުދަނޑިއަށް ވާސިލުވެވުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ހަރުދަނާކަން ހާމަކޮށްދޭ ކަމެކެވެ. އަދި މިއީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއެކު ވެސް ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި މި ސިނާއަތުގެ އެންމެހާ ފަރާތްތަކުން ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ކާމިޔާބީ ރަމްޒުކޮށްދޭ ހެއްކެކެވެ.

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިއަކަށް ހޮވުނީ، ފެލިދު އަތޮޅު ފުލިދޫގައި ޗުއްޓީ ހޭދަކުރުމަށް މިއަދު ގަތަރު އެއަރވޭސް އިން އައި ސްޕެއިންގެ އަލްމުދޭނާ އުރުތޫނިއޯ އެސްޕަރްޒާއެވެ. މިއީ މި ފަތުރުވެރިޔާ ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.

އޭނާއަށް އަށް މަރުހަބާ ކިއުމަށްޓަކައި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނާއި، ވިޒިޓް މޯލްޑިވްސް (ވީ.އެމް.ސީ) އާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއް މިއަދު ވަނީ ބާއްވާފަ އެވެ.

ސަގާފީ ހަރަކާތްތަކާއެކު ކުރިއަށް ގެންދިޔަ އެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީނާއި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝިއުރީގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު އާއި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮޕް ޕޮލިސް (ރިޓަޔަރޑް) އަހުމަދު ފަސީހު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ފަތުރުވެރިޔާއަށް ހަނދާނީ ލިޔުމާއި ހަދިޔާ އަރުވާފައިވެއެވެ. 

އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ވަނީ ކޮކޯ ބޮޑު ހިތި ރިޒޯޓުގެ ފަރާތުން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ހަ ދުވަހުގެ ހިލޭ ދަތުރެއް ދީފައިވެއެވެ. އަދި 2027 ވަނަ އަހަރަކީ ރާއްޖެއަށް ޒިޔާރަތްކުރާ އަހަރު ކަމުގައި ވުމުން އަންނަ އަހަރުވެސް ރާއްޖެއަށް ޒިޔާރަތްކުރުމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ވަނީ އޭނާއަށް ދައުވަތު އަރުވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، މުހައްމަދު އަމީން ވިދާޅުވީ، މި އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މިއަދު މަރުހަބާ ކިޔާއިރު، މިއީ ފަތުރުވެރި ކަމުގެ ސިނާއަތަށް މި އަހަރުގެ ތެރޭގައި ކުރިމަތިވި ގޮންޖެހުންތަކަށް ބަލާއިރު ފާހަގަކޮށްލެވޭފަދަ ފަހުރުވެރި ކާމިޔާބީއެއް ކަމަށެވެ. އަދި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން ދަތުރުކުރާ އެންމެ މުހިންމު ވައިގެ މަގުތަކަށް ހުރަސްއެޅިފައި ވުމުގެ ސަބަބުން، ފާއިތުވި މަސްތަކުގައި މި ސިނާއަތަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މިއަދު ހާސިލްކުރެވުނު ލަނޑުދަނޑިއަކީ އެކަމުން އަރައިގަތުމަށް ސިނާއަތުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކުން އެކީގައި ގުޅިގެން ކުރި ބުރަ މަސައްކަތާއި ދެއްކެވި ހިތްވަރުގެ ނަތީޖާކަން ފާހަގަކުރައްވައި، މި ދާއިރާގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް މިނިސްޓަރު ވަނީ އިހުލާސްތެރިކަމާ އެކު ޝުކުރު ރައްދުކުރައްވާފަ އެވެ.

މިއަދުގެ ކާމިޔާބީއާ އެކު މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ކުރިއަށް އޮތް ދުވަސްތަކާ މެދު ވަރަށް ފޮނި އުއްމީދުތަކެއް ކުރެވޭ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީ.އީ.އޯ އަދި މެނޭޖިން ޑައިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، މި ކާމިޔާބީގެ ބޮޑުބައެއް ހިއްސާކުރަނީ ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމާއި ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ކުރީގައި ފައިތިލަ ހަމަކުރުމަށް ރާއްޖެއިން ކުރަމުން އަންނަ ބުރަ މަސައްކަތްތަކަށެވެ.

މިގޮތުން ވައިގެ ދަތުރުފަތުރަށް ކުރިމަތިވި ހުރަސްތަކާ ގުޅިގެން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ އިންޑިއާއި، ޗައިނާ އަދި ރަޝިއާ ފަދަ މާކެޓުތަކަށް ހާއްސަ ސަމާލުކަމެއްދީ، އާ މާކެޓުތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު