ENGLISH

20 ޖޫން 2026

Advertisement

ސާޖަރީއަށްފަހު ކޯނޭގެ ޝުކުރު ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް

20 ޖޫން 2026

|

އިސްމާއިލް ޝާހު

ކެނެޑާގެ މިޑްފީލްޑަރު އިސްމާއިލް ކޯނޭ އަނިޔާވުމާ ގުޅިގެން ސްޓްރެޗަރުގައި ދަނޑުން ބާލަނީ -- ފޮޓޯ: ގެޓީ

ކެނެޑާގެ މިޑްފީލްޑަރު އިސްމާއިލް ކޯނޭގެ ފައި ބިނދުމުގެ ސަބަބުން ކުރި ސާޖަރީއަށްފަހު، އޭނާގެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ދިން އެއްބާރުލުމަށްޓަކައި ޝުކުރުއަދާކޮށްފިއެވެ.

އުމުރުން 24 އަހަރުގެ ކޯނޭއަށް މި އަނިޔާ ލިބުނީ، ބުރާސްފަތި ދުވަހު ގަތަރާ ދެކޮޅަށް ކުޅެ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކެނެޑާ މޮޅުވި މެޗުގައެވެ. ކުރިން ވޮޓްފޯޑަށް ކުޅުނު ކޯނޭއަށް އަނިޔާވީ، ބޯޅަ ހޯދުމަށް އުޅުމުގެ ތެރޭގައި ގަތަރުގެ އާސިމް މަދީބޯ ކުރި ނުރައްކާތެރި ފައުލަކުންނެވެ. ކޯނޭއަށް ދަނޑުމަތީގައި ގިނައިރުތަކެއް ވަންދެން ފަރުވާ ދެމުންދިޔައިރު، ދެ ޓީމުގެ ކުޅުންތެރިންގެ ފަރާތުންވެސް ފެނިގެންދިޔައީ ކަންބޮޑުވުމާއި ހައިރާންކަމެވެ.

ކެނަޑާގެ ނެތަން-ޑައިލަން ސަލީބާ ލަނޑު ޖެހުމަށްފަހު ކޯނޭގެ ޖާޒީ ދައްކާލަނީ --- ފޮޓޯ: ގެޓީ

އިޓަލީގެ ސަސުއޯލޯއަށް ކުޅެމުންދާ ކޯނޭ ސްޓްރެޗަރުގައި ދަނޑުން ބާލަމުން ދިޔައިރު، އޭނާ ވަނީ ސަޕޯޓަރުންނަށް އަތުން އިޝާރާތްކޮށް ހިތްވަރު ދައްކާފައެވެ. ކެނެޑާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ކޯނޭއަށް މި މުބާރާތުގެ ބާކީ ހުރި މެޗުތަކުގައި ދެން ނުކުޅެވޭނެކަން ކަށަވަރުކޮށްދީފައެވެ.

ސާޖަރީއަށްފަހު ކޯނޭ، އޭނާގެ އިންސްޓަގްރާމްގައި ބުނެފައިވަނީ، "ތިޔަ އެންމެންގެ ލޯތްބާއި އެހީތެރިކަން ވަރަށް ބޮޑަށް އިހުސާސް ކުރެވުނު، އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކުރަން. ހާލު ބަލައި، ހެޔޮ ދުއާކޮށްދިން އެންމެހައި ފަރާތްތަކަށް ޝުކުރުވެރިވާވަރު ބަޔާންކޮށްދޭންވެސް ނޭނގޭ. ތިޔަ ދެއްކެވި ސަޕޯޓަކީ އަބަދުވެސް ހަނދާނުގައި ހުންނާނެ ކަމެއް. ވަރަށް އަވަހަށް އެނބުރި އަންނާނަން،"

ގްރޫޕް ބީގައި ކެނެޑާ ކުޅޭ ފަހު މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ނުކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު